Roadha Mihaaru
ޗައިނާގެ ބައި މިލިއަން މީހުން އަލުން ލޮކްޑައުން އަށް

އާ ކްލަސްޓާއަކާ އެކު ޗައިނާގެ ބައި މިލިއަން މީހުން ލޮކްޑައުން އަށް

29 ޖޫން 2020

ބެއިޖިން (ޖޫން 29) - ޗައިނާގެ ވެރިރަށް ބެއިޖިންއާ ކައިރީގައިވާ ޕްރޮވިންސަކުން އާ ކްލަސްޓާއެއް ފެނުމާ ގުޅިގެން ގާތްގަނޑަކަށް ބައި މިލިއަން މީހުން ލޮކްޑައުން ކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެއިޖިން (ޖޫން 29) - ޗައިނާގެ ވެރިރަށް ބެއިޖިންއާ ކައިރީގައިވާ ޕްރޮވިންސަކުން އާ ކްލަސްޓާއެއް ފެނުމާ ގުޅިގެން ގާތްގަނޑަކަށް ބައި މިލިއަން މީހުން ލޮކްޑައުން ކޮށްފި އެވެ.

ޗައިނާ އިން ކޮރޯނާވައިރަސް ކޮންޓްރޯލްކޮށްފައި ވަނިކޮށް ބެއިޖިންގެ މާރުކޭޓަކުން މި މަހު ކުރީކޮޅުން ފެށިގެން ގިނަ ބަޔަކު ވަނީ ޕޮޒިޓިވްވާން ފަށައިފަ އެވެ. ބެއިޖިންއާ ކައިރީގައިވާ ހެބެއި ޕްރޮވިންސް އިން ވޭތުވެދިޔަ ދުވަސްތަކުގައި އާ ކޭސްތައް ފެންނަން ފެށުމާ އެކު އެ ޕްރޮވިންސް މިހާރު ވަނީ ލޮކްޑައުންކޮށްފަ އެވެ.

ސިއްހީ އޮފިޝަލުން ބުނީ ބެއިޖިންގެ ދެކުނުން 150 ކިލޯ މީޓަރު (90 މޭލު) ދުރުގައިވާ އެންޒިން ކައުންޓީ ވަނީ، ޗައިނާގައި ކޮރޯނާވައިރަސް އެންމެ ހަލުވިކަމާ އެކު ފެތުރުނު ދުވަސްވަރު ވޫހާން ސިޓީ ލޮކްޑައުން ކުރި ވަރަށް، ބަންދުކޮށްފައި ކަމަށެވެ. އަސާސީ ތަކެތި ގަތުމަށް ބޭރަށް ނުކުތުމަށް ކޮންމެ ގެއަކުން ވެސް ހުއްދަ ދީފައި ވަނީ އެކަކަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ބެއިޖިން އިން ވަނީ އާ 14 ކޭސް ފެނިފަ އެވެ. ޖޫން މަހު މެދުތެރެއިން ފެށިގެން ބެއިޖިން އިން މިހާތަނަށް ފެނުނު ކޭސްތަކުގެ އަދަދު ވަނީ 311 އަށް އަރައިފަ އެވެ. ބެއިޖިން އިން ފެނުނު ކޭސްތަކުގެ ތިންބައިކުޅަ އެއްބައި ގުޅިފައި ވަނީ ޒިންފާދީ ހޯލްސޭލް މާރުކޭޓަކާ އެވެ. އެންޒިން އިން، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ފެނުނު 12 ކޭސްގެ ތެރޭން 11 ކޭސް ގުޅިފައި ވަނީ ވެސް އެ މާރުކޭޓާ އެވެ.

ބެއިޖިންގެ ޓެސްޓިން ސެންޓަރެއްގައި އިއްޔެ ބައެއް މީހުންގެ ސާމްޕަލް ނަގަނީ. --ފޮޓޯ:އޭއެފްޕީ

ބެއިޖިންގެ ޓެސްޓިން ސެންޓަރެއްގައި އިއްޔެ ބައެއް މީހުންގެ ސާމްޕަލް ނަގަނީ. --ފޮޓޯ:އޭއެފްޕީ

ބެއިޖިން އިން އާ ކޭސްތައް ފެންނަން ފެށުމާ އެކު ވަނީ، ދެ ވަނަ ރާޅެއްގެ ބިރު ބޮޑުވުމުން، ގިނަ ބަޔަކު ޓެސްޓް ކުރަން ނިންމައިފަ އެވެ. އޮފިޝަލުން އިއްޔެ ބުނެފައި ވަނީ މިހާތަނަށް ބެއިޖިން އިން 8.3 މިލިއަން ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭން 7.7 މިލިއަން ވަނީ ޓެސްޓްކޮށްފަ އެވެ.

ބެއިޖިންގައި ބަލި ފެތުރުން ކޮންޓްރޯލްކޮށްފައިވާ ކަމަށް ކުރިން ބުނި ނަމަވެސް ވެރިރަށުގެ އޮފިޝަލެއް ކަމަށްވާ ޒޫ ހެޖިއަން އިއްޔެ ބުނެފައި ވަނީ ހާލަތު ރަނގަޅު ނޫން ކަމަށާއި ވައިރަސް ފެތުރޭ މިންވަރު ދެނެގަތުމަށް ޓްރޭސިން ހަދަން ޖެހޭ ކަމަށެވެ. އަދި ބެއިޖިން އިން ބޭރަށް މީހުން ނުދިއުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮރޯނާވައިރަސް ފެތުރޭ ކަމަށް ޗައިނާ އިން ޑިސެމްބަރު 31 ގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަށް ރިޕޯޓްކުރި ފަހުން، މާޗް މަސް ފެށުމާ ހަމައަށް އެ ގައުމުގައި ޕޮޒިޓިވް ކޭސްގެ އަދަދަކީ ގާތްގަނޑަކަށް 80،000 އެވެ. ނަމަވެސް އޭގެ ފަހުން މިހާތަނަށް ވަނީ 3،500 ކޭސް އިތުރުވެފަ އެވެ. ޗައިނާ އިން މަރުވެފައި ވަނީ 4,634 މީހުންނެވެ.