Roadha Mihaaru
އޮލިމްޕިކްސްއިން ދައްކަނީ އިންސާނިއްޔަތުކަން: ޝާހިދު

އޮލިމްޕިކްސް އިން އިންސާނިއްޔަތުކަން އޭގެ އެންމެ ފުރިހަމަ އަށް ދައްކުވައިދޭ: މިނިސްޓަރު ޝާހިދު

05 ފެބުރުއަރީ 2022

އޮލިމްޕިކްސް އަކީ އިންސާނިއްޔަތުކަން އޭގެ އެންމެ ފުރިހަމަ އަށް ދައްކުވައިދޭ ކުޅިވަރު ހަރަކާތް ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އޮލިމްޕިކްސް އަކީ އިންސާނިއްޔަތުކަން އޭގެ އެންމެ ފުރިހަމަ އަށް ދައްކުވައިދޭ ކުޅިވަރު ހަރަކާތް ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، 24 ވަނަ ވިންޓަ އޮލިމްޕިކް ގޭމްސްގެ ރަސްމީކޮށް ފެށުމަށް އިއްޔެ ބެއިޖިންގައި ކުރިޔަށް ގެންދިޔަ ވިންޓާ އޮލިމްޕިކް ޓޯޗު ރިލޭގައި އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، ދަންމަރު ހިއްޕަވައިގެން ދުވެވަޑައިގަތުމަށް ފަހު ކުރެއްވި ޓުވީޓްތަކެއްގަ އެވެ. ޝާހިދުއާ ދަންމަރު ހަވާލު ކޮށްދެއްވީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ ރައީސް ތޯމަސް ބަކް އެވެ.

ޝާހިދު ވިދާޅުވީ، އެ ރަސްމިއްޔާތުގައި ބައިވެރިވެޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އޮލިމްޕިސްކް އިވެންޓަކީ އިންސާނިއްޔަތުކަމާއި ގައުމުތަކުގެ ސުލްހަ އާއި އެކުވެރިކަމަށް މުހިއްމު ހަރަކާތެއް ކަމަށެވެ.

ދުނިޔޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ބަކް އާއި ފޮރިން މިނިސްޓަރު ޝަހީދު.-- ފޮޓޯ: އޭއެފްޕީ

ދުނިޔޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ބަކް އާއި ފޮރިން މިނިސްޓަރު ޝަހީދު.-- ފޮޓޯ: އޭއެފްޕީ

"އޮލިމްޕިކްސް އިން އިންސާނިއްޔަތުކަން އެންމެ ފުރިހަމަ އަށް ދައްކުވައިދޭ. މޮޅުވުމާއި ބަލިވުމުގައި ވެސް އެންމެން އެކުގައި ރީތި ނަމޫނާ ދައްކާ. މިއީ މި އިވެންޓުގެ މަގްސަދަކީ. އަދި އޮލިމްޕިކްސް ދަންމަރުގެ ހުޅުކޮޅުން ވެސް ރަމްޒު ކޮށްދެނީ އެކަން،" ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ސުލްހަ އަށް މަސައްކަތްކުރާ ބައެއް. ޔުނައިޓެޑް ނޭޝަންސް (އދ) ގެ މުއާހަދާ އެކުލަވައިލެވުނީ ހަނގުރާމަ އިން ސަލާމަތްވެ، ގައުމުތަކުގެ މެދުގައި ސުލްހަ މަސަލަސްކަން ގާއިމު ކުރުމަށް. އައިއޯސީ އިން ގައުމެއްގެ ރައްޔިތުން ގަބޫލުކުރާ ގަބޫލު ކުރުންތަކަށް ބެލުމެއް ނެތި، އެންމެނަށް ވެސް ހަމަހަމަ އުސޫލުން ފުރުސަތު ތަނަވަސް ކޮށްދޭ."

ޝާހިދު ވިދާޅުވިގޮތުގައި، އެކި ގައުމުތަކުގައި އޮލިމްޕިކްގެ އެތުލީޓުން ވާދަކުރާއިރު، ދުނިޔެއަކީ އެންމެންނަށް ވެސް އަމާން ތަނަކަށް ހެދުމަށް ކުރާ މަސައްކަތަށް ކުރިއެރުން ގެނުވާނެ ކަމަށެވެ.

މި އަހަރުގެ ވިންޓާ އޮލިމްޕިކްސް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

މި އަހަރުގެ ވިންޓާ އޮލިމްޕިކްސް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

މި އަހަރުގެ ވިންޓަ އޮލިމްޕިކްސް ރަސްމީކޮށް އިއްޔެ ފެށި ނަމަވެސް ގޭމްސްގެ ކުޅިވަރުތައް ވަނީ މިދިޔަ ބުދަ ދުވަހު ފަށައިފަ އެވެ. މި އަހަރުގެ ގޭމްސް ގައި 91 ގައުމަކުން 3،000 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރި ވެފައިވެ އެވެ. ބެއިޖިންގެ އިތުރުން ޔަންޖިން އާއި ޖިއާންޖިއާކޯގައި ވެސް ގޭމްސްގެ އިވެންޓުތައް ކުރިއަށް ދާނެ އެވެ.

މި ފަހަރުގެ ވިންޓަ އޮލިމްޕިކްސްއާ އެކު، ބެއިޖިންވެފައި ވަނީ ހޫނު މޫސުމުގެ އޮލިމްޕިކްސް އާއި ފިނި މޫސުމުގެ އޮލިމްޕިކްސް ބާއްވާ ފުރަތަމަ ސިޓީ އަށެވެ. ބެއިޖިންގައި ސަމާ އޮލިމްޕިކްސް ބާއްވާފައި ވަނީ މީގެ 14 އަހަރު ކުރިން 2008 ވަނަ އަހަރު އެވެ.

ޗައިނާގައި ފާޅުކަން ބޮޑު ގޮތެއްގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކާ އެކު ވެސް އޯއައިސީ އިން މި އިވެންޓް ބާއްވަން ޗައިނާ އަށް ފުރުސަތު ދިނުމުން އެ ކޮމިޓީ އަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ޗައިނާ އިން އެ ގައުމަށް ކުރާ ތުހުމަތުތަކާ ދެކޮޅު ހަދާއިރު، އައިއޯސީގެ ރައީސް ބަކް ވިދާޅުވީ، ގޭމްސްގެ މަގްސަދަކީ އެންމެނެ އެއްބައިވަންތަ ކުރުވުން ކަމަށެވެ.

މިކަމާ ގުޅިގެން ގިނަ ގައުމުތަކަކުން ވަނީ ޗައިނާގައި ބާއްވާ އޮލިމްޕިކްސް ޑިޕްލޮމެޓިކް ގޮތުން ބޮއިކޮޓް ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތް، އެމެރިކާ، ކެނެޑާ އަދި އޮސްޓްރޭލިއާ އާއި ޑެންމާކާއި އިންޑިއާ ވެސް ހިމެނެ އެވެ.