Roadha Mihaaru
ބޭނުންޖެހޭ ކޮންމެ ވަގުތަކު ޗައިނާއިން އެހީވާނެ: ސަފީރު

ބޭނުން ޖެހޭ ކޮންމެ ވަގުތަކު ޗައިނާ އިން އެހީވާނެ: ސަފީރު

18 ނޮވެމްބަރ 2020

އަންނަ އަހަރު ރާއްޖެއިން ޗައިނާ އަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަން ފާހަގަކުރައްވައި ރާއްޖޭން އެހީއަށް ބޭނުންވާ ކޮންމެ ދަނޑިވަޅަކު ވެސް އެ ގައުމު އޮންނާނެ ކަމަށް، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޒޯންގް މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަންނަ އަހަރު ރާއްޖެއިން ޗައިނާ އަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަން ފާހަގަކުރައްވައި ރާއްޖޭން އެހީއަށް ބޭނުންވާ ކޮންމެ ދަނޑިވަޅަކު ވެސް އެ ގައުމު އޮންނާނެ ކަމަށް، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޒޯންގް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން މިއަދު ބުނެފައިވާ ގޮތުގައި ޗައިނާއިން ބައެއް ލޯނުތައް ފަސް ކޮށްދީފައިވަނީ ޖީ-20ގެ "ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް" (ޑީއެސްއެސްއައި)ގެ ދަށުންނެވެ. މިއީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފަގީރު ގައުމުތަކުން ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރު ކޮށްދިނުމުގެ ގޮތުން ވޯލްޑް ބޭންކުން ނަގާފައިވާ އިނީޝިއޭޓިވް އެކެވެ.

ލިޖޮންގް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯނުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށާއި ޗައިނާގެ ލޯނުތައް ދެއްކުމުގައި ދީފައިވާ ލުއި މިނިސްޓަރު ބަލައިގެންނެވި ކަމަށެވެ.

"ހަގީގީ ރަހުމަތްތެރިންނަކީ ބޭނުން ޖެހިފައިވާ ވަގުތު އެހީވާ މީހުން،" އިނގިރޭސި ހަރުބަހެއް ޓްވީޓްކުރައްވަމުން ސަފީރު ވިދާޅުވި އެވެ.

"ރާއްޖެ އާއި ޗައިނާއާ ދެެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް، ޗައިނާއިން އަބަދުވެސް އެހީތެރިވާނެ،"

ލޯނު ދެއްކުމުގައި ދީފައިވާ ލުއިގެ ދަށުން، ޗައިނާގެ އިތުރުން ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުން ނަގާފައިވާ ލޯނުތަކަށް ދައްކަން ޖެހޭ ފައިސާ، އަންނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ދައްކާކަށް ނުޖެހޭނެ އެވެ. މި ލުޔާ އެކު އަންނަ އަހަރު ދައްކަން ޖެހޭ ދަރަނިން 809.1 މިލިއަން ރުފިޔާ ކުޑަ ކުރެވޭނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޗައިނާއިން ލޯނުތަކަށް ލުއި ނުދޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ޗައިނާ ފަދަ ތަނަވަސް ގައުމަކުން، ރާއްޖޭގައި ތިބި ހަތަރު ލައްކަ މީހުން ކައިރީގައި "ފައްޓަރުބައި ވިއްކާފައި" އެ ގައުމުގެ ބޭންކުތަކަށް އަނބުރާ ފައިސާ ދައްކާށޭ ބުނާތީ އަޖައިބުވެ އަންތަރީސްވެ ވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ދަރަނި ދެއްކުމަށް ހަތަރު ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މީގެ ތެރެއިން 80 ޕަސެންޓު ދައްކަން ޖެހޭނީ ޗައިނާ އަށް ކަމަށް ވިދާޅުވެ ނަޝީދު ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

ކުރީގެ ސަރުކާރުގައި ޗައިިނާގެ އެހީގައި ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ އެވެ. އޭގެ ތެރެއިން ގިނަ މަޝްރޫއުތައް ހިންގީ އެ ގައުމުގެ ލޯނު އެހީ އާއި ހިލޭ އެހީގެ ދަށުންނެވެ. އެކަމަކު މި ސަރުކާރުން، ޗައިނާއަށް ވުރެ އިންޑިއާގެ އެހީއަށް ބަރޯސާ ވެފައިވުމާއެކު ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ނުތަނަވަސްކަން ވެރިވެފައި ވެ އެވެ. އަދި ޗައިނާއިން ލޯނުތައްް ދޫކުރަނީ ދަރަނީގެ މަޅިއަކަށް ވާ ގޮތަށް ކަމަށް ބުނެ މި ސަރުކާރުގެ ބައެއް އިސްވެރިން ދައްކަވާ ވާހަކަތަކަށް، ސަފީރު އާއްމުކޮށް ރައްދު ދެއްވަ އެވެ.