Roadha Mihaaru
ޗައިނާއާ އެކު އިތުރަށް ގުޅުން ބަދަހިވާނެ: ޝާހިދު

މި ސަރުކާރުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވާނެ: ޝާހިދު

08 ޖެނުއަރީ 2022

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން މި ސަރުކާރުގައި އިތުރަށް ބަދަހިވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިިދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން މި ސަރުކާރުގައި އިތުރަށް ބަދަހިވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިިދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ޗައިނާގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ މިދިޔަ 50 އަހަރުގެ ތެރޭގައި ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ރާއްޖެ އާއި ޗައިނާގެ ގުޅުން މި ސަރުކާރުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި އެކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ޝީ ޖިންގްޕިންގެ ވެރިކަމުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރު ހަރުފަތަކަށް ދާނެކަމާ މެދު ޝައްކެއް ނެތް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިިދު ވިދާޅުވީ ރާއްޖެ އާއި ޗައިނާގެ ގުޅުން ބިނާވެފައި އޮތީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމާއި "ވަން ޗައިނާ" ސިޔާސަތަށް ރާއްޖެއިން ކުރާ ތާއީދުގެ މައްޗަށް ކަމަށެވެ.

އިތުރު ދާއިރާތަކުން ވެސް ދެ ގައުމުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މިއަދު މަޝްވަރާކޮށްފައިވާ ކަމަށާއި އަދި ބައިނަލްއަގްވާމީ ގޮތުން ދެ ގައުމުން އެއްބަސްވާ ކަންކަމުގައި އދ. ގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ވަންގް ޔީ އާ އެކު މިއަދު މަޝްވަރާކުރެއްވި ކަމަށް، އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ޝާހިދު ވިދާޅުވި އެވެ.

ޗައިނާއިން މިއަދު ވަނީ ރާއްޖެއަށް 960 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި ޗައިނާއަށް ދާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމެއްގެ އިތުރުން އެހެން ބައެއް އެއްބަސްވުންތަކުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.