Roadha Mihaaru
ބެއިޖިންގައި ދުވާލަކު 1 މިލިއަން މީހުން ޓެސްޓްކުރެވޭނެ

ބެއިޖިންގައި ދުވާލަކު އެއް މިލިއަން މީހުން ޓެސްޓް ކުރެވޭނެ

22 ޖޫން 2020

ބެއިޖިން (ޖޫން 22) - ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދުވާލަކު އެއް މިލިއަން މީހުން ކޮރޯނާވައިރަހަށް ޓެސްޓް ކުރުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެއިޖިން (ޖޫން 22) - ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދުވާލަކު އެއް މިލިއަން މީހުން ކޮރޯނާވައިރަހަށް ޓެސްޓް ކުރުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލްކޮށްފައި ވަނިކޮށް ބެއިޖިން އިން އާ ކޭސްތައް ފެންނަން ފެށުމުން އެ ސިޓީގައި މިހާރު ވަނީ ސްކްރީން ކުރުން ފުޅާކޮށްފަ އެވެ. ވިހި މިލިއަން މީހުން ދިރިއުޅޭ ބެއިޖިންގައި ވައިރަސް ފެތުރެން ފަށާފައި ވަނީ ހޯލްސޭލް މާރުކޭޓަކުން ކަމަށް އޮފިޝަލުން ލަފާކުރެ އެވެ.

ޓެސްޓް ކުރުމުގައި ފުރަތަމަ އިސްކަން ދީފައި ވަނީ ޒިންފާދީ މާރުކޭޓުގެ ސްޓާފުންނާއި އެ ތަނުން ވިޔަފާރިކޮށްފައިވާ މީހުންނަށެވެ. އަދި އެ މާރުކޭޓާ ކައިރީގައި ދިރިއުޅޭ މީހުން ޓެސްޓް ކުރަން ވެސް ނިންމި އެވެ.

ބެއިޖިންގައި ކޮވިޑް-19 އަށް ޓެސްޓް ކުރަން ގޮސް ތިބި ބަޔަކަށް މެޑިކަލް ވޯކަރަކު އެހީތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ބެއިޖިންގައި ކޮވިޑް-19 އަށް ޓެސްޓް ކުރަން ގޮސް ތިބި ބަޔަކަށް މެޑިކަލް ވޯކަރަކު އެހީތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ބެއިޖިންގެ މާރުކޭޓުން ބަލި ފެތުރެން ފެށި ނަމަވެސް، ޓެސްޓް ކުރުން ފުޅާކޮށް، މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ބެއިޖން އިން ޕޮޒިޓިވްވެފައި ވަނީ ނުވަ ކޭސް އެވެ. އޭގެ ކުރީ ދުވަހު 22 މީހުން ޕޮޒިޓިވްވި އެވެ. ބެއިޖިންގައި މި ފަހުން ވައިރަސް ފެތުރެން ފެށި ފަހުން 230 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

ބެއިޖިންގެ ހެލްތު ކޮމިޝަނުގެ ތަރުޖަނާން ގާއޯ ޒިއާއޯޖުން ވިދާޅުވީ ދުވާލަކު އެވްރެޖްކޮށް މިހާރު ޓެސްޓް ކުރަނީ 230،000 މީހުން ކަމަށެވެ. ޓެސްޓް ކުރުމުގެ މަސައްކަތަށް އެހީވުމަށް ހުބެއި އާއި ލިއަނިން ޕްރޮވިންސް އިން ލެބޯޓްރީ ޓެކްނީޝަނުން ބެއިޖިން އަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ވޫހާން ސިޓީން ވެސް މިދިޔަ މަހު ވަނީ އެ ސިޓީގެ 11 މިލިއަން މީހުން ދެ ހަފުތާއެއްހާ ދުވަހު ތެރޭ ކޮރޯނާވައިރަހަށް ޓެސްޓްކޮށްފަ އެވެ.