Roadha Mihaaru
ޖިމެއްގައި ކަސްތަރުކުރަން ކޮންމެ މީހަކަށް ކޮއްޓެއް

ޖިމެއްގައި ކަސްތަރުކުރަން ކޮންމެ މީހަކަށް ކޮއްޓެއް

20 ޖޫން 2020

ކޮވިޑް-19އާ ހެދި ހުރިހާ ކަމަކަށް ވެސް ބަދަލު އަތުވެއްޖެ އެވެ. އެގޮތުން ޖިމްތަކަކީ މީގެ ކުރިން ހިންގި އުސޫލުތަކަށް ހިންގޭނެ ތަންތަނެއް ނޫނެވެ، އެއް ކަމަކީ އެފަދަ ތަންތަނަކީ އާންމުކޮށް ގިނަ ބަޔަކު އެއްތާކަށް ޖަމާވެގެން ކުރާ ކަމަކަށްވުމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19އާ ހެދި ހުރިހާ ކަމަކަށް ވެސް ބަދަލު އަތުވެއްޖެ އެވެ. އެގޮތުން ޖިމްތަކަކީ މީގެ ކުރިން ހިންގި އުސޫލުތަކަށް ހިންގޭނެ ތަންތަނެއް ނޫނެވެ، އެއް ކަމަކީ އެފަދަ ތަންތަނަކީ އާންމުކޮށް ގިނަ ބަޔަކު އެއްތާކަށް ޖަމާވެގެން ކުރާ ކަމަކަށްވުމެވެ.

އެކަމަކު ކޮވިޑް-19އާ ހެދި ތަބާވާން ޖެހޭ ސޯޝަލް ޑިސްޓެންސިން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ކުރަން އުނދަގޫ ކަންކަން ވެސް އެބަހުއްޓެވެ.

އެމެރިކާގެ ކެލިފޯނިއާގެ ރެޑޮންޑޯގައި ހިންގާ ޖިމަކުން މިކަމަށް ދިން ޖަވާބަކީ ޕްލާސްޓިކް ޕޮޑްތަކެވެ. "އިންސްޕަޔާ ސައުތު ބޭ ފިޓްނެސް" އަށް ގެނައި މައިގަނޑު ބަދަލަކީ ކަސްރަތުކުރާ އިރު ގައިދުރުކަން ބެހެއްޓުމަށް ކޮންމެ މީހަކު ވެސް ވަކި ޕޮޑެއްގެ ތެރޭގައި ހުރުމެވެ. މި ޕޮޑްތައް ފަރުމާކޮށްފައި ވަނީ ހަމަޖެހިގެން އޭގެ ތެރޭގައި ހުރެގެން ކަސްރަތުކޮށްލެވޭ ގޮތަށެވެ.

ސެޕްސިން.

ސެޕްސިން.

މި ގެނައި ބަދަލާ ބެހޭ ގޮތުން "އިންސްޕަޔާ ސައުތު ބޭ ފިޓްނެސް" ގެ ވެރިޔާ ސެޕްސިން ބުނީ މިގޮތަށް ޕޮޑްތަކެއް ތެރޭގައި ތިބެގެން ކަސްރަތުކުރަން ޖެހޭ ހެދީ އާންމުކޮށް އެތަނުގެ ހިދުމަތް ހޯދާ ކަސްޓަމަރުންގެ ލަފަ އާއި މަޝްވަރާގެ މަތިން ކަމަށެވެ.

"ކުރިން އަހަރެމެން ނިންމީ އަންނަ ކޮންމެ ކަސްޓަމަރަކަށް މާސްކާއި އަންގި ފަދަ އެއްޗެހި ދީގެން ކުލާސްތައް ކުރިއަށް ގެންދަން. އެކަމަކު ކްލައިޓުންނާ މަޝްވަރާކޮށް ހިޔާލު ހޯދުމަށް ފަހު ޕޮޑްތަކެއް ބަހައްޓާ ގޮތަށް ނިންމީ." އަންހެނުންނާ ގުޅިގެން ހިންގާ ޖިމާ ބެހޭ ގޮތުން ސެޕްސިން ބުންޏެވެ.

އޭނާ ބުނިގޮތުގައި ޕޮޑްތަކެއް ބަހައްޓައިގެން ދާއިމީކޮށް ކުލާސްތައް ކުރިއަށް ގެންދިއުމަކީ ހަރަދު ވެސް ކުޑަވާނެ ގޮތެކެވެ.

"މިސާލަކަށް ކޮންމެ ދުވަހަކު އަންނަހާ ކްލައިޓުންނަށް މާސްކާއި އަންގި ފަދަ އެއްޗެހި ދޭ ކަމަށް ވަންޏާ ހަރަދު ބޮޑުވެފައި ކުނި އުދެފޭ މިންވަރު ވެސް އިތުރުވާނެ،" ސެޕްސިން ބުންޏެވެ. "އެހެންވެ ޕޮޑްތައް ބެހެއްޓުން މާ ރަނގަޅު ކަމަށް ފެނުނީ. މިއީ ހަމަ ވަރަށް ރައްކާތެރި ގޮތަކަށް ވާނެ."

"އިންސްޕަޔާ ސައުތު ބޭ ފިޓްނެސް" ގައި ބަހައްޓާފައި ޕޮޑްތައް ހަދާފައި ވަނީ ޕީވީސީ ހޮޅި އާއި ޝަވާ ކާޓެއިން ބޭނުންކޮށްގެންނެވެ. އެގޮތުން ހަތަރެސް ބައްޓަމަށް ހުންނަ ޕޮޑްތަކުގެ ތިން ފަރާތް އިންނަނީ ޝަވާ ކާޓެއިނުން ބައްދައިފަ އެވެ. ޕޮޑްތަކުގެ އުސް މިނުގައި 10 ފޫޓް އަދި ފުޅާ މިނުގައި ހަ ފޫޓް ހުރެ އެވެ. ޖިމްގައި ބަހައްޓަން ހެދި ޕޮޑްތަކަށް ހަރަދުވީ 400 އެއްހާ ޑޮލަރު ކަމަށް ސެޕްސިން ބުންޏެވެ.

ސެޕްސިން ބުނިގޮތުގައި ފުރަތަމަ ނަމޫނާއަކަށް ޕޮޑްތަކެއް ހަދާފައި ކްލައިޓުން ތަޖުރިބާކޮށްލަން ވެސް ފުރުސަތު ދިނެވެ. އެގޮތުން ޕޮޑްތަކުގެ ތެރޭގައި ކަސްރަތުކުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ގިނަ ކްލައިޓުން އެއްބަސްވުމުން މިކަން ކުރިއަށް ގެންދަން ނިންމީ އެވެ.

"ސޯޝަލް ޑިސްޓެންސިންއާ އެކު ޖިމްގެ ސާފުތާހިރުކަން ވެސް ކުރިއަށް ވުރެ ބޮޑުވާނެ. އެގޮތުން ކޮންމެ ސެޝަނަކަށް ފަހު އެ ޕޮޑްތައް އެ ބޭނުން ކުރާ ކްލައިޓަކު ޖެހޭނެ ސާފުކޮށް ޑިސްއިންފެކްޓްކުރަން. އެކަމަށް ބޭނުންވާ ސްޕްރޭއާ އެއްޗެހި ޕޮޑްތެރޭގައި ހުންނާނެ." ސެޕްސިން ބުންޏެވެ.

ޖިމަށް ގޮސް ޕޮޑްތަކަށް ވަނުމުގެ ކުރިން ސެނިޓައިޒާ ލައި ސާފުވާންޖެހޭނެ އެވެ.