Roadha Mihaaru
ކަޅު ކޮފީ ބޯ ހިތްވުން ގުޅެނީ މީހާ ޖީންއާ

ކަޅު ކޮފީ ބޯ ހިތްވުން ގުޅެނީ މީހާގެ ޖީންއާ

31 ޑިސެމްބަރ 2021

ކަޅު ކޮފީން ލިއްބައިދޭ ފައިދާތަކުގެ ވާހަކަ މި ފަހުން ވަރަށް ގިނަ ދިރާސާތަކުން ތިލަކޮށް ދީފައިވެ އެވެ. އޭގެ ތެރޭގައި ބަރުދަން ލުއިކޮށް ދިނުމާއި ހިތުގެ މައްސަލަތަކާއި ހަކުރު ބައްޔާއި ތުރުތުރު އަޅާ ބަލި ފަދަ ކަންކަމުން ވެސް ރައްކާތެރިކޮށް ދޭން ބާރަކަށްވުން ހިމެނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަޅު ކޮފީން ލިއްބައިދޭ ފައިދާތަކުގެ ވާހަކަ މި ފަހުން ވަރަށް ގިނަ ދިރާސާތަކުން ތިލަކޮށް ދީފައިވެ އެވެ. އޭގެ ތެރޭގައި ބަރުދަން ލުއިކޮށް ދިނުމާއި ހިތުގެ މައްސަލަތަކާއި ހަކުރު ބައްޔާއި ތުރުތުރު އަޅާ ބަލި ފަދަ ކަންކަމުން ވެސް ރައްކާތެރިކޮށް ދޭން ބާރަކަށްވުން ހިމެނެ އެވެ.

އެކަމަކު ސުވާލަކީ ކަޅު ކޮފީ ބޯން ކިހާ ވަރަކަށް ގަޔާވެވޭތޯ އެވެ؟ ބައެއް މީހުންނަށް ކަޅު ކޮފީ ވަރެއް ނޯވެ އެވެ. އެކަމަކު ކަޅު ކޮފީ ހިތިވެގެން އެ ނުބޯ މީހުން ވެސް މަދެއް ނޫނެވެ. އާ ދިރާސާއެއްގައި ބުނާ ގޮތުން ކަޅު ކޮފީ/ސައި/ޑާކް ޗޮކްލެޓް އިހުތިޔާރު ކުރެވެނީ އެއީ މީހާގެ ޖީންއާ ގުޅިފައިވާ ކަމަކަށް ވާތީ އެވެ. އެގޮތުން ކަޅު ކޮފީ އަށް ހިތްކިޔާ މީހުންނަކީ އެ މީހުންގެ ހަށިގަނޑުގައި އެކުލެވޭ ހާއްސަ ޖީންއެއްގެ ސަބަބުން ދިމާވާ ގޮތެކެވެ. މި ޖީންގެ ސަބަބުން ކޮފީގައިި އެކުލެވޭ ކެފެއިން ވަރަށް އަވަހަށް މެޓަބޮލައިޒްކޮށްލަ އެވެ.

ނަތީޖާ އަކީ ގިނައިން ކަޅު ކޮފީ ބޯ ހިތްވުމާއި އޭގެ ސަބަބުން ކުރާ ހެޔޮ އަސަރު ވެސް ބޮޑުވުމެވެ. ކެފެއިން އަކީ ހިއްސުތައް ހޭލައްވާލައި، މީހާގެ މޫޑް ވެސް ރަނގަޅު ކޮށްދޭ މާއްދާއެކެވެ. ހިތި ރަހަދޭ ކަޅު ކޮފީ އަކީ ވަރަށް ރަނގަޅު ބުއިމެއް ކަމަށް ނޭޗަ ސައިންޓިފިކް ރިޕޯޓްސްގައި ޝާއިއުކޮށްފައިވާ އާ ދިރާސާގައި ބުންޏެވެ.

އެ ދިރާސާގައި މަސައްކަތް ކުރެއްވި އެމެރިކާގެ ނޯތުވެސްޓަން ޔުނިވަސިޓީ ފެއިންބާގް ސްކޫލް އޮފް މެޑިސިންގެ ޕްރެވެންޓިވް މެޑިސިންގެ އެސޯސިއޭޓް ޕްރޮފެސަރު އަދި ކެފެއިން ރިސާޗަރު މެރިލީން ކޯނެލިޒް ވިދާޅުވީ ކަޅު ކޮފީ އަށް ހިތްކިޔާ ޖީން ހުންނަ މީހުންނަކީ އެކަމާ އުފާ ކުރަން ޖެހޭ ބައެއް ކަމަށެވެ. އަދި ހަމަ އެ ޖީންގެ ސަބަބުން އެފަދަ މީހުންނަށް ކަޅު ސަޔާއި ޑާކް ޗޮކްލެޓަކީ ވެސް ވަރަށް ގަޔާވާ އެއްޗަކަށް ވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑާކް ޗޮކްލެޓަކީ ވެސް ސިއްހީ ގޮތުން އެތައް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ. އޭގެ ތެރޭގައި ހިތުގެ މައްސަލަތަކާއި ހަކުރު ބައްޔާ ދުރުކޮށްދިނުން ހިމެނެ އެެވެ. އެކަމަކު އެ ތަކެތި ބޭނުން ކުރަން ވާނީ ކޮންޓްރޯލް ނުގެއްލޭ މިންވަރަށެވެ. ޑާކް ޗޮކްލެޓް ވިޔަސް މާ ގިނައިން ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ޑާކް ޗޮކްލެޓަކީ ކެލަރީ މަތީ މިންވަރަކަށް އެކުލެވޭ އެއްޗަކަށްވާތީ، މާ ގިނައިން ކާ ނަމަ ފަލަވުމުގެ މައްސަލަ އާއި ހިތުގެ ހިނގުން އަވަސްވުމާއި މޫޑް ހަރާބުވުން ފަދަ މައްސަލަތައް ހިމެނެ އެވެ.

"ކަޅު ކޮފީ އާއި ޑާކް ޗޮލްކެޓް ވެސް ކަމުދަނީ އޭގައި ހުންނަ ހިތި ރަހައާ އެކުގައި ކަމަށްވާތީ އެކަމަށް ހިތްކިޔާ ޖީން ހުންނަ މީހުންނަކީ އާންމުކޮށް ދުވާލެއްގެ މައްޗަށް ތިން ހަތަރު ކޮފީ ބޯލަން ހިތްއެދޭ ބައެއް. "އެހެންވީމަ މިހާރު އެބަ އެނގޭ ހިތި ރަހަ އަކީ ވެސް ކިހާ މުހިއްމު އެއްޗެއްކަން." ކޯނެލިޒް ވިދާޅުވި އެވެ.

ކަޅު ކޮފީގެ މި ދިރާސާގެ ނަތީޖާ އަށް ފަހު ކޯނެލިޒް އާއި އޭނަގެ ޓީމުން މިހާރު ނިންމާފައި ވަނީ ހިތި ރަހަދޭ އެހެން ކާނާ އާއި ބުއިންތަކަށް ހިތް ކިޔަނީ ކީއްވެ، ކިހާ ވަރަކަށްތޯ ބެލުމަށް އިތުރު ބޮޑު ދިރާސާއެއް ހެދުމަށެވެ.

"މި ދިރާސާ އިން އެބަ ހާމަކޮށްދޭ ހިތި ރަހަދޭ ކަޅު ކޮފީ އަށް ހިތްކިޔާ މީހުންނަކީ ސިއްހީ ގޮތުން ދުޅަހެޔޮ އެހެން ކަންކަމަށް ވެސް އިސްކަންދޭނެ ބައެއްކަން." ކޯނެލިޒް ވިދާޅުވި އެވެ.