Roadha Mihaaru
ދުވާލަކަށް ވިޓަމިން ސީގެ މިންވަރު ދެ ގުނަކުރަން ޖެހޭ

ދުވާލަކަށް ވިޓަމިން ސީގެ މިންވަރު ދެ ގުނަކުރަން ޖެހޭ

13 އޮކްޓޯބަރ 2021

ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ވިޓަމިން ސީ ބޭނުންވާ ކަމަށް މިހާރު ލަފާ ދީފައި އޮތް މިންވަރުގެ ދެ ގުނަ ބޭނުންވާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ވިޓަމިން ސީ ބޭނުންވާ ކަމަށް މިހާރު ލަފާ ދީފައި އޮތް މިންވަރުގެ ދެ ގުނަ ބޭނުންވާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ދީފައި އޮންނަ ލަފަ އަކީ ދުވާލެއްގެ މައްޗަށް މަދުވެގެން 40-45 މިލިގްރާމްގެ ވިޓަމިން ސީ ބޭނުން ކުރުމެވެ. ނަމަވެސް އެމެރިކާގެ ކްލިނިކަލް ނިއުޓްރިޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ އެ ގައުމުގެ ދަ ސޯބީ ރިސާޗް އިންސްޓިޓިއުޓުން ހަދާފައިވާ ދިރާސާގައި ބުނާ ގޮތުން ދުވާލެއްގެ މައްޗަށް ވިޓަމިން ސީ ބޭނުންވާ މިންވަރު ކަމަށް ކަނޑައަޅާފައި އޮތް މިންވަރަކީ މިހާރުގެ ހާލަތަށް ބަލާ އިރު އެކަށީގެންވާ ނުވާ މިންވަރެކެވެ.

އެެހެންވެ އެ ދިރާސާގައި ލަފާ ދެނީ އޭގެ ދެ ގުނަ ނުވަތަ އެންމެ މަދުވެގެން ވެސް ދުވާލެއްގެ މައްޗަށް 70 މިލިގްރާމްގެ ވިޓަމިން ސީ ބޭނުން ކުރުމަށެވެ. ސޯބީ ރިސާޗް އިންސްޓިޓިއުޓުން ފާހަގަ ކޮށްފައިވާ ގޮތުގައި ދުވާލެއްފެ މައްޗަށް 40-45 މިލިގްރާމްގެ ވިޓަމިން ސީ ފުދޭ ކަމަށް ކަނޑައަޅާފައި އޮތީ ދެވަނަ ބޮޑު ހަނގުރާމައާ އެކު ކުރިމަތިވި ބޮޑުދަތާ އެކު އެ ދުވަސްވަރުގެ ހާލަތަށް ރިއާޔަތްކޮށްފަ އެވެ.

ނަމަވެސް މިހާރު މީހުންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއި ކެއުމުގެ ވައްޓަފާޅި އާއި އުޅޭ ވެއްޓަށް ވެސް އައިސްފައިވާ ބަދަލުތަކާ ހެދި ޑަބްލިއުއެޗްއޯ އިން ލަފާދީފައި އޮތް މިންވަރުގެ ދެގުނަ އަށް އިންސާނަކަށް ދުވާލެއްގެ މައްޗަށް ވިޓަމިން ސީ ބޭނުންވާކަން ދިރާސާގައި ބުންޏެވެ.

މި ދިރާސާގައި އިސްކޮށް މަސައްކަތެއް ކުރެއްވި ޕްރޮފެސަރު ފިލިޕް ހުޖޯލް ވިދާޅުވީ ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައި އޮތް މިންވަރަކީ "ބޮޑު ޝޮކެއް" ކަމަށެވެ.

"އެކަށީގެންވާ މިންވަރަށް ވުރެ މާ ދަށް މިގަނޑަކުން ވިޓަމިން ސީގެ މުހިއްމުކަން ވަޒަން ކޮށްފައި އޮތުމަކީ ފުރާނަ އަށް ވެސް އޮތް ނުރައްކަލެއް،" އޭނާ ވިދާޅުވި އެވެ. "އަހަރެމެންގެ ދިރާސާ އިން ދައްކުވައި ދެނީ ވިޓަމިން ސީގެ ޑެއިލީ އިންޓޭކް ދެގުނަ އިތުރު ކުރަން ޖެހޭކަން."

މޭވާ އާއި ތަރުކާރީން ވިޓަމިން ސީ ލިއްބައިދޭނެ.

މޭވާ އާއި ތަރުކާރީން ވިޓަމިން ސީ ލިއްބައިދޭނެ.

ވިޓަމިން ސީ އަކީ ދުޅަހެޔޮ ސިއްހަތަކަށް އިންސާނާ އަށް ބޭނުންވާ ވިޓަމިންތަކުގެ ތެރެއިން އެންމެ މުހިއްމު އެއް މާއްދާ އެވެ. ވިޓަމިން ސީ އަކީ މައިގަނޑު ތިން ފައިދާއެއް އެކުލެވޭ އެއްޗެކެވެ. އޭގެ ތެރޭގައި ހިމެނެނީ ހަށިގަނޑުގެ ސެލްތައް ހިމާޔަތްކޮށްދީ، ވަރުގަދަކޮށް ދިނުމާއި ލޭ ހޮޅިތަކުގެ މަސައްކަތްތައް ރަނގަޅުކޮށް ދިނުމާއި ހަށިގަނޑުގެ ހަމުގެ ދުޅަހެޔޮކަން ރަނގަޅުކޮށް ދިނުމާއި ކަށިތަކާއި ހުޅުހުޅަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގެ އިތުރަށް ލިބޭ ޒަހަމްތައް ފަސޭހަވުން އަވަސް ކޮށްދިނުމެވެ.

ވިޓަމިން ސީ ލިއްބައިދޭ އެންމެ އާންމު ބާވަތްތަކަކީ މޭވާ އާއި ތަރުކާރީގެ އެކި ބާވަތްތަކެވެ. އަދި މިފަދަ ސަޕްލިމަންޓްތައް ވެސް ހުރެ އެވެ.