Roadha Mihaaru
ކޮފީން ފިރިހެނުންގެ އިވުމުގެ ހިއްސު ރަނގަޅުކޮށްދޭ

ކޮފީ ބޯން އިތުރު ސަބަބެއް؛ ފިރިހެނުންގެ އިވުމުގެ ހިއްސު ރަނގަޅުކޮށްދޭ

04 ފެބުރުއަރީ 2021

ފިރިހެނުންގެ އިވުމުގެ ހިއްސު ހަލާކުވުމުގެ ނުރައްކާ ކޮފީން ކުޑަކޮށްދޭ ކަމެއް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިރިހެނުންގެ އިވުމުގެ ހިއްސު ހަލާކުވުމުގެ ނުރައްކާ ކޮފީން ކުޑަކޮށްދޭ ކަމެއް ދިރާސާއެއްގައި ބުނެފި އެވެ.

ސްޕެއިންގެ މެޑްރިޑްގެ އޮޓޮނަމަސް ޔުނިވަސިޓީން ހަދާފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް މަދުވެގެން އެއް ތަށި ކޮފީ ބޯ ފިރިހެނުންގެ އިވުމުގެ ހިއްސަށް މައްސަލަތައް ދިމާވުމުގެ ފުރުސަތު 15 ޕަސެންޓް ކުޑަކޮށްދެ އެވެ. އެހެންވެ ދިރާސާގައި ވަނީ ފިރިހެނުން ކޮންމެ ދުވަހަކު ކޮފީތައްޓެއް ބޯން ލަފާ ދީފަ އެވެ.

މި ދިރާސާ ހަދާފައި ވަނީ އާދަކޮށް ކޮފީ ބޯ މީހުންނާ ބެހޭ ގޮތުން ޔޫކޭ ބައޯބޭންކުން އެއްކޮށްފައިވާ 37،000 މީހުންގެ ޑޭޓާ އާއި 11 އަހަރުގެ މުއްދަތަށް ކޮފީ ބުއި ދެ ޖިންސްގެ މެދުއުމުރާއި ދުވަސްވީ 36,923 މީހެއްގެ ސިއްހީ ހާލަތު ބަލައިގެންނެވެ. މި ދިރާސާތަކުން ދައްކާ ގޮތުގައި ކޮފީގައި އެކުލެވޭ އެންޓިއޮކްސިޑަންޓާއި އެންޓި-އިންފްލަމޭޓަރީ މާއްދާތަކުގެ ސަބަބުން، އިވުމުގެ ހިއްސަށް ދިމާވާ ނުރަނގަޅު އަސަރުތައް ވަރަށް ބޮޑަށް ކުޑަކޮށްދެ އެވެ. އަދި މިކަން ފާހަގަކުރެވެނީ ކޮފީ ބޯ ފިރިހެނުންގެ މެދުގަ އެވެ.

ދިރާސާ އިން ދައްކާ ގޮތުގައި ކޮފީ ނުބޯ ފިރިހެނުންނާއި ކޮފީ ބޯ ފިރިހެނުން އަޅާކިޔާ އިރު މަދުވެގެން ކޮންމެ ދުވަހަކު އެއް ތަށި ކޮފީ ބޯ މީހުންގެ އިވުމުގެ ހިއްސު އެ ނޫން މީހުންނާ އަޅާބަލާ އިރު މާ ބޮޑަށް ވެސް ރަނގަޅެވެ.

ދިރާސާ ފާހަގަކޮށްފައިވާ ގޮތުގައި ކެފެނޭޓެޑް/ޑިކެފެނޭޓެޑް ނުވަތަ ފިލްޓާޑް/ނަން-ފިލްޓާޑް ކޮފީ ބުއި ކަމަށް ވިޔަސް ނަތީޖާ ދައްކަނީ ފިރިހެނުންގެ އިވުމުގެ ހިއްސު ރަނގަޅުކޮށްދޭ ކަމެއްގެ ގޮތުގަ އެވެ.

ކޮފީ ބުއިމާއި ފިރިހެނުންގެ އިވުމުގެ ހިއްސާ ގުޅުން އޮތް ކަމަށް ދެއްކިޔަސް ކޮފީ ބޯ އަންހެނުންގެ އިވުމުގެ ހިއްސާ ކޮފީއާ އެއްވެސް ގުޅުމެއް އޮތް ކަމަކަށް ނުދައްކަ އެވެ.

މިކަމާ ބެހޭ ގޮތުން ދިރާސާގައި ބުނީ އޭގެ ސަބަބެއް ކަމަށް ބެލެވެނީ ދެ ޖިންސްގެ މީހުންގެ މެދުގައި ހުންނަ ޖިސްމާނީ ތަފާތު ކަމަށެވެ. ދިރާސާގައި ބުނީ އިވުމުގެ ހިއްސު ބަލިކަށިވުމަކީ އުމުރުން ދުވަސްވުމުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވެފައި އަންހެނުންނަކީ ހޯމޯން އެސްޓްރޮޖެން މަތީ ލެވެލްއަކަށް ހަށިގަނޑުގައި ދައުރުވާ ބައެއް ކަމަށެވެ. އެހެންވެ، ކޮފީ ބުއިން ފަދަ، ޑައިޓަށް ގެންނަ ބަދަލަކުން އިވުމުގެ ހިއްސަށް އަސަރުކުރުމުގައި މާ ބޮޑު ތަފާތެއް ކަމަށެވެ.

އެކަމަކު ފިރިހެނުންގެ ހޯމޯން އެސްޓްރޮޖެން ލެވެމް ދަށްކަމުން ޑައިޓަށް ގެންނަ ބަދަލުތަކުން އިވުމުގެ ހިއްސަށް ރަނގަޅު ބަދަލުތަކެއް އަންނަ ކަމަށް ދިރާސާގައި ބުންޏެވެ.

މީގެ ކުރިން ކޮފީއާ ބެހޭ ގޮތުން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ކެންސަރާއި ގުރުދާގެ ބަލިތަކާއި އަދި ޓައިޕް2 ޑައިބެޓީޒުން ރައްކާތެރިކޮށްދިނުމުގެ އިތުރުން އުމުރު ވެސް ދިގުކޮށްދޭން ބާރު އަޅާ ބުއިމެކެވެ.

ޔޫރަޕިއަން ފުޑް ސޭފްޓީ އޮތޯރިޓީ (އީއެފްއެސްއޭ) އިން ލަފާ ދެނީ ދުވާލެއްގެ މައްޗަށް 400 މިލިގްރާމަށް ވުރެ ގިނައިން ކޮފީ ނުބުއިމަށެވެ. އެއީ ގާތްގަނޑަށް ހަތަރު ތަށި ކޮފީ އެވެ.