Roadha Mihaaru
ކޮފީއެއް ނޫން، އެކަމަކު ކޮފީގެ ރަހަ

ކޮފީއެއް ނޫން، އެކަމަކު ކޮފީގެ ރަހަ ލިއްބައިދޭ އެނަޖީ ޑްރިންކެއް

30 ނޮވެމްބަރ 2021

މަހުގެ ބާވަތްކާއި ޑެއިރީގެ ބާވަތްތައް ބޭނުންނުކުރާ މީހުންނަށް ޕްލާންޓް-ބޭސްޑް ކާ އެއްޗެހި އުފެއްދުމަކީ މިހާރު އާންމު ކަމެކެވެ. މިއީ މަހުގެ ބާވަތްތައް ނުކެޔަސް ސީދާ އެ ބާވަތްތަކުން ލިއްބައިދޭ ފައިދާތަކާއި އޭގެ ރަހަ ވެޖެޓޭރިއަނުންނަށް ގެނެސްދޭނެ ގޮތެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަހުގެ ބާވަތްކާއި ޑެއިރީގެ ބާވަތްތައް ބޭނުންނުކުރާ މީހުންނަށް ޕްލާންޓް-ބޭސްޑް ކާ އެއްޗެހި އުފެއްދުމަކީ މިހާރު އާންމު ކަމެކެވެ. މިއީ މަހުގެ ބާވަތްތައް ނުކެޔަސް ސީދާ އެ ބާވަތްތަކުން ލިއްބައިދޭ ފައިދާތަކާއި އޭގެ ރަހަ ވެޖެޓޭރިއަނުންނަށް ގެނެސްދޭނެ ގޮތެކެވެ.

މިފަދަ ގޮތަކަށް އުފައްދާފައިވާ ކޮފީއަކަށް ވެސް މިހާރު ވަނީ ބޮޑު މަގުބޫލުކަމެއް ލިބިފަ އެވެ. މިއީ ކޮފީ ބީންސާ ނުލައި އުފައްދާ "ކޮފީ" އެކެވެ. ޓިޕިކަލް ކޮފީއަކަށް ވުރެ ބޮޑަށް މީތި މާކެޓްކޮށް، ޕްރޮމޯޓް ކުރަނީ ކޮފީން ލިއްބައިދޭ ހިތްގައިމި ރަހަ ވެސް ލިއްބައިދޭ އެނަޖީ ޑްރިންކެއްގެ ގޮތުގަ އެވެ. މިއީ "އެޓޯމޯ ކޮފީ" އެވެ. މި އުފެއްދުމަކީ 2019 ގައި ވުޖޫދަށް އައި ސްޓާޓަޕެއް ކަމަށްވާ އެޓޯމޯގެ އީޖާދެކެވެ.

އެ ކުންފުނިން ކޮފީގެ މި އެނަޖީ ޑްރިންކް އުފައްދަން މައިގަނޑު ގޮތަކަށް ބޭނުން ކުރަނީ އެހެން ބާވަތްތަކުން ބޭކާރުވާ އެއްޗިއްސެވެ. އޭގެ ތެރޭގައި ކަދުރުއޮށާއި މޭބިސްކަދުރުގެ ތޮއްޓާއި ޗިކޯރީ ރޫޓްގެ އިތުރުން ކެފެއިންއެވެ. ކެފެއިން އަކީ ކޮފީގެ މައިގަނޑު އެއް މާއްދާ އެވެ.

މި އެއްޗެހި "އަޕްސައިކަލްކޮށްގެން" އެޓޯމޯ އިން ފުރަަތަމަ ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި "އެޓޯމޯ ކޮފީ" ނެރުނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެއީ ކޮފީގެ ދެ ރަހައަކާ އެކީގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކްލަސިކާއި އަލްޓްރާ ސްމޫތެވެ. އެ ރަހަ ބެލި މީހުންނަށް ވީ ވަރަށް ވެސް ހިތްގައިމު ބުއިމަކަށެވެ.

އެހެންވެ އެޓޯމޯ އިން މިހާރު ނިންމާފައި އޮތީ ވިޔަފާރި އުސޫލުން މި އުފެއްދުން ފުޅާކޮށް މާކެޓަށް ނެރުމެވެ. މި ކޮފީ އުފައްދަން ކުރާ މަސައްކަތުން ކޮށްދޭ އެއް ފައިދާ އަކީ އުކައިލާ ބާވަތްތަކެއް ބޭނުންކޮށްގެން، ތިމާވެއްޓާ ރައްޓެހިކޮށް އާ އުފެއްދުމަށް ގެނެސްދެވެމެވެ.

އެޓޯމޯ އިން ބުނީ އެ މީހުން ގެންގުޅޭ "ކާބަން ކްލައުޑް" ސާވިސްގެ ތެރެއިން ކުރާ މަސައްކަތުގެ ސަބަބުން އާންމުކޮށް މި ބޭނުންކުރާ ކޯލްޑް ކޮފީ ބްރޫކުރަން ބޭނުންވާ ވަރަށް ވުރެ އެތައް ގުނަ ކާބަން އެމިޝަން އެޓޯމޯ ކޮފީ އަށް މަދު ކަމަށެވެ. އެގޮތުން މިއީ 94 ޕަސެންޓަށް ވުރެ މަދުން ފެން ބޭނުންކުރާ އަދި 93 ޕަސެންޓަށް ވުރެ ކާބަން އެމިޝަން މަދު ޕްރޮސެސްއެކެވެ.

އެޓޯމޯގެ ސީއީއޯ އެންޑީ ކްލީސްޗް ވިދާޅުވި ގޮތުގައި އުކައިލާ އެއްޗިއްސަކަށް ދެވަނަ ދިރުމެއް ގެނެސްގެން އާ އުފެއްދުމެއް ނެރުމަކީ ތިމާވެއްޓަށް ކުރެވޭ ވަރަށް މުހިއްމު މަސައްކަތެކެވެ. އެހެންވެ "އެޓޯމޯ ކޮފީ" އަކީ ކުރިމަގު އޮތް އެއްޗެއް ކަމަށް ވިދާޅުވި އެވެ.

އެމެރިކާގެ ސިއޭޓްލް އަށް ނިސްބަތްވާ މި ކުންފުންޏަކީ އަދި ވަރަށް އާ އަދި ކުޑަކުޑަ ރައުސުލްމާލެއް އޮތް ކުންފުންޏަކަށް ވުމާ އެކު މަސައްކަތް ފުޅާކުރަން އަދި ވަގުތު ނަގާނެ އެވެ. އެކަމަކު މިހާރު ވެސް އެ މީހުންގެ ފެކްޓްރީ އަކީ ދުވާލެއްގެ މައްޗަށް "އެޓޯމޯ ކޮފީ" ގެ 1،000 ސާވިންސް ތައްޔާރު ކުރެވޭ ވަރުގެ ތަނެކެވެ. އެންޑީ ވިދާޅުވި ގޮތުގައި މިހާރު ޓާގެޓަކީ މި ކޮފީ އަންނަ އަހަރުގެ ތެރޭގައި ރަސްމީކޮށް ރިޓެއިލް ވިޔަފާރީގެ ތެރެއަށް ނެރުމެވެ. ހަމަމިއާ އެކު އިންސްޓަންޓް/ގްރައުންޑް ކޮފީ އުފެއްދުމަކީ ވެސް އޮޓޯމޯގް ޕްލޭންގައި ހުރި ކަންކަމެވެ.

އޮޓޯމޯގެ އުފެއްދުންތަކާ ބެހޭ އިތުރު މައުލޫމާތު ކުންފުނީގެ ވެބްސައިޓުން ލިބޭނެ އެވެ.