Roadha Mihaaru
ގަޔަށް ކޮފީ އެޅި ފިހުމުން ސްޓާބަކްސް އަށް ދައުވާކޮށްފި

ގަޔަށް ކޮފީ އެޅި ފިހުމުން ސްޓާބަކްސް އަށް ދައުވާކޮށްފި

28 އޯގަސްޓް 2021

ޓޭކްއަވޭ ކޮފީ ތައްޓެއް ބަންޑުންވެ، ތުންފަތާއި ފައި ފިހުނު ކަމަށް ބުނެ އެމެރިކާގެ އަންހެނަކު ގެއްލުމުގެ ބަދަލު ހޯދަން ސްޓާބަކްސް އަށް ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓޭކްއަވޭ ކޮފީ ތައްޓެއް ބަންޑުންވެ، ތުންފަތާއި ފައި ފިހުނު ކަމަށް ބުނެ އެމެރިކާގެ އަންހެނަކު ގެއްލުމުގެ ބަދަލު ހޯދަން ސްޓާބަކްސް އަށް ދައުވާކޮށްފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި މަޝްހޫރު ކޮފީ ޗެއިނަށް ދައުވާކުރީ މި އަހަރުގެ އެޕްރީލް މަހުގެ 14 ގައި ހިނގި ހާދިސާއަކާ ގުޅިގެން، މޭރީ ސިމްސް ކިޔާ މީހެކެވެ.

މޭރީ ބުނި ގޮތުގައި ޓެކްސަސްގެ ޓޮމްބޯލްގެ ސްޓާބަކްސް، ޑްރައިވް-ތުރޫ އައުޓްލެޓަށް ކާރުގައި ގާތްކޮށްފައި އޯޑަރުކުރި ކޮފީގެ ތަށީގެ ބަދަލުގައި އެތަނުން ދިނީ އޯޑަރުކުރި ވައްތަރު ނޫން ހޫނު ކޮފީ ތައްޓެއް ކަމަށެވެ. އަދި އެކަން ފާހަގަކުރެވިގެން އެ ރައްދުކޮށްދޭން އުޅުމުގެ ތެރޭގައި ތަށީގެ މަތި ނެއްޓި ގަޔަށް ކޮފީ އެޅި، ތުންފަތާއި ފައިގެ ފަލަމަސްގަނޑު ފިހިފައިވާ ކަމަށް ބުންޏެވެ.

ސްޓާބަކްސް އަށް މޭރީ ދައުވާކުރަނީ ލިބުނު ގެއްލުމަށް 75،000 ޑޮލަރު (1.16 މިލިއަން ރުފިޔާ) ހޯދުމަށެވެ. އޭނާ ބުނީ އެ ވަރުގެ އަދަދެއް ބަދަލަށް ހޯދަން މަޖުބޫރުވީ ކުޑަ މުސާރައެއް ލިބޭ ވަޒީފާ އަދާކުރާ މީހަކަށްވެފައި، ސްޓާބަކްސްގެ އިހުމާލުން ފިހިގެން ފަރުވާ ހޯދަން ޖެހުމުން އެކަމަށް ހިނގި ހަރަދަށް ވެސް ބަލައިފަ އެވެ.

ދައުވާގައި މޭރީ ބުނެފައި ވަނީ އެ ހާދިސާ ހިނގީ ސްޓާބަކްސްގެ އިހުމާލުން ކަމަށާއި އޯޑަރުކުރި އެތި ނޫން އެހެން އެއްޗެއް ކަސްޓަމަރަށް ދެވުމަކީ ވެސް މުވައްޒަފުންގެ ފަރުވާކުޑަވުމުގެ އަމަލެއް ކަމަށެވެ.

ސްޓާބަކްސްގެ ތަރުޖަމާނު ވިދާޅުވީ ދައުވާގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ކަސްޓަމަރަކަށް ގެއްލުންވެފައިވާތީ ހިތާމަކުރާ ކަމަށެވެ. އެތަނުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ސްޓާބަކްސް އަކީ އަބަދު ވެސް ކަސްޓަމަރުންނަށް ރައްކާތެރި އަދި އެ މީހުންނާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރަން އިސްކަންދޭ ކުންފުންޏެކެވެ.