Roadha Mihaaru
ބެއިޖިންގައި ފެތުރޭ ބަލިން ތަފާތު އަލާމަތްތަކެއް

ބެއިޖިންގައި ފެތުރޭ ބަލިން ތަފާތު އަލާމަތްތަކެއް

18 ޖޫން 2020

ބެއިޖިން (ޖޫން 18) - ޗައިނާގެ ވެރިރަށް ބެއިޖިން އިން ކޮރޯނާވައިރަހުގެ އާ ކޭސްތައް ފެނި، ބަލިވާ މީހުންގެ ފަރާތުން ތަފާތު އަލާމާތްތަކެއް ފެންނަ ކަމަށް ސިއްހީ ތަޖްރިބާކާރުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެއިޖިން (ޖޫން 18) - ޗައިނާގެ ވެރިރަށް ބެއިޖިން އިން ކޮރޯނާވައިރަހުގެ އާ ކޭސްތައް ފެނި، ބަލިވާ މީހުންގެ ފަރާތުން ތަފާތު އަލާމާތްތަކެއް ފެންނަ ކަމަށް ސިއްހީ ތަޖްރިބާކާރުން ބުނެފި އެވެ.

ކޮރޯނާވައިރަހުގެ އެއްވެސް ކޭސްއެއް ނުފެނި ގާތްގަނޑަކަށް ދެ މަހަށް ފަހު، މިދިޔަ ހަފުތާ އިން ފެށިގެން ފެންނަން ފެށި އާ ކޭސްތަކުގައި ބަލިވާ މީހުންގެ ފަރާތުން ހުޅުތަކުގައި ރިއްސުމާއި ބަނޑަށް އުނދަގޫވުމުގެ އަލާމާތްތައް ފެންނަ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ. މޫސުމުގެ ތަފާތާއި ދިރިއުޅުމުގެ އާދަތަކާއި ހަށިގަނޑުގެ ޓައިޕުގެ ސަބަބުން ވެސް ބަލި މީހުންގެ އަލާމާތްތައް ތަފާތު ކަމަށްވެ އެވެ. މީގެ އިތުރުން ތަފާތު ސަރަހައްދުތަކުގައި ވެސް ބަލީގެ އަލާމާތައް ތަފާތުވެ އެވެ.

ޗައިނާގެ އިރު އުތުރުގެ ސަރަހައްދުތަކުގައި ކޮވިޑް-19 ގެ ބަލި މީހުންގެ ފަރާތުން ފެނުނު އަލާމާތްތައް ތަފާތު ކަމަށް މެއި މަހު މެދުތެރޭގައި ޑޮކްޓަރުން ބުނެފައިވެ އެވެ. އޭރު ބުނެފައި ވަނީ ބަލި މީހުންގެ ފަރާތުން ވަރުބަލިވުމާއި ކަރުގައި ރިއްސުން ފާހަގަވާ ކަމަށެވެ.

ބެއިޖިން އިން ފެންނަ ކޭސްތައް އިތުރުވުމުން ޗައިނާގައި ދެ ވަނަ ރާޅެއްގެ ބިރު ވެސް ވަނީ ބޮޑުވެފަ އެވެ. ޖޫން 11 ގެ ފަހުން ބެއިޖިން އިން ވަނީ ކޮރޯނާވައިިރަހުގެ 137 ކޭސް ރިޕޯޓްކޮށްފަ އެވެ. މި ކޭސްތަކަށް ބަލާއިރު ބޮޑަށް ބަލި ޖެހިފައި ވަނީ 30-39 އަހަރާ ދެމެދުގެ މީހުންނަށް ކަމަށް ޕީޕަލްސް ޑެއިލީން ބުނެފައިވެ އެވެ. ފަސްދޮޅަސް އަހަރުން މަތިން ރިޕޯޓްކޮށްފައި ވަނީ 11 ކޭސް އެވެ. އެއީ ފަސް ފިރިހެނުންނާއި ހަ އަންހެނުންނެވެ. ވިހި އަހަރުން ދަށުގެ އެއްވެސް މީހަކު ޕޮޒިޓިވްވެފައެއް ނުވެ އެވެ.