Roadha Mihaaru
ދަރިފުޅު ހޯދަން މަންމަ ކޯޓުގައި 11 އަހަރު!

މަންމަ ދަރިފުޅު ހޯދަން ކުރި ދައުވާ 11 އަހަރު ފަހުން ކާމިޔާބުވެއްޖެ

08 ޖޫން 2020

ދަރިފުޅު ހޯދަން މަންމަ އަކު 2009 ވަނަ އަހަރު ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައެއްގައި މަންމައާ އެއްކޮޅަށް ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކުރުމުން ވެސް ދަރިފުޅު ހަވާލު ނުކޮށް ކުއްޖާގެ ބައްޕަ ފަރާތު މާމަ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއްގައި މިއަދު ހުކުމްކޮށް މައްސަލަ ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދަރިފުޅު ހޯދަން މަންމަ އަކު 2009 ވަނަ އަހަރު ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައެއްގައި މަންމައާ އެއްކޮޅަށް ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކުރުމުން ވެސް ދަރިފުޅު ހަވާލު ނުކޮށް ކުއްޖާގެ ބައްޕަ ފަރާތު މާމަ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއްގައި މިއަދު ހުކުމްކޮށް މައްސަލަ ނިންމައިފި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި އޮންނަތާ ވެސް ހަ އަހަރު ވެއްޖެ އެވެ. އަދި ތިން ކޯޓުގައި ވަނީ 11 އަހަރު ހޭދަވެފަ އެވެ.

ހުކުމުގައިވާ ގޮތުން ދެމަފިރިންގެ ދެމެދުގައި މައްސަލަޖެހި ތުއްތު ފިރިހެން ކުއްޖާ އަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ބަލައި ކުއްޖާގެ މަންމަގެ ވެސް ރުހުމާ އެކު 2009 ވަނަ އަހަރު ފެމިލީ ކޯޓުން ކުއްޖާގެ ބައްޕަ ފަރާތު މާމައާ ދަރިފުޅު ހަވާލުކުރި އެވެ. އޭރު އެއީ ގާތުން ބޯ އުމުރުގެ ތުއްތު ކުއްޖެކެވެ.

ފަހުން ދަރިފުޅު ބޭނުން ވެގެން މަންމަ ކޯޓުގައި ދައުވާކުރުމުން، ފެމިލީ ކޯޓުން ހުކުމްކުރީ މަންމައާ ކުއްޖާ ހަވާލުކުރުމަށެވެ. އެއީ ކުއްޖާއާ ބެހޭ ގޮތުން ޖެންޑާ މިނިސްޓްރީން ހެދި އެސެސްމަންޓަށް ބެލި އިރު ކުއްޖާ އުޅެމުން އައީ އެންމެ ރަނގަޅު މާހައުލުގައި ނޫންކަން އެނގޭތީ އާއި ކުއްޖާ އެކަށީގެންވާ އަޅާލުން ލިބެމުން ނުދާކަން އެނގޭތީ އާއި ކުއްޖާ ހަވާލުކުރީ މާމައާ ކަމަށް ވިޔަސް ކުއްޖާ ގިނަ ވަގުތު އުޅެނީ ކާފައާ އެކުގައިކަން އެނގޭތީ އާއި ކުއްޖާގެ އަމިއްލަ ނަފްސު ހާނީއްކައިން ސަލާމަތްކުރާނެ ގޮތް އެ ކުއްޖާގެ އުމުރުގެ ކުއްޖަކާ އަޅާބަލާއިރު އެކަށީގެންވާ ވަރަށް ނޭނގޭކަން ފާހަގަވާތީ އަދި ކުއްޖާގެ ކަންކަން ނިންމުމުގައި މަންމައާ މަޝްވަރާ ވެސް ނުކުރާކަން ހާމަވެފައި ވާތީ އެވެ.

މީގެ އިތުރުން ވެސް ކުއްޖާގެ ހަޟާނާތުގައި އެންމެ އިސްވާނީ މަންމަ ކަމަށް ވެފައި ކުއްޖާގެ މަސްލަހަތާ ގުޅުން ހުރި ކަމެއް ދިމާވެއްޖެ ނަމަ، ގާނޫނުގައި ބުނާ ގޮތުން ކުއްޖާ އަށް އެންމެ ރަނގަޅު ގޮތެއް ބަލަން ޖެހޭނެތީ އާއި މާމައާ ހަޟާނާތު ހަވާލުކުރުމުގައި މަންމަ ވެފައިވަނީ ދާއިމީ އެއްބަސްވުމަކަށް ނުވުން އަދި މަންމަ އަށް ހަޟާނާތު ގެއްލޭ ފަދަ ކަމެއް މެދުވެރިވެފައި ނުވުމަކީ ވެސް ފެމިލީ ކޯޓުން މަންމައާ ދަރިފުޅު ހަވާލުކުރުމަށް ނިންމުމުގައި ރިއާޔަތްކުރި ކަންކަމެވެ.

ނަމަވެސް އެ ހުކުމާ މެދު ހިތްހަމަނުޖެހިގެން ކުއްޖާގެ މާމަ ހައި ކޯޓުގައި ހުކުމް އިސްތިއުނާފުކުރީ އެވެ. ނަމަވެސް ހައި ކޯޓުން ވެސް 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނިންމީ ކުއްޖާގެ މަންމައާ ދަރިފުޅު ހަވާލުކުރުމަށެވެ.

އެނގިފައިވާ ގޮތުގައި އޭގެ ފަހުން ވެސް ކުއްޖާ މަންމައާ ހަވާލު ނުކޮށް ގެންގުޅުނީ އެވެ.

ހައި ކޯޓުގެ ހުކުމާ ސުޕްރީމް ކޯޓަށް 2014 ވަނަ އަހަރުގެ ޖޫން މަހު ހުށަހަޅައި މިހާތަނަށް ވެސް އޮތީ ހުކުމެއް ނުކޮށް ބާއްވައިފަ އެވެ. މިއަދު މައްސަލަ ނިންމައި ހުކުމް އިއްވެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ފަނޑިޔާރު މަހާޒްގެ ރައުޔު އަށް އަނެއް ދެ ފަނޑިޔާރުން ވަނީ ތާއީދުކުރައްވައިފަ އެވެ. ފަނޑިޔާރު މަހާޒް ނިންމަވާފައިވަނީ މި މައްސަލާގައި ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ފަދަ ގާނޫނީ ނުކުތާއެއް ނެތް ކަމަށެވެ.

ހުކުމުގައިވަނީ މަންމައާ ދަރިފުޅު ހަވާލުކުރަން ފެމިލީ ކޯޓުން ކުރި ހުކުމް ދަމަހައްޓައި ހައި ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް، ސުޕްރީމް ކޯޓުގައި އިސްތިއުފާނުކުރި ކަންކަމުގެ މައްޗަށް ބަލާއިރު ނެތް ކަމަށެވެ.