Roadha Mihaaru
ކުޑަކުއްޖެއްގެ ގާތިލުންގެ އިސްތިއުނާފު ބަލަން އަންގައިފި

ކުޑަކުއްޖެއްގެ މަރު: ހަތަރު ގާތިލުންގެ އިސްތިއުނާފު ބަލަން އަންގައިފި

24 ޖުލައި 2022

މާލޭގައި ހިންގި ގްރޫޕް މާރާމާރީއެއްގައި އުމުރުން 14 އަހަރުގެ ކުއްޖަކު މަރައިލި މައްސަލައިގައި އުމުރަށް ޖަލަށްލާފައިވާ ހަތަރު މީހުންގެ އިސްތިއުނާފް ހައި ކޯޓުން ބަލައިނުގަތުމަށް ނިންމާފައި ވަނިކޮށް، އެ މައްސަލަތައް ބަލަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ހިންގި ގްރޫޕް މާރާމާރީއެއްގައި އުމުރުން 14 އަހަރުގެ ކުއްޖަކު މަރައިލި މައްސަލައިގައި އުމުރަށް ޖަލަށްލާފައިވާ ހަތަރު މީހުންގެ އިސްތިއުނާފް ހައި ކޯޓުން ބަލައިނުގަތުމަށް ނިންމާފައި ވަނިކޮށް، އެ މައްސަލަތައް ބަލަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.

އޮކްޓޫބަރު 2018 ގައި މާލޭ އޮޓޯ ގަރާޖު ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ ކުއްޖަކު މަރައިލި މައްސަލައިގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކްރިމިނަލް ކޯޓުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ ސ. ހިތަދޫ ޗަމަންގޭ، ހުސައިން ނިހާދު އަހުމަދާއި އެ ރަށު މަލަ، މުހައްމަދު އައިމަން ހަބީބާއި ސ. މަރަދޫ މޫންލައިޓް ގްލޯރީ ހަސަން ނަބާހުގެ އިތުރުން މއ. ޓޮމާޓޯ ފްލާވާ ހުސައިން ޖައިލަމްގެ މައްޗަށެވެ.

އެ މީހުން ޖަލަށްލި މައްސަލަ އެ މީހުންގެ ފަރާތުން އިސްތިއުނާފް ކުރުމުން، ހައި ކޯޓުން މިދިޔަ ޖޫން މަހު ނިންމާފައިވަނީ އިސްތިއުނާފް ކުރުމުގެ ހުއްދަ ނުދިނުމަށެވެ. އެއީ މަގްބޫލު އުޒުރެއް ނެތި އިސްތިއުނާފަށް ހުށަހެޅުން ލަސްކޮށްފައިވާތީ ކަމަށް ބުނެ އެވެ.

ހައި ކޯޓުގެ އެ ނިންމުން އެ މީހުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އެންގީ އެ މައްސަލަ ހައި ކޯޓުން ބަލައިގަންނަން ޖެހޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ ނިންމުމުގައި ވަނީ ދަށު ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ދޫކުރުމުގައި ލަސްވެފައިވާތީ އެވެ.

އެއީ ބަންދުގައި ތިބި ބަޔަކަށް ވާއިރު، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ލިބުން ލަސްވުމުން، އެ މީހުންގެ ބާރު ނުފޯރާ ފަދަ މަގުބޫލު ސަބަބުތަކެއް މެދުވެރިވެފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެވެ. އަދި ހައި ކޯޓުން އެ ކަންކަމަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުންޏެވެ.

ހަތަރު މީހުންގެ މައްސަލައިގައި ވެސް ސުޕްރީމް ކޯޓުން އެންގީ ހައި ކޯޓުން މައްސަލަ ބަލައިގަތުމަށެވެ. އަދި 10 ދުވަސް ތެރޭގައި އެ މީހުންގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށަހަޅަން ސުޕްރީމް ކޯޓުން އެންގި އެވެ.

އެ މީހުން އުމުރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އެ މީހުން ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން އެ މީހުން ތަންފީޒު ކުރަން ޖެހެނީ 21 އަހަރުގެ ޖަލު ހުކުމެކެވެ.