Roadha Mihaaru
ނުރުހުމުގައި ގެންދިޔަ ދެ ކުދިން ހަވާލުކުރަން އަމުރެއް

މަންމަގެ ނުރުހުމުގައި ގެންދިޔަ ދެ ކުއްޖަކު އަނބުރާ ހަވާލުކުރަން އަމުރުކޮށްފި

17 މެއި 2023

މަންމަގެ ނުރުހުމުގައި ބައްޕަގެ ބެލުމުގެ ދަށަށް ގެންދިޔަ 10 މަހުގެ ކުއްޖަކާއި ތިން އަހަރުގެ ކުއްޖަކު މަންމައާ އަނބުރާ ހަވާލުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މަންމަގެ ނުރުހުމުގައި ބައްޕަގެ ބެލުމުގެ ދަށަށް ގެންދިޔަ 10 މަހުގެ ކުއްޖަކާއި ތިން އަހަރުގެ ކުއްޖަކު މަންމައާ އަނބުރާ ހަވާލުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މަންމަ އަށް ނާންގައި ބައްޕަގެ ގެ އަށް ދެ ކުދިން ގެންދިއުމަށް ފަހު، އެ ކުދިންނާ ބައްދަލުކުރަން މަންމަ އަށް ހުރަސް އަޅާފައިވާ ކަމަށް ބުނެ ފެމިލީ ކޯޓަށް މަންމަގެ ފަރާތުން މައްސަލަ ހުށަހަޅައި، އެ މައްސަލަ ނިމެންދެން ކުދިން މަންމައާ ހަވާލުކުރުމުގެ ވަގުތީ އަމުރަކަށް މަންމަގެ ފަރާތުން އެދުނެވެ.

ނަމަވެސް ފެމިލީ ކޯޓުން ނިންމާފައި އޮތީ އަމުރު ނެރެ ނުދިނުމަށެވެ. އެއީ ވަރީގެ މައްސަލަ ކޯޓުގައި އޮތުމުން ކޯޓު މެދުވެރިކޮށް، ދެމަފިރިން ސުލްހަވުމުގެ ފުރުސަތު އޮއްވައި އޭގެ ތެރެއިން ވަކި މީހަކާ ދަރިން ހަވާލު ކުރުމަކީ ސުލްހަވުމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް ބުނެ އެވެ.

އެކަމަކު، އެ މައްސަލަ މަންމަގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެ ދެ ކުދިން އުފަންވީއްސުރެ ފެށިގެން މަންމައާ އެކު އުޅެމުން ދަނިކޮށް އެ މާހައުލުން އެ ކުދިން ވަކިކުރުމުން ކުދިންގެ އުޅުމަށް އަންނާނެ ބަދަލަށް ވިސްނަން ޖެހޭނެ ކަމަށެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ ގާތުން ދޭންޖެހޭ ކުއްޖަކަށް ވާއިރު މަންމައާ ވަކިކުރުމުން އެ ކުއްޖާގެ ސިއްހަތަށް އައިސްފައިވާ ބަދަލަށް ވެސް ފެމިލީ ކޯޓުން ރިއާޔަތް ކޮށްފައި ނުވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ދެ ވަނަ ކުއްޖާ ކުރިން ޕްރީ ސްކޫލަށް ފޮނުވިޔަސް، ބައްޕަގެ އާއިލާގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ސްކޫލަށް ނުގެންދާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. ކުދިންގެ މަސްލަހަތަށް ރިއާޔަތްކޮށް، މިއިން އެއްވެސް ކަމެއް ފެމިލީ ކޯޓުން ބަލާފައި ނުވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި އެންގީ ފަސް ގަޑިއިރުގެ ތެރޭގައި އެ ދެ ކުދިން މަންމައާ ހަވާލު ކުރުމަށާއި ފުލުހުން މެދުވެރިކޮށް އެ އަމުރު ތަންފީޒު ކުރުމަށެވެ.

އެކަމަކު، ކުދިން މަންމައާ ކުދިން ހަވާލު ކުރިޔަސް، އެ ކުދިންނަށް ޒިޔާރަތް ކުރުމުގެ ހައްގު ބައްޕަ އަށް ދޭން އެންގި އެވެ.