Roadha Mihaaru
ދަރިންގެ ހަރަދަށް މަހަކު 1،000: މިއީ ކޯއްޗެއް؟

މަހަކު 1،000، އަހަރަކު ތިން ހެދުން، އެއް ބޫޓު: ދަރިންގެ ހަރަދަށް މިއީ ކޯއްޗެއް؟

14 ޑިސެމްބަރ 2022

މުދަލާއި ހިދުމަތުގެ އަގު ބޮޑުވެ ޓެކްސްތައް ބޮޑުވެއްޖެ އެވެ. ދަރިން ބޮޑުވަމުންދާ މިންވަރަކަށް ކުރަންޖެހޭ ހަރަދު ބޮޑުވެ އެވެ. ނަމަވެސް ބޮޑުނުވާ އެއްޗަކީ ދަރިންނަށް ބައްޕަ ދޭންޖެހޭ ގާނޫނީ ހަރަދެވެ. ދަރިންގެ ހަރަދުގެ ގޮތުގައި ކުއްޖަކަށް މަހަކު އެންމެ 1،000ރ. އަކީ މި ޒަމާނުގައި ކޯއްޗެއް ހެއްޔެވެ؟

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މުދަލާއި ހިދުމަތުގެ އަގު ބޮޑުވެ ޓެކްސްތައް ބޮޑުވެއްޖެ އެވެ. ދަރިން ބޮޑުވަމުންދާ މިންވަރަކަށް ކުރަންޖެހޭ ހަރަދު ބޮޑުވެ އެވެ. ނަމަވެސް ބޮޑުނުވާ އެއްޗަކީ ދަރިންނަށް ބައްޕަ ދޭންޖެހޭ ގާނޫނީ ހަރަދެވެ. ދަރިންގެ ހަރަދުގެ ގޮތުގައި ކުއްޖަކަށް މަހަކު އެންމެ 1،000ރ. އަކީ މި ޒަމާނުގައި ކޯއްޗެއް ހެއްޔެވެ؟

އާއިލާއާ ބެހޭ ގަވާއިދު އޮންނަ ގޮތުން ދަރިންގެ ހަރަދުގެ ގޮތުގައި ނަގައިދެވޭނީ އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ތިބި ނަމަ ކޮންމެ ކުއްޖަކަށް މަހަކު 1،000ރ. ގެ ރޭޓުންނެވެ. ހުރީ އެންމެ ކުއްޖެއް ނަމަ 2،000ރ. އެވެ. މިއީ ހަރަދަށް ކުރިން ނަގައިދިން 450ރ. އެކަށީގެން ނުވާތީ 2014 ވަނަ އަހަރު ގެނައި ބަދަލެވެ.

ޖެންޑާ މިނިސްޓްރީން އެކުލަވާލާފައިވާ އެ ގަވާއިދުގައި ފައިސާގެ އިތުރުން ދެން ބައްޕަ ދޭން ޖެހޭނެ ކަމަށް ގަވާއިދުގައި އޮތީ ކޮންމެ އަހަރަކަށް ތިން ހެދުމާއި ދެ ޔުނިފޯމާއި އެންމެ ބޫޓެކެވެ. މިއީ މި ޒަމާނަށް ބަލާއިރު، އެއްވެސް އެއްޗެއް ނޫނެވެ. ގިނަ އެކަނިވެރި މައިންގެ ޝަކުވާއަކީ މިއީ އެވެ.

"މިހާރު މި ނަގައިދޭ ހަރަދަކީ ކުދިންނަށް ބޭނުންވާ ނެޕީ ގަންނަން ވެސް ފުދޭނެ ފަދަ ހަރަދެއް ނޫން. އަދި ކޯޓުން ހަރަދު ނަގައި ދިނަސް، ދައްކާ މީހުން ވެސް އެހާ މަދު،" މިފަދަ ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރައްވާ ވަކީލް ހަމްޒާ ހަލީލް ވިދާޅުވި އެވެ.

ގަވާއިދުގައިވާ ވަރަށް ވުރެ އިތުރަށް، ބައްޕަގެ މާލީ ތަނަވަސްކަމަށް ބަލައިގެން 2،000ރ. ނުވަތަ 1،000ރ. އަށް ވުރެ ބޮޑު އަދަދެއް ނަގައި ދިނުމުގެ ބާރު ގަވާއިދުގެ ދަށުން ކޯޓަށް އޮވެ އެވެ. ނަމަވެސް ބައްޕަ ދެކޮޅު ހަދާ ނަމަ ނިޒާމު އޮތްގޮތުން މިއީ "ބޮޑު ހަނގުރާމައެއް ކުރުން" ފަދަ ކަމެކެވެ.

"ނިޒާމު އޮތްގޮތުން ހަރަދު ހޯދުމުގައި ސްޓޭންޑަޑް ލޯކޮށް މި އޮތީ ދަރިފުޅު ބަލަހައްޓާ މީހާއަށް."

އިތުރު ހަރަދެއް ނަގައިދޭ ނަމަ ބައްޕަގެ އާމްދަނީ އާއި ތަނަވަސް ކަމަށް ރިއާޔަތް ކުރަންޖެހެ އެވެ. ބައްޕަގެ އެހެން ބަނޑަކަށް ދަރިން ތިބިތޯ އާއި އަންބަކު ހުރިތޯ އާއި ދިރިއުޅުމުގެ އެހެން ހަރަދުތަކަށް ހޭދަވާ ވަރު ކޯޓުން ބަލާނެ އެވެ. ގަވާއިދުގައި ބުނާ ވަރަށް ވުރެ އިތުރަށް ލޯ ލާރިއެއް ވެސް ލިބޭނީ އޭގެ ފަހުންނެވެ.

އެކަމަކު މި ހަނގުރާމަ ކުރަން ކޯޓަށް ދިއުމަކީ ގިނަ މައިންނަށް ފަސޭހަ ކަމެއް ނޫނެވެ. މިދިޔަ މަހު ވެސް ފެމިލީ ކޯޓަށް އެންމެ ގިނައިން ހުށަހެޅި އެއް ބާވަތަކީ ދަރިންގެ ހަރަދުގެ މައްސަލަތަކެވެ.

"ކުއްޖަކަށް 1،000ރ. ލިބެނީ. ދަރިފުޅު ބަލިވެގެން ކްލިނިކަކަށް ދެއްކިޔަސް 500 އެއްހާ ރުފިޔާ އެ ދިޔައީ. އާސަންދައަކުން ހުރިހާ އެއްޗެއް ނުލިބޭ. ދެން އެ ބިލްކޮޅު ހިފައިގެން ކޯޓަށް ގޮސް އިތުރަށް ފައިސާ ހޯދަން އުޅޭނެ ވަގުތެއް ނެތް،" އެކަކު ފާޅުކުރި ހިޔާލެއްގައިވެ އެވެ.

ހަމްޒާ ވެސް ވިދާޅުވި ގޮތުގައި ގަވާއިދުގައި ބުނާ ވަރަށް ވުރެ އިތުރަށް ހަރަދު ހޯދުމަކީ އުނދަގޫ ކަމެކެވެ.

"އިތުރަށް ހަރަދު ނަގައިދޭއިރު ވެސް ހައި ކޯޓުގެ ހުކުމަކަށް ރިއާޔަތް ކޮށްފައި، ދެތިން ހެދުމާއި މި ކަހަލަ ވަރަށް ބޭސިކް މިންވަރަކަށް މި ނަގައިދިނަސް ނަގައި މިދެނީ. އެއީ ހަރަދު ދޭ މީހާ އަށް ވެސް ތަކުލީފަކަށް ނުވާ ގޮތަށް ހަރަދު ނަގައިދިނުމުގެ ގޮތުން،" ހަމްޒާ ވިދާޅުވި އެވެ.

ފެމިލީ ކޯޓު --- ފޮޓޯ/މިހާރު

ފެމިލީ ކޯޓު --- ފޮޓޯ/މިހާރު

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ހަރަދު ނަގައި ދިނުމުގައި އެންމެ ރަނގަޅު ގޮތަކަށް ވާނީ ބައްޕަގެ ހަރަދުތަކަށް ވަކިވަކިން ބެލުމުގެ ބަދަލުގައި އޭނާގެ އާމްދަނީގެ ވަކި ޕަސެންޓެއް ދޭންޖެހޭ ގޮތަށް ހެދުމެވެ.

"ބައެއް ގައުމުތަކުގައި ބައްޕަގެ އާމްދަނީގެ ވަކި ޕަސެންޓޭޖެއް ހަރަދުގެ ގޮތުގައި ދޭ ގޮތަށް އޮންނަނީ،" އޭނާ ވިދާޅުވި އެވެ.

"ހުރިހާ ހަރަދެއް ބަރާބަރަށް ކުރަމުން އައީ ކޯޓަކާ ނުބައްސަން. އެކަމަކު 2،000ރ. ނުލިބެއޭ ކިޔާފައި ކޯޓަށް ދިޔައިމާ ކުރީގެ މުއްދަތާ އެއްކޮށް އެބަ ނަގައިދޭ ކޯޓުން."

މައިންގެ ޝަކުވާ މި ގޮތަށް އޮންނައިރު ދަރިންގެ ހަރަދުގެ ހޯދުމުގެ ނިޒާމު ނާޖާއިޒުގޮ ތުގައި ބޭނުންކުރާ ކަމުގެ ތުހުމަތުތައް ވެސް ބައެއް ފަހަރު އަމާޒުވެ އެވެ. ބައެއް ފަހަރު ބައްޕަ އަށް ތަކުލީފަކަށް ވާ ވަރަށް އިތުރަށް ހަރަދު ހޯދަން މަސައްކަތް ކުރާކަމުގެ ތުހުމަތު ކުރެ އެވެ. ދަރިފުޅަށް ތަކެތި ހޯދައިދިނަސް، އިތުރަށް ފައިސާ ހޯދުމާއި އަދި ނަގައިދޭ ފައިސާ މަންމަ އަމިއްލަ އަށް ބޭނުން ކުރުމުގެ ތުހުމަތެވެ.

"ހުރިހާ ހަރަދެއް ބަރާބަރަށް ކުރަމުން އައީ ކޯޓަކާ ނުބައްސަން. އެކަމަކު 2،000ރ. ނުލިބެއޭ ކިޔާފައި ކޯޓަށް ދިޔައީމާ ކުރީގެ މުއްދަތާ އެއްކޮށް އެބަ ނަގައިދޭ ކޯޓުން. ގިނަ މީހުން އަތުގައި ނުހުންނާނެ ދަރިފުޅަށް ގަނެދިން ހުރިހާ ތަކެއްޗާއި ކުރި ހަރަދުގެ ބިލްތަކެއް،" އެކަކު ފާޅުކުރި ހިޔާލެއްގައިވެ އެވެ.

އެކަމަކު ހަމްޒާ ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު ނިޒާމުގެ އޮތްގޮތުން ގިނަ ފަހަރަށް ގެއްލުން ކުރިމަތިވަނީ ދަރިންނަށް ހަގީގަތުގައި ވެސް ހަރަދުކުރާ މައިންނަށެވެ. ބައެއް މީހުން ހަރަދު ނުދީ ތިބެނީ އަންހެން މީހާއާ މެދު އޮންނަ ރުޅިވެރިކަމުގައި ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ނިޒާމު އޮތްގޮތުން ހަރަދު ހޯދުމުގައި ސްޓޭންޑަޑް ލޯކޮށް މި އޮތީ ދަރިފުޅު ބަލަހައްޓާ މީހާ އަށް،" އޭނާ ވިދާޅުވި އެވެ.

"ކޯޓުތަކުގެ ބޭރުން އެހެން ގޮތަކަށް މިކަން ކުރެވެން ޖެހެނީ."

"މިސާލަކަށް ދަރިފުޅު ކިޔަވަން ފޮނުވާ ސްކޫލް ތަންކޮޅެއް ރަނގަޅު ސްކޫލަކަށް ބަދަލު ކުރީ. އެ ކަމަށް ހިނގި ހަރަދު ހޯދުން ފަސޭހައެއް ވެސް ނޫން."

ހަމްޒާ ވިދާޅުވީ، ދަރިފުޅަށް ބޭނުންވާ ތަކެތި ހޯދައި ދިނުމަށް ފަހު، އެ ހަރަދުގެ ބިލްތައް ބައްޕަ ހުށަހެޅުމުން ކޯޓުން އެ ކަންކަމަށް ރިއާޔަތް ކުރާނެ ކަމަށެވެ.

މިހާރު ދަރިންގެ ހަރަދު ހޯދެން އޮންނަނީ ކޯޓުތައް މެދުވެރިކޮށެވެ. ހުކުމާ އެއްގޮތަށް ހަރަދު ނުދޭ ނަމަ، ޖަލަށްލުމާއި އެކައުންޓް ފްރީޒްކުރުން ފަދަ ފިޔަވަޅުތައް އެޅޭ ގޮތަށް އޮތަސް، ބައެއް މީހުން އެ ފައިސާއެއް ނުދައްކަ އެވެ. އަނެއްކާ ވެސް މަންމަ ޖެހެނީ ހުކުމް ތަންފީޒު ކުރަން ކޯޓަށް ދުވާށެވެ. މިއީ ބޮޑު ތަކުލީފެކެވެ.

ހަމްޒާ ވިދާޅުވި ގޮތުގައި އެ ނިޒާމު ބަދަލުވާން ޖެހެ އެވެ. ދަރިންގެ ހަރަދަކީ ކޯޓުން ކުރަންޖެހޭ ކަމެއްގެ ބަދަލުގައި ދައުލަތުގެ އެހެން މުއައްސަސާއަކާ ހަވާލުވުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަރަދުގެ މައްސަލަތަކުގައި ކޯޓަށް ދިއުމަކީ ފަސޭހަ ކަމެއް ނޫން އަންހެން މީހާ އަށް އަދި ފިރިހެން މީހާ އަށް ވެސް. ކޯޓުތަކުގެ ބޭރުން އެހެން ގޮތަކަށް މިކަން ކުރެވެން ޖެހެނީ. އެކަމަކު ޖެންޑާ މިނިިސްޓްރީން ވެސް އެކަމާ އުޅުއްވާހެނެއް ހިއެއް ނުވޭ،" ހަމްޒާ ވިދާޅުވި އެވެ.

ދަރިންގެ ހަރަދަށް ފުދޭ ވަރަށް ފައިސާ އާއި ތަކެތި ދިނުމަކީ އިސްލާމީ ޝަރީއަތުގެ ދަށުން ބައްޕަ އަށް ލާޒިމު ކަމެކެވެ. ނަމަވެސް ރާއްޖޭގެ ގާނޫނީ ނިޒާމުގައި ދަރިންގެ ހަރަދު މިހާރު އޮތީ ފުދޭ ވަރާ ގާތް ވެސް ނުކުރާ ހިސާބުގަ އެވެ. އެ ކުޑަ އަދަދު ހޯދަން އުފުލަންޖެހޭ ތަކުލީފު އެހާމެ ބޮޑެވެ.