Roadha Mihaaru
"އެހެންގޮތަކަށް" ބައްޕަ ސާބިތުކުރުން: ނުބައި ދޮރެއް؟

ރައްޔިތުކަން ދޭން "އެހެން ގޮތަކަށް" ބައްޕަ ސާބިތުކުރުން: ނުބައި ދޮރެއް؟

01 ނޮވެމްބަރ 2023

ދާދިފަހުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ދިވެހި ރައްޔިތުކަން ދިނުމުގެ މައްސަލައަށެވެ. އެ މައްސަލަ ދައުލަތުން ގުޅުވަނީ މަދަނީ މިންގަނޑުން ކުއްޖާގެ ބައްޕަ ސާބިތު ކުރުމާ އެވެ. ނަމަވެސް މިއީ ކުއްޖަކަށް ރައްޔިތުކަން ދިނުމަށް ވުރެ މާ ބޮޑު މައްސަލަ އެކެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދާދިފަހުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ދިވެހި ރައްޔިތުކަން ދިނުމުގެ މައްސަލައަށެވެ. އެ މައްސަލަ ދައުލަތުން ގުޅުވަނީ މަދަނީ މިންގަނޑުން ކުއްޖާގެ ބައްޕަ ސާބިތު ކުރުމާ އެވެ. ނަމަވެސް މިއީ ކުއްޖަކަށް ރައްޔިތުކަން ދިނުމަށް ވުރެ މާ ބޮޑު މައްސަލަ އެކެވެ.

އިންޑޮނީޝިއާގެ އަންހެނަކު ރާއްޖޭގައި ވިހެއުމަށްފަހު ދޫކޮށްލާފައި ދިޔަ ކުއްޖެއްގެ ބައްޕައަކީ ދިވެއްސެއް ކަމަށް ބެލެވުނަސް، ޝަރުއީ ގޮތުން ދަރި ލައްވާ މުއްދަތު ހަމަނުވާތީ އެއީ ކުއްޖާގެ ބައްޕަ ކަމަށް ކަނޑައެޅޭކަށް ނެތެވެ. އަދި އެ ކުއްޖާ އުފަންވީ ރާއްޖޭގައި ކަމަށް ވިޔަސް، ގާނޫނު އަސާސީ އޮންނަ ގޮތުން ދިވެހި ރައްޔިތުކަން ދެވޭނީ ދިވެއްސަކަށް ލިބޭ ދަރިންނަށް އެކަންޏެވެ. އެހެންވެ، ދައުލަތުން އެދުނީ އެ ކުއްޖާގެ ބައްޕައަކީ ދިވެއްސެއް ކަން މަދަނީ މިންގަނޑުން ސާބިތުކުރާށެވެ. ނަމަވެސް ފެމިލީ ކޯޓާއި ހައި ކޯޓުން ވެސް ނިންމީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.

ޝަރުއީ ގޮތުން ބަލާއިރު އެ ކުއްޖާގެ ބައްޕައަކީ ދިވެހި ފިރިހެން މީހާކަން ސާބިތު ނުވާނެ ކަމަށް ދައުލަތުން ވެސް އެއްބަސްވެ އެވެ. އެއީ ކުއްޖާ އުފަންވީ ދަރި ލައްވާ މުއްދަތުގެ ކުރިން ކަމަށްވާތީ އެވެ. ނަމަވެސް ދައުލަތުން ބުނާގޮތުން ކުއްޖާގެ ބައްޕައަކީ އެ ފިރިހެން މީހާ ކަން މަދަނީ މިންގަނޑުން ސާބިތު ކުރަން ޖެހެނީ އެ ކުއްޖާއަށް ދިވެހި ރައްޔިތުކަން ނުލިބި އެތައް ހައްގުތަކެއް ގެއްލިގެންދާނެތީ އެވެ. ނަމަވެސް ހަގީގަތުގައި ކަން އޮތީ މުޅިން އެހެނެއް ނޫނެވެ.

ހައި ކޯޓު --- ފޮޓޯ/މިހާރު

ހައި ކޯޓު --- ފޮޓޯ/މިހާރު

ބައިނަލްއަގްވާމީ މުއާހަދާތައް އޮންނަ ގޮތުން ކޮންމެ މީހަކަށް ވެސް ކޮންމެވެސް ގައުމެއްގެ ރައްޔިތު ކަން އޮންނަން ޖެހޭތީ އެ ކުއްޖާއަށް ވެސް ކޮންމެވެސް ގައުމެއްގެ ރައްޔިތުކަން ލިބެން ޖެހޭނެ ކަމާ މެދު ދެބަސްވުމެއް ނެތެވެ. އަދި އެކަން ކުރެވޭނެ އެހެން ގޮތްތައް މިހާރު ވެސް އެބައޮތެވެ.

އެ ކުއްޖާ ވިހެއީ ރާއްޖޭގައި ކަމަށް ވާއިރު، އެ ކުއްޖާގެ މަންމައަކީ އިންޑޮނޭޝިއާގެ އަންހެނެއް ކަން ދިވެހި ސަރުކާރުގެ ރަސްމީ ލިޔުންތަކުން ކަށަވަރުވެ އެވެ. އަދި އިންޑޮނޭޝިއާގެ ގާނޫނު ބުނާގޮތުން އެ ގައުމުގެ އަންހެނުން ވިހާ ކުދިންނަށް އެ ގައުމުގެ ރައްޔިތުކަން ދެވެ އެވެ. އެހެންވެ، އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތައް މެދުވެރިވެގެން ވެސް އެ ކުއްޖާއަށް އެ ގައުމުގެ ރައްޔިތުކަން ދޭން މަސައްކަތް ކުރުމުގެ ފުރުސަތު މިހާރު ވެސް ދައުލަތަށް އެބައޮތެވެ.

ނަމަވެސް ދައުލަތުން މިގޮތަށް މަސައްކަތެއް ނުކުރެ އެވެ. ހައި ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި އެ ކުއްޖާގެ މަންމަ ރާއްޖެއިން ބޭރުގައި އުޅޭތީ އޭނާ ހޯދުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މަސައްކަތްކުރި އެވެ. ނަމަވެސް މިއިން ކަމެއް އިންޑޮނޭޝިއާގެ ކަމާބެހޭ އިދާރާތަކާ ހިއްސާ ކުރިކަމެއް އެނގޭކަށް ނެތެވެ.

ހައި ކޯޓުން ވެސް ފާހަގަކުރީ އެއް ކަމަކީ އެއީ އެވެ. އެ ކުއްޖާގެ މަންމައަކީ ކާކުކަން ސާފުކޮށް އެނގޭއިރު ވެސް އިންޑޮނޭޝިއާގެ ރައްޔިތުކަން އެ ކުއްޖާއަށް ދޭން މަސައްކަތް ކުރުމުގެ ބަދަލުގައި އެހެން މަގަކުން އެކަން ކުރަން އުޅޭ ސަބަބެއް ދައުލަތަށް ބުނެ ނުދެވޭ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

"އެ ކުއްޖާގެ ބައްޕައަކީ ކާކުކަން ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނީ އަދި ޝަރުއީ ހަމަތަކުން ސާބިތުކޮށްދެވެން ނެތްނަމަ އެ ކުއްޖާ އެ ކުއްޖާގެ މަންމަގެ ގައުމު ކަމަށްވާ އިންޑޮނޭޝިއާގެ ރައްޔިތަކަށް ނުވާންވީ އެއްވެސް ސަބަބެއް ދައުލަތުން ބަޔާނެއް ނުކުރެ އެވެ." ހުކުމުގައިވެ އެވެ

ހަމައެހެންމެ، މިސާލަކަށް އިންޑޮނޭޝިއާގެ ރައްޔިތުކަން އެ ކުއްޖާއަށް ނުލިބުނަސް މީގެކުރިން ރާއްޖޭގައި މިފަދަ ކަންކަމުގައި އަމަލުކުރި އުސޫލުން ބަލާއިރު ވެސް ހައްލެއް ހޯދެން އެބައޮތެވެ. މީގެކުރިން މަންމައަކީ އަދި ބައްޕައަކީ ވެސް ކާކުކަން ނޭނގޭ ފަދަ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ހާލަތްތަކުގައި ވަގުތީ އައިޑީކާޑެއް އެފަދަ ކުދިންނަށް ދެ އެވެ. އަދި ރާއްޖޭގެ ރައްޔިތު ކަމަށް އެދެވޭ އުމުރު ހަމަވުމުން ސިޓިޒެންޝިޕް ގާނޫނުގެ ދަށުން އެފަދަ ކުދިންނަށް ރައްޔިތުކަން ދިނުމުގެ ފުރުސަތު އޮވެ އެވެ.

އޭގެ ބަދަލުގައި އެގޮތަށް އަމަލު ނުކޮށް، މަދަނީ މިންގަނޑުން ބައްޕަ ސާބިތު ކުރުމުން ނިކުންނަ އެތައް މައްސަލަތަކެއް އެބަހުއްޓެވެ. ސަބަބަކީ ޝަރުއީ ގޮތުން ބަލާއިރު ދަރި ލެއްވުމަކީ އޭގެ މައްޗަށް ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމަކަށް ވާތީ އެވެ. މިސާލަކަށް ވަލީ އާއި ތަރިކަ މުދަލާއި އެ ނޫން ވެސް ޝަރުއީ އެތައް ކަމެއް ހިމެނެ އެވެ. އެހެންވެ، ދައުލަތުން އެދޭގޮތަށް އަމަލުކޮށްފިނަމަ މިކަންކަމާ ކަންކަމާ ގުޅޭގޮތުން ވެސް އިތުރު މައްސަލަތަކެއް އުފެދިގެންދާނެ އެވެ.

ހައި ކޯޓުން ވެސް ފާހަގަކުރި އެއް މައްސަލައަކީ އެވެ. އަދި މަދަނީ މިންގަނޑުން ބައްޕަ ސާބިތު ކުރުމާއި ޝަރުއީ ގޮތުން ދަރި ލެއްވުމާ އޮތް ތަފާތެއް ދައުލަތަށް ބުނެ ނުދެވޭ ކަމަށް ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.

"ކުއްޖާގެ ބައްޕައަކީ ކާކުކަން ކަނޑައެޅެން ނެތް ހާލަތުގައި ވަކި ފިރިހެނަކީ އެއީ އެ ކުއްޖާގެ ބަފައި ކަމަށް ކަނޑައަޅައި، ނިސްބަތްކޮށްފިނަމަ އޭގެ ނަތީޖާއަކަށް ވެގެންދާނީ އެ ފިރިހެން މީހާގެ މައްޗަށް ކުރެވޭ ގަޒްފަކަށެވެ." ހުކުމުގައިވެ އެވެ.

ރާއްޖޭގެ ގާނޫނުތައް --- ފޮޓޯ/މިހާރު

ރާއްޖޭގެ ގާނޫނުތައް --- ފޮޓޯ/މިހާރު

ގާނޫނީ ބޭފުޅުން ވެސް ވިދާޅުވާ ގޮތުން މަދަނީ މިންގަނޑުން ބައްޕަ ސާބިތު ކުރަން ފެށުމަކީ އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ ހިލާފްވުމުގެ އިތުރުން ވަރަށް ގިނަ ގާނޫނީ އިތުރު މައްސަލަތަކެއް ނިކުންނާނެ ކަމެކެވެ.

"އެ އުޅެނީ މުޅިން ނުބައި ކޮންސެޕްޓެއްގެ ތެރެއިން މިކަން ކުރެވޭނެ ގޮތެއް ހޯދަން." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުގައި މަދަނީ މިންގަނޑުން ބައްޕަ ސާބިތު ނުކޮށް ވެސް ރައްޔިތުކަން ދިނުމުގެ ފުރުސަތު ދައުލަތަށް އެބައޮތެވެ. އެގޮތުން ސިޓިޒެންޝިޕްގެ ގާނޫނުގެ ދަށުން ވަކި ޝަރުތުތަކެއް ހަމަވާ ބިދޭސީންނަށް ރައްޔިތުކަން ދެވޭ އުސޫލުން އެފަދަ ކުދިންނަށް ރައްޔިތުކަން ދެވޭނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އެއީ ކޮންމެހެން ކޯޓަށް ގޮސްގެން އެހެން ގޮތަކަށް ބައްޕަ ސާބިތުކުރަން ޖެހޭ ކަމެއް ނޫން ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"ކުއްޖަކަށް ރައްޔިތުކަން ހޯދައިދޭށޭ ކިޔާފައި ދައުލަތުން ކޯޓަށް ދާކަށް ނުޖެހޭނެ. ގާނޫނު އޮތްގޮތުން މިވަގުތު ރައްޔިތުކަން ދެވޭކަށް ނެތިއްޔާ ކޯޓުން ވެސް ހުކުމް ކުރާނީ ގާނޫނުގައި އޮތްގޮތަށް. އެހެންވީމަ ސިޓިޒެންޝިޕްގެ ގާނޫނު އިސްލާހު ކުރަންވީ މިގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ރައްޔިތުކަން ދެވޭ ގޮތަށް. އަދި ފަހުން އެހެން ގައުމެއްގެ ރައްޔިތުކަން ލިބިއްޖެއްޔާ އެ ކުއްޖެއްގެ ދިވެހި ރައްޔިތުކަން އަތުލެވޭ ގޮތަށް." އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖާއަށް ކޮންމެވެސް ގައުމެއްގެ ރައްޔިތުކަން ލިބެން ޖެހޭނެ އެވެ. އަދި އެކަން ކުރެވޭނެ މަގުތައް މިހާރު ވެސް އެބައޮތެވެ. އޭގެ ބަދަލުގައި މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރަން ފެށުމަކީ ޝަރުއީ ގޮތުން ގިނަ މައްސަލަތަކެއް ނިކުންނާނެ ކަމެކެވެ.