Roadha Mihaaru
ދަރި ހަވާލުކުރަން 7 އަހަރުފަހުން ކުރި ހުކުމް ރަނގަޅު

މަންމައާ ދަރިއަކު ހަވާލުކުރަން ހަތް އަހަރު ފަހުން ކުރި ހުކުމް ދަމަހައްޓައިފި

01 ނޮވެމްބަރ 2021

ދަރިއަކު މަންމައާ ހަވާލުކުރަން އެންގިތާ ހަތް އަހަރު ފަހުން އެ އެންގުން ތަންފީޒުކުރަން ފެމިލީ ކޯޓުން ކުރި ހުކުމް ހައި ކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.

ދަރިއަކު މަންމައާ ހަވާލުކުރަން އެންގިތާ ހަތް އަހަރު ފަހުން އެ އެންގުން ތަންފީޒުކުރަން ފެމިލީ ކޯޓުން ކުރި ހުކުމް ހައި ކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.

ދަރިފުޅު މަންމައާ ހަވާލުކުރަން 2013 ވަނަ އަހަރު ފެމިލީ ކޯޓުން ފުރަތަމަ ހުކުމް ކުރިއިރު އެ ކުއްޖާގެ އުމުރުން ހަތަރު އަހަރެވެ. އެ ހުކުމް ކުރިއިރު އެ ކުއްޖާ ހުރީ ބައްޕަ ފަރާތު މާމަ ކައިރީގައި އެވެ. އޭރު އެގޮތަށް ހުކުމް ކުރިޔަސް، އެ ކުއްޖާ މަންމައާ ހަވާލެއް ނުކުރެ އެވެ. އެކަމަކު ހައި ކޯޓުން ވެސް އެ ހުކުމް އޭރު ދެމެހެއްޓި އެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ސުޕްރީމް ކޯޓުން ވެސް އެ ހުކުމަށް ތާއީދުކުރި އެވެ. ސުޕްރީމް ކޯޓުން މައްސަލަ ނިމުނުއިރު އެ ކުއްޖާގެ އުމުރުން 11 އަހަރު ވަނީ ވެފަ އެވެ.

ސުޕްރީމް ކޯޓުން މައްސަލަ ނިމުމުން ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް އެ ކުއްޖާގެ މަންމަގެ ފަރާތުން މިދިޔަ އަހަރު ފެމިލީ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ އަހަރު އަމުރުކުރީ ދެ ދުވަސް ތެރޭގައި އެ ކުއްޖާ މަންމައާ ހަވާލުކުރުމަށާއި އެކަމަށް ބަޔަކު ހުރަސް އަޅާ ނަމަ، ފުލުހުން އެކަމުގައި އެހީތެރިވުމަށެވެ.

އެ މައްސަލަ އެ ކުއްޖާގެ މާމަގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ އެ ކުއްޖާގެ އުމުރުން މިހާރު 11 އަހަރު ފުރިފައިވާތީ އެ ކުއްޖާ ބޭނުންވާ މީހެއްގެ ގާތުގައި ހުރުމުގެ އިހްތިިޔާރު ގާނޫނީ ގޮތުން އެ ކުއްޖާއަށް މިހާރު ލިބިފައިވާތީ އެވެ.

ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ ކުއްޖާ އިހްތިޔާރުކުރާ މީހެއްގެ ގާތުގައި ހުރުމުގެ ފުރުސަތު ހޯދަން ކޯޓަށް ދިއުމުގެ ފުރުސަތު މިހާރު އެބައޮތް ކަމަށެވެ. އެކަމަކު އެއީ އެ ކުއްޖާ މަންމައާ ހަވާލުކުރަން ކުރިން ކޮށްފައިވާ ހުކުމް ތަންފީޒު ކުރަން ހުރަސް އެޅޭނެ ސަބަބެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި ކުރެވޭނެ ހަމައެކަނި ކަމަކީ ހުކުމް ތަންފީޒު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކަމަށާއި އެ ހުކުމަކަށް އަމަލުކުރުން ލާޒިމްވާނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ ކުއްޖާ މަންމައާ ހަވާލުކުރަން ކުރި ހުކުމަށް ތާއީދުކުރާ ކަމަށެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި އިސް ފަނޑިޔާރު ހާތިފް ހިލްމީ އެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ރައޫފެވެ.