Roadha Mihaaru
ދަރިންގެ ހަރަދުނުދީ އެތައް އަހަރެއް: ފިޔަވަޅެއް ނެތް؟

ދަރިންގެ ހަރަދު ނުދީ އެތައް އަހަރެއް: އެޅޭނެ ފިޔަވަޅެއް ނެތް؟

19 ޖުލައި 2023

ދަރިންގެ ހަރަދުގެ ގޮތުގައި ގާނޫނީ ގޮތުން ދޭންޖެހޭ އަދަދާ މެދު އަބަދުވެސް ކަންބޮޑުވުން އޮވެ އެވެ. ހަރަދުގެ އަދަދާ މެދު އެހާ ޝަކުވާ ބޮޑުވެފައި އޮތްއިރު، ގަވާއިދު ހަރަދު ނުދޭތީ މަންމަ އިން އުފުލަންޖެހޭ ތަކުލީފަކީ އެ އަށް ވުރެ މާ ބޮޑު މައްސަލަ އެކެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދަރިންގެ ހަރަދުގެ ގޮތުގައި ގާނޫނީ ގޮތުން ދޭންޖެހޭ އަދަދާ މެދު އަބަދުވެސް ކަންބޮޑުވުން އޮވެ އެވެ. ހަރަދުގެ އަދަދާ މެދު އެހާ ޝަކުވާ ބޮޑުވެފައި އޮތްއިރު، ގަވާއިދު ހަރަދު ނުދޭތީ މަންމަ އިން އުފުލަންޖެހޭ ތަކުލީފަކީ އެ އަށް ވުރެ މާ ބޮޑު މައްސަލަ އެކެވެ.

ފެމިލީ ކޯޓުން ދަރިންގެ ހަރަދުގެ ގޮތުގައި މިހާތަނަށް ނަގައިދިން ބޮޑު އަދަދު ދާދި ފަހުން ހާމަ ކުރިޔަސް، އެއީ އަސްލު މަންޒަރުގެ ކުޑަ ވަރެކެވެ. އަތޮޅު ތެރޭގެ ރަށްރަށުން ފެންނަނީ އެހެން މަންޒަރެކެވެ. އެއް ބަޔަކަށް ދަރިންގެ ހަރަދަކީ ހިތަށް އެރީމާ ދައްކަން އޮތް އެއްޗެކެވެ. ނުދައްކާ މީހާ އެއްގޮތަކަށް ވެސް ނުދައްކަ އެވެ.

ދަރިންގެ ހަރަދު ނުދީ އެތައް އަހަރެއް

މީގެ ދުވަސްކޮޅެއް ކުރިން މެޖިސްޓްރޭޓް ކޯޓަކުން ނިންމި މައްސަލައެއްގައި ދަރިންގެ ހަރަދު ނުދީ އެތައް އަހަރެއް ވީއިރު ދެ ލައްކަ ރުފިޔާ ނުދައްކާ އޮތެވެ. ހަރަދު ނުދޭތީ ކުރިން އޭނާ ގޭ ބަންދު ކުރުމުން ވެސް ފައިސާއެއް ނުދެއްކި އެވެ. އެހެންވެ، މި ފަހަރު އޭނާގެ އެކައުންޓުން ފައިސާ އުނިކުރަން ބެލިއިރު ބޭންކް އެކައުންޓެއް ނެތެވެ. އުޅޭ ތަނެއް ނޭނގޭތީ ކޯޓަށް ހާޒިރެއް ނުކުރެވުނެވެ. އެހެންވެ، ކޯޓަށް ޖެހުނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރަކާ އެކު، އަނެއްކާވެސް އެ މީހާ އަށް އިތުރު ފުރުސަތެއް ދޭށެވެ.

އެހެން ރަށެއްގެ ކޯޓަކުން މައްސަލައެއްގައި 2014 ވަނަ އަހަރުން ފެށިގެން ދަރީގެ ހަރަދަށް ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ނުދައްކައި އޮތެވެ. އުޅޭ ތަނެއް ނޭނގޭތީ އެ މީހާ ކޯޓަށް ހާޒިރު ނުކުރެވުނެވެ. އެއް މަސް ދުވަހުގެ ގޭ ބަންދުގެ އަދަބެއް ކޯޓުން އިއްވި ނަމަވެސް ފައިސާ ދައްކާނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

އެހެން ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކުން މީގެ ދެތިން މަސް ކުރިން ނިންމި މައްސަލައެއްގައި 160،000 އަށް ވުރެ ގިނަ ރުފިޔާ ދަރިންގެ ހަރަދުގެ ގޮތުގައި ނުދީ އޮތެވެ. މިފަދަ އެހެން މައްސަލައެއްގައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ނުދައްކާ ހުއްޓެވެ. ކުރުކޮށް ބުނާ ނަމަ ހަރަދު ދިނުމުގައި އޮތީ އެ މީހަކު ހިތު ހުރި ގޮތެކެވެ.

އެޅޭ ފިޔަވަޅުތައް ގިނަ އެކަމަކު ނަތީޖާއެއް ނެތް

އާއިލާއާ ބެހޭ ގަވާއިދުގެ ދަށުން، އެކައުންޓް ފްރީޒް ކޮށްގެން ފައިސާ އަތުލުމާއި ޕާސްޕޯޓް ހިފެހެއްޓުން ފަދަ ފިޔަވަޅުތައް އެޅެ އެވެ. އެ ވަރުން ވެސް، ހަރަދު ނުދޭ ނަމަ ގޭ ބަންދާއި ޖަލަށްލުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ކޯޓަށް އޮވެ އެވެ. މި އަހަރުގެ މިހާތަނަށް ވެސް ބައެއް މީހުންނާ މެދު އެގޮތަށް ފިޔަވަޅު އެޅި އެވެ.

އެކަމަކު، ކިތަންމެ ފިޔަވަޅެއް އެޅިޔަސް، ހަރަދު ހޯދުމުގެ ނިޒާމު ރާއްޖޭގައި ފުރިހަމަ އަށް ތަންފީޒެއް ނުވެ އެވެ. ކޯޓަށް އެތައް ފަހަރަކު މައްސަލަ ހުށަހެޅުމުން އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން މީހާ ޖަލަށް ލިޔަސް، ފައިސާ ނުދައްކާ މީހުން ނުދައްކަ އެވެ.

ފެމިލީ ކޯޓު --- ފޮޓޯ/މިހާރު

ފެމިލީ ކޯޓު --- ފޮޓޯ/މިހާރު

ހަރަދު ނުދޭތީ އިތުރު ގޮތެއް ނެތިގެން މަންމަ ކޯޓަށް ދާއިރު، ނުދައްކާ އޮތް އަދަދު އެތައް ލައްކަ ރުފިޔާއަކަށް އޮންނަނީ އަރައިފަ އެވެ. އެހެންކަމުން އެހާ ބޮޑު އަދަދެއް އެއްފަހަރާ ދައްކަން ގިނަ މީހުން އެއްބަހެއް ނުވެ އެވެ. ފިރިހެން މީހާ އެހެން ކައިވެންޏެއްކޮށް، އިތުރު ދަރިންތަކެއް ތިބޭ ނަމަ ނުވަތަ އޭނާ އަށް ލިބޭ އާމްދަނީ ކުޑަކަމުން އެހާ ބޮޑެތި އަދަދުތައް އެއްފަހަރާ ފައިސާ ދައްކަން ކޯޓުތަކުން އަމުރު ކުރަން ވެސް ފަސްޖެހެ އެވެ.

ހަރަދު ހޯދައި ދިނުމުގެ ނިޒާމު ބަދަލުކުރަން ޖެހޭ

އަނެއްކޮޅުން ކޯޓުތަކުން އިސްވެ ހުކުމް ތަންފީޒު ކުރުމުގެ ނިޒާމެއް މި ވަގުތު ނެތުމުން ހަރަދު ނުދޭ ކޮންމެ ފަހަރަކު އެހެން ހުރިހާ ކަމެއް ހުއްޓާލާފައި ކޯޓަށް ދިއުން ނޫން ގޮތެއް މައިންނަކަށް ނެތެވެ. ކޯޓަށް ދިއުމަށް ކުރަންޖެހޭ ގާނޫނީ ހަރަދު ބައްޕަ އަތުން ނަގައިދޭ ނިޒާމެއް ވެސް މިހާރަކު ނެތެވެ. ނަމަވެސް ގިނަ ވަކީލުން މިފަދަ މައްސަލަތަކުގައި ހިލޭ ސާބަހަށް ވަކާލާތުކޮށް ދޭ ދިނުމަކީ މި ވަގުތު އޮތް ހަމައެކަނި ނަސީބެވެ.

އާއިލީ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލް ހަމްޒާ ހަލީލް ވިދާޅުވި ގޮތުގައި މި ވަގުތު ރާއްޖޭގައި ހަރަދު ހޯދައި ދިނުމުގައި އޮތީ އެންމެ އެކަށީގެންވާ ނިޒާމެއް ނޫނެވެ. އޭނާ ވިދާޅުވީ، ޖަލަށްލުމާއި ގޭ ބަންދު ކުރުމަކީ އޭގެ ޒާތުގައި ހައްލެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ފައިސާ ދައްކަން ބާރު އެޅޭ ގޮތަށް އާންމު ބައެއް ހިދުމަތްތައް ހޯދުމުގައި ހުރަސްތައް ކުރިމަތިކުރުން ފަދަ އެހެން ބާވަތުގެ ފިޔަވަޅުތައް އެޅިދާނެ ކަމަށް ވިދާޅުވި އެވެ.

"ޖަލަށްލުމާއި ބަންދު ކުރުމަކީ ހައްލެއް ނޫން. ބަންދު ކުރިޔަސް ފައިސާ ދެއްކިއްޔާތާ ލިބޭނީ. އެހެން ކަހަލަ ފިޔަވަޅުތަކެއް އަޅަން ޖެހޭނީ. މިސާލަކަށް ލައިސަންސް ހިފެހެއްޓުން ފަދަ ކަމެއް. އޭރުން އޭނާ އަށް ކޮންމެވެސް ގޮތަކަށް ދަތިވެދާނެ. ނަމަވެސް ފައިސާ ދައްކަން ބާރު އެބަ އެޅޭ،" ހަމްޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަރަދު ހޯދައި ދިނުމުގެ ނިޒާމުގައި އޮތް ބުރަކަން ނައްތާލެވޭނީ އެއީ ކޯޓުތަކުން ކުރާ ކަމަކަށް ވުރެ ބޮޑަށް ކައުންސިލްތަކާއި ދައުލަތުގެ އިދާރާތަކުން ގާއިމްކުރާ އިދާރީ ނިޒާމެއްގެ ތެރެއިން ހަރަދު ހޯދައި ދިނުމުންނެވެ.

"މިއީ އެޑްމިނިސްޓްރޭޓިވް ޕްރޮސެސްއެއްގެ ތެރެއިން ކުރަންޖެހޭ ކަމެއް ހަގީގަތުގައި. ސިޓީ ކައުންސިލް ފަދަ އިދާރާއަކުން ކުރެވެން ޖެހޭނެ ކަމެއް އެއީ ހަރަދު ހޯދައި ދިނުމަކީ. ދައުލަތުން ވެސް އެބަޖެހޭ ހަރަދު ހޯދައި ދިނުމުގައި ކުއްޖާގެ އިންޓްރެސްޓަށް ބަލައިގެން ކޮންމެވެސް މަސައްކަތްތަކެއް ކުރަން،" ހަމްޒާ ވިދާޅުވި އެވެ.

"އެހެން ނޫނީ މަންމައިން އެ ހާލުގައި އުޅެން ޖެހި، ކުއްޖާ ބޮޑުވާނީ އެހެން ކަހަލަ މާހައުލެއްގައި."

ދަރިންގެ ހަރަދަކީ އެ މީހަކު ހިތަށް އެރީމާ ދޭންޖެހޭ އެއްޗެއްގެ ގޮތަށް ނިޒާމު ރޭވިފައި އޮތްއޮތުމުގެ ސަބަބުން މައިން އުފުލަންޖެހޭ ތަކުލީފު ކިތަންމެހާ ވެސް ބޮޑެވެ. ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން ނަމަވެސް ކޮންމެވެސް ހައްލެއް މިކަމަށް ގެންނަންޖެހެ އެވެ.