Roadha Mihaaru
ދައުލަތުން ބަލާ ކުއްޖެއްގެ ހަރަދު ބައްޕަ ދޭން އަމުރެއް

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ބެލެހެއްޓުމުގެ ހަރަދު ދޭން ބައްޕަގެ މައްޗަށް ފުރަތަމަ ފަހަރަށް އަމުރެއް

06 އެޕްރީލް 2023

ރައްކާތެރިކުރުމުގެ އަމުރެއްގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ބެލެހެއްޓުމުގެ ހަރަދު އެ ކުއްޖާގެ ބައްޕަ ދައުލަތަށް ދޭންޖެހޭ ގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޯޓަކުން މިއަދު އަމުރެއް ނެރެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްކާތެރިކުރުމުގެ އަމުރެއްގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ބެލެހެއްޓުމުގެ ހަރަދު އެ ކުއްޖާގެ ބައްޕަ ދައުލަތަށް ދޭންޖެހޭ ގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޯޓަކުން މިއަދު އަމުރެއް ނެރެފި އެވެ.

ފެމިލީ ކޯޓުން މިއަދު ބުނީ އެގޮތަށް އެ ކޯޓުން އަމުރު ނެރުނީ މައިންބަފައިންގެ ފަރާތުން ރައްކާތެރިކަން ނުލިބޭތީ އާއި ހަވާލުވާނެ ފަރާތެއް އާއިލާގައި ނެތުމުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ކުއްޖެއްގެ މައްސަލާގައި ކަމަށެވެ.

ކުއްޖާ ބެލެހެއްޓުމުގެ ހަރަދު ބައްޕަގެ އަތުން ހޯދަން ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. ކޯޓުން ނިންމީ ކުއްޖާ ބެލެހެއްޓުމުގެ ހުރިހާ ހަރަދަކަށް ކޮންމެ މަހަކު 16،219ރ. ބައްޕަ ދޭންޖެހޭ ގޮތަށެވެ. މިކަމަށް ބައްޕަގެ ފަރާތުން ވެސް އެއްބަސްވާ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.

ފެމިލީ ކޯޓުން ބުނިގޮތުގައި އެ މިންވަރަށް ދޭންޖެހޭ ގޮތަށް ނިންމީ އެ ކުއްޖާއަކީ ހާއްސަ ފަރުވާ ބޭނުންވާ ކުއްޖަކަށް ވާތީ އެކަމަށް ބޭނުންވާ ފައިސާ އާއި އަންނައުނާއި އަދި ކެއިންބުއިމާއި އެ ކުއްޖާ ބަހައްޓާފައިވާ ތަނުގެ ކަރަންޓާއި ފެނާއި މުވައްޒަފުންނަށް ކުރަންޖެހޭ ހަރަދުތައް ވެސް ހިމަނައިގެން ކަމަށެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އޮންނަ ގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖަކު ހުންނައިރު ކުރަންޖެހޭ ހަރަދުތައް މައިންބަފައިންގެ އަތުން ހޯދިދާނެ އެވެ.

ކުދިންގެ އަސާސީ ހަރަދުތައް ބެލެހެއްޓުމަކީ މައިންބަފައިންގެ އަސާސީ ޒިންމާއަކަށް ވާތީ، މައިންބަފައިން ދުނިޔޭގައި ތިބެ، ކުއްޖާ ބަލަހައްޓަމުން ގެންދަނީ ދައުލަތުން ނުވަތަ ގާނޫނުގެ ދަށުން ކަނޑައެޅޭ އެހެން ފަރާތަކުން ނަމަ، ކުއްޖާގެ މައިން ބަފައިން ކުއްޖާގެ ހަރަދު، ބަލަހައްޓާ ފަރާތަކާ ހަވާލުކުރަން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 43 ވަނަ މާއްދާއިން ލާޒިމް ކޮށްފައިވާ ކަން ވެސް ކޯޓުން ފާހަގަކޮށްފައިވެ އެވެ.

މައިންބަފައިން ދަރިންނަށް ދޭންޖެހޭ ހަރަދު ދިނުމުގައި އިހުމާލު ވެއްޖެ ނަމަ ޒިންމާދާރު ކުރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައި ވެސް މި މާއްދާގައިވެ އެވެ.