Roadha Mihaaru
ޖިންސީ ގޯނާގެ މައްސަލަތައް މާޗްގެ ނިޔަލަށް ނިންމަނީ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ހުރިހާ މައްސަލައެއް މާޗް މަހުގެ ނިޔަލަށް ހައި ކޯޓުން ނިންމަނީ

23 ޖެނުއަރީ 2020

ހައި ކޯޓަށް ހުށަހަޅާފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ހުރިހާ މައްސަލަތަކެއް އަންނަ މާޗް މަސް ނިމުމުގެ ކުރިން ނިންމުމަށް އެ ކޯޓުން މަސައްކަތް ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓަށް ހުށަހަޅާފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ހުރިހާ މައްސަލަތަކެއް އަންނަ މާޗް މަސް ނިމުމުގެ ކުރިން ނިންމުމަށް އެ ކޯޓުން މަސައްކަތް ފަށައިފި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކޯޓަށް ހުށަހަޅާ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ކުރިއަށް ގެންގޮސް ނިންމަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ މިއަދު ހުރިހާ ކޯޓުތަކަށް އަންގައިފަ އެވެ.

ހައި ކޯޓުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 40 މައްސަލައެއް އެ ކޯޓަށް އިސްތިއުނާފް ކޮށްފައި އެބައޮތް ކަމަށާއި އޭގެ ތެރެއިން 27 މައްސަލައެެއް އިސްތިއުނާފް ކުރީ ދައުލަތުން ކަމަށެވެ. އަދި އެ ހުރިހާ މައްސަލަތަކެއް ވެސް އަންނަ މާޗް މަހުގެ ނިޔަލަށް ނިންމައި، ހުކުމް ކުރުމަށް އެ ކޯޓުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ވެސް ހައި ކޯޓުން ބުންޏެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އަވަހަށް ނިންމުމަށް ކޯޓުތަކާ އެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ދާދި ފަހުން ވަނީ މަޝްވަރާ ކޮށްފަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ގިނަ މައްސަލަތަކެއް ދާދިފަހުން ފެންމަތިވެ، އެފަދަ ކުށްތައް ކުރާ މީހުން މުޖްތަމައުގެ ތެރެއަށް ދޫވެފައި ތިބޭކަމުގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ. އަދި އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަން ޖެންޑާ މިނިސްޓްރީއަށް އަންގައިފަ އެވެ.