Roadha Mihaaru
ކުޑަކުދިންނާ ބެހޭ މައްސަލަތައް ހަމަސް ތެރޭގައި ނިންމަނީ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހަ މަސް ތެރޭގައި ނިންމަން ކޯޓުތަކަށް އަންގައިފި

23 ޖެނުއަރީ 2020

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކޯޓަށް ހުށަހަޅާ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ނިންމަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޯޓުތަކަށް އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކޯޓަށް ހުށަހަޅާ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ނިންމަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޯޓުތަކަށް އަންގައިފި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ކޯޓުތަކުން އަވަސް ކުރަން މި ނިންމީ، ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުފުރޭ ކުޑަކުއްޖަކަށް އެ ކުއްޖާގެ މުނިކާފަ އާއި ކާފަ ޖިންސީ ގޯނާކުރި މައްސަލައެއް މިދިިޔަ ހަފުތާގައި ފެންމަތިވެ، އެތައް ބައެއްގެ ސަމާލު ކަމަށް އެކަން އައިސްގެންނެވެ. އޭގެ ތެރެއިން މުނިކާފަގެ އެފަދަ އެހެން މައްސަލައެއް ވެސް އޮތް އިރު، ދޫކޮށްލާފައި ހުރުމުން އެކަމުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި އޭގެ ފަހުން ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

އެ ކަންކަން ފެންމަތިވުމާ ގުޅިގެން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ޝަރީއަތް އަވަހަށް ކުރިއަށް ގެންދިއުމާ ބެހޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިން ވަނީ ކޯޓުތަކާ އެކު މަޝްވަރާކޮށް، އެކަމާ ބެހޭ އިންތިޒާމްތައް ހަމަޖައްސަން ޑީޖޭއޭ އަށް އަންގައިފަ އެވެ.

އެ އިދާރާ އިން މިއަދު ނެރުނު ސާކިއުލާއެއްގައިވާ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އެ މައްސަލަ އަށް އިސްކަން ދީގެން، އިދާރީ އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެ އެވެ. އަދި އެފަދަ މައްސަލަތަކުގައި ގާނޫނުތަކުން ލާޒިމްކުރާ މުއްދަތުތައް ދިނުމަށް ފަހު، ޝަރީއަތުގެ މަރުހަލާ ފަށައި، ކޮންމެ ދެ އަޑުއެހުމެއް ދެމެދުގައި 48 ގަޑިއިރަށް ވުރެ ދިގު މުއްދަތެއް ހޭދަ ނުވާނޭހެން އަޑުއެހުންތައް ދުރާލާ ތާވަލްކޮށް އަދި އެކަން ދެ ފަރާތަށް ވެސް އަންގަން ޖެހޭނެ ކަމަށް ސާކިއުލާގައިވެ އެވެ.

އެގޮތުން، އެފަދަ ކޮންމެ މައްސަލައެއް ވެސް ކޯޓަށް ހުށަހެޅޭ ދުވަހުން ފެށިގެން އެންމެ ލަސްވެގެން ހަ މަސް ތެރޭގައި ނިންމޭނެ ގޮތަށް ގަވާއިދުން ޝަރީއަތްތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރު ސޮއި ކުރައްވައި، ނެރުއްވާފައިވާ ސާކިއުލާގައިވެ އެވެ.

މީގެ އިތުރުން، ކޮންމެ މަހެއް ނިމުމާ އެކު، އެ މަހެއްގައި ކުރިއަށް ގެންދިޔަ އެފަދަ މައްސަލަތަކުގެ ތަފްސީލު ޑީޖޭއޭއާ ހިއްސާ ކުރަން ވެސް އެ އިދާރާ އިން ވަނީ އަންގައިފަ އެވެ.

ސާކިއުލާގައިވާ ގޮތުން، އެގޮތަށް ހަމަޖެއްސީ އަވަހަށް ޝަރީއަތް ކުރިއަށް ގެންގޮސް، ތުހުމަތު ކުރެވޭ މީހާ އާއި މުޖްތަމައުގެ މަސްލަހަތު ރައްކާތެރި ކުރުމުގެ އިތުރުން އަނިޔާ ލިބުނު މީހާ އާއި ހެކިވެރިން ހިމާޔަތްކޮށް ދިނުމަށެވެ.