Roadha Mihaaru
މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރަން ސުޕްރީމް ކޯޓަށް

މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް

20 ނޮވެމްބަރ 2023

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ދިވެހި ރައްޔިތުކަން ދިނުމަށްޓަކައި މަދަނީ މިންގަނޑުން އެ ކުއްޖާގެ ބައްޕަ ސާބިތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ދިވެހި ރައްޔިތުކަން ދިނުމަށްޓަކައި މަދަނީ މިންގަނޑުން އެ ކުއްޖާގެ ބައްޕަ ސާބިތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

އިންޑޮނޭޝިއާގެ އަންހެނަކު ރާއްޖޭގައި ވިހެއުމަށްފަހު ދޫކޮށްލާފައިވާ ދިޔަ ކުއްޖެއްގެ ބައްޕައަކީ ދިވެއްސެއް ކަމަށް ބެލެވުނަސް، އެއީ ދަރި ލައްވާ މުއްދަތުގެ ބޭރުން ވިހާފައިވާ ކުއްޖަކަށް ވާތީ ޝަރުއީ ގޮތުން އެ ކުއްޖާގެ ބައްޕަ ސާބިތެއް ނުކުރެވެ އެވެ. އަދި ގާނޫނު އަސާސީ އޮންނަ ގޮތުން ދިވެހި ރައްޔިތުކަން ދެވެނީ ދިވެހި މަންމައަކަށް ނުވަތަ ބައްޕައަކަށް އުފަން ދަރިންނަށް ކަމަށް ވާތީ ދައުލަތުން ފެމިލީ ކޯޓަށް ހުށަހެޅީ އެ ކުއްޖާގެ ބައްޕައަކީ ދިވެހި ފިރިހެން މީހާކަން މަދަނީ މިންގަނޑުން ސާބިތު ކުރުމަށެވެ.

ފެމިލީ ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި ވަނީ މަދަނީ މިންގަނޑުން ބައްޕަ ސާބިތު ނުކުރެވޭނެ ކަމަށެވެ.

އެ ނިންމުން އިސްތިއުނާފްކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ.

ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ހައި ކޯޓުން ނިންމާފައި އޮތީ ޝަރުއީ ގޮތުން ދަރި ލެއްވުމަށް އޮންނަ އުސޫލުން ބޭރުން މަދަނީ މިންގަނޑުން ބައްޕަ ސާބިތު ނުކުރެވޭނެ ކަމަށެވެ. އަދި އެ ކުއްޖާގެ މަންމައަކީ އިންޑޮނޭޝިއާގެ މީހެއް ކަމަށްވާތީ އިންޑޮނޭޝިއާގެ ރައްޔިތުކަން އެ ކުއްޖާއަށް ދިނުމުގެ ފުރުސަތު އޮތްކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.