Roadha Mihaaru
ނިމިފައި އޮތް މައްސަލައެއް އަލުން ބަލާތީ ހުއްޓުވައިފި

ދަރިންގެ މައްސަލައެއް ނިމިފައި އޮއްވާ އެ މައްސަލަ އަލުން ބަލަނިކޮށް ސުޕްރީމް ކޯޓުން އެކަން ހުއްޓުވައިފި

30 ނޮވެމްބަރ 2016

ދަރިންގެ ބެލުމުގެ ޒިންމާ ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގެ މައްސަލައެއް (ހަޟާނަތުގެ މައްސަލަ) ބަލައި ނިމިފައި އޮއްވައި، އެހެން ނަމެއްގައި އެ މައްސަލަ ފެމިލީ ކޯޓަށް ހުށަހަޅައި، އެ ކޯޓުން އެ މައްސަލަ ބަލަނިކޮށް ސުޕްރީމް ކޯޓުން އެކަން ހުއްޓުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދަރިންގެ ބެލުމުގެ ޒިންމާ ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގެ މައްސަލައެއް (ހަޟާނަތުގެ މައްސަލަ) ބަލައި ނިމިފައި އޮއްވައި، އެހެން ނަމެއްގައި އެ މައްސަލަ ފެމިލީ ކޯޓަށް ހުށަހަޅައި، އެ ކޯޓުން އެ މައްސަލަ ބަލަނިކޮށް ސުޕްރީމް ކޯޓުން އެކަން ހުއްޓުވައިފި އެވެ.

ގެވެށި އަނިޔާ އިން ރައްކާތެރި ކުރުމުގެ އަމުރަކަށް އެދި، ސ. ހިތަދޫ އަންހެނަކު ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅީ ފުވައްމުލަކަށް ނިސްބަތްވާ އަންހެނަކާ ދެކޮޅަށެވެ.

އެ މައްސަލަ ބެލުން ހުއްޓާލައި، ފައިލް ވަގުތުން ބަންދުކުރަން ސުޕްރީމް ކޯޓުން މިދިޔަ ހޯމަ ދުވަހު އެންގީ އެ މައްސަލައަކީ ފުވައްމުލަކު އަންހެން މީހާ ހިތަދޫ ފިރިހެނަކާ ކައިވެނިކޮށްގެން ލިބުނު ދެ ކުދިންގެ ހަޟާނަތުގެ މައްސަލައެއް ކަމަށްވެފައި، އެ މައްސަލަ ހިތަދޫ ކޯޓާއި ސ. މީދޫގައި ހުންނަ ހައި ކޯޓުގެ ދެކުނު ގޮފިން ބަލައި ނިންމާފައިވާތީ އެވެ.

ފުވައްމުލަކު އަންހެން މީހާ ހިތަދޫ ފިރިހެނަކާ ކުރި ކައިވެނި ރޫޅުނު އިރު އެ ކައިވެންޏަށް ލިބިފައި ތިބި ދެ ކުދިން ހޯދަން ފިރިހެން މީހާގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ހިތަދޫ ކޯޓާއި ހައި ކޯޓުގެ ދެކުނު ގޮފިން ވެސް ނިންމާފައިވަނީ އެ ދެ ކުދިން ބެލެހެއްޓުން ފިރިހެން މީހާއާ ހަވާލުކޮށެވެ. އެއީ އެ ދެކުދިން ވެސް ބޭނުންވީ ފިރިހެން މީހާ ގާތު ހުންނަން ކަމަށްވާތީ އެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައިވަނީ ފެމިލީ ކޯޓުން ބަލަމުން ދިޔަ މައްސަލައަކީ ހިތަދޫ ކޯޓާއި ހައި ކޯޓުގެ ދެކުނު ގޮފިން ނިމިފައިވާ ހަޟާނަތުގެ އެ މައްސަލަ ކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ނިމިފައިވާ މައްސަލަތައް އެ މަރުހަލާގެ ކޯޓުތަކުން ބެލުމަކީ އިންސާފުގެ އުސޫލުތަކާ ޚިލާފް ކަމެއް ކަމަށެވެ.

ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅި އަންހެން މީހާއަކީ ހިތަދު އަށް ނިސްބަތްވާ ފިރިހެން މީހާއާ ކޮން ގުޅުމެއް ހުރި މީހެއްކަން ސާފެއް ނުވެ އެވެ.

މީގެ ކުރިން ވެސް، ބަލައި ނިމިފައި ހުރި މައްސަލަތައް އެހެން ނަންނަމުގައި ހުށަހަޅައިގެން ބަލަން ފެށުމުން އެކަން ސުޕްރީމް ކޯޓުން ހުއްޓުވާފައިވެ އެވެ.