07 ޖޫން 2020
ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަޝްރޫއުގައި ހިއްކަން ފަށާފައިވާ ގުޅިފަޅަކީ ދުނިޔޭގައި ވެސް އާންމުކޮށް ނުހިއްކާ ވަރުގެ ފުން ފަޅެއް ކަމަށް، ބައެއް ތަޖުރިބާކާރުން މިއަދު ބުނެފި އެވެ.
ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަޝްރޫއުގައި ހިއްކަން ފަށާފައިވާ ގުޅިފަޅަކީ ދުނިޔޭގައި ވެސް އާންމުކޮށް ނުހިއްކާ ވަރުގެ ފުން ފަޅެއް ކަމަށް، ބައެއް ތަޖުރިބާކާރުން މިއަދު ބުނެފި އެވެ.
އެނގިފައިވާ ގޮތުގައި ގުޅިފަޅުން މިހާރު ހިއްކާ ސަރަހައްދުގެ ފުންމިނުގައި އެވްރެޖްކޮށް 20 މީޓަރު (60 ފޫޓު) ހުރެ އެވެ. ރާއްޖޭގައި އާންމުކޮށް ހިއްކާފައިވާ ފަޅުތަކުގެ ފުންމިން އުޅެނީ އެވްރެޖްކޮށް ތިން މީޓަރާއި ފަސް މީޓަރާ ދެމެދުގައި ކަމަށް އެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ. އެހެންކަމުން މިއީ ރާއްޖޭގައި ވެސް ހިއްކާ އެންމެ ފުން ފަޅެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގުޅިފަޅު ފުރަތަމަ ފަހަރަށް ހިއްކިއިރު ވެސް ހިއްކާފައިވަނީ އެ ފަޅުގެ ތިލަ ހިސާބެވެ. އަދި ރާއްޖޭގައި ހިއްކާފައިވާ އެންމެ ބޮޑު އެއް ފަޅު ކަމަށްވާ ހުޅުމާލެއަކީ ވެސް ތިލަ ފަޅެކެވެ. ނަމަވެސް ޕޯޓް އެޅުމަށް މިހާރު ގުޅިފަޅުން ހިއްކާ ހަ މިލިއަން ސްކުއާ މީޓަރުގެ ތެރޭގައި ފުން ސަރަހައްދު ވެސް ހިމެނެ އެވެ.
އެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް އިން ކުރަމުން އަންނައިރު އޭގެ ސަބަބުން އެ ސަރަހައްދުގެ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާ ކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުން އަންނަނީ ބުނަމުންނެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ބަލަން ފަށަައިފަ އެވެ.
Thimaavettah gellun viyas Gulhifalhu hikkan jehey: Aslam
The most trusted news source in the Maldives
Mihaaru
ތިމާވެއްޓަށް ގެއްލުން ވިޔަސް އެ ޕްރޮޖެކްޓް މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިން
ނަން ނުޖަހަން އެދިވަޑައިގެން "މިހާރު" އާ ވާހަކަ ދެއްކެވި ތިމާވެށީގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި އެހާ ފުން ތަނެއް ހިއްކުމަށް ގިނަ މިންވަރަކަށް ވެލި ބޭނުންވާތީ އެ ޕްރޮޖެކްޓްގެ އަގު ވެސް ނިސްބަތުން ވަރަށް ބޮޑުވާނެ އެވެ. އެހެންވެ އެހާ ފުން ތަންތަން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އާންމުކޮށް ނުހިއްކާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދުބާއީގައި ހިއްކައިފައި ހުރެދާނެ. އެ މީހުންނަކީ ފައިސާ އާއި ވަސީލަތް ހުރި މީހުންނަށް ވާތީ. އެކަމަކު އާންމުކޮށް މިވަރުގެ ފުން ތަންތަން ނުހިއްކާނެ. އެތަންތަން ހިއްކޭނީ ވަރަށް ވެލި ބޭނުންކޮށްގެން. އަދި ވަރަށް ހަރަދު ވެސް ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.
ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ، ސޭވް މޯލްޑިވްސް އިން ބުނާ ގޮތުގައި މި ޕްރޮޖެކްޓްގައި 20 މިލިއަން ކޮޑިމީޓަރުގެ (30 މިލިއަން ޓަނުގެ) ވެލި ބޭނުންކުރާނެ ކަމަށް ބެލެވެ އެވެ.
Hikkumuge sababun gulheefalhaai kanduge dhirunthakah bodethi gehlunthakeh libeyne: Save Maldives
The most trusted news source in the Maldives
Mihaaru
މި ޕްރޮޖެކްޓަށް 30 މިލިއަން ޓަނުގެ ވެލި ބޭނުންވާނެ ކަމަށް ސޭވް މޯލްޑިވްސްއިން ބުނުން
ބޮސްކާލިސް އިން ހިއްކަން ބޭނުންވާ ވެލި ނަގަނީ މާލެ އަތޮޅުގެ އެކި ހިސާބުތަކުންނެވެ. އަދި އެކި ހިސާބުތަކުން ސާމްޕަލް އަށް ވެލި ނަގައި ކޮލިޓީ ޓެސްޓް ކުރަން މިހާރު ވަނީ ދުބާއީ އަށް ފޮނުވައިފަ އެވެ. ކިސަޑުގެ ގޮތުގައި ފެތުރިގެން ދިޔަ ނުދިނުމަށްޓަކައި ހިއްކަން ގިނައިން ބޭނުން ކުރާނީ ކަށި ވެއްޔެވެ.
އެކަމަކު ވެލި ނަގަނީ މާލެ އަތޮޅުގެ ސީދާ ކޮން ސަރަހައްދުތަކުން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ގުޅިފަޅު ހިއްކާތީ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން އޮންލައިންކޮށް އިއްޔެ ބޭއްވި ބައްދަލުވުމުގައި ސުވާލު ކުރައްވަމުން އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވެސް ވަނީ އެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ސިންގަޕޫރު ފަދަ މުއްސަނދި ގައުމުތަކުގައި ވެސް 15 މީޓަރަށް ވުރެ ފުން ވެއްޖެ ނަމަ ނުހިއްކާ ކަމަށެވެ.
ވައްޑެ ދެން ސުވާލުކުރެއްވީ ރާއްޖެ ކަހަލަ ގައުމެއްގައި އަދި އިގްތިސާދު އިނދަޖެހިފައި އޮތް މިފަދަ ދަނޑިވަޅެއްގައި މިހާ އަގު ބޮޑުވާ ގޮތަށް މިކަން މިކުރަނީ ކީއްވެތޯ އެވެ.
އެކަމަށް ޖަވާބު ދެއްވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވިދާޅުވެފައި ވަނީ މިއީ ރާއްޖޭގައި އެހާ ފުން ތަނެއް ހިއްކާ ފުރަތަމަ ފަހަރު ކަމަށެވެ. ނަމަވެސް ސިންގަޕޫރު ފަދަ ގައުމުތަކުގައި ވެސް އެހާ ފުން ހިސާބުތައް ހިއްކާފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅިފަޅު ފުންވެފައި، ބޭނުންވާ ވެލި ގިނަޔަސް، އަސްލަމް ވިދާޅުވި ގޮތުގައި، އޭގެ ފައިދާ ކުރިއަށް އޮތް ތަނުގައި ރާއްޖެ އަށް ލިބޭނެ އެވެ.
އެ ޕްރޮޖެކްޓްގެ އަގާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ގުޅިފަޅު ހިއްކުމުގެ ޕްރޮޖެކްޓް އެންމެ އަގު ބޮޑު ރޭޓުން ބަލާ ނަމަ 120 މިލިއަން ޑޮލަރު އަރާ ކަމަށެވެ. ނަމަވެސް ތަންކޮޅެއް ކައިރިން ވެލި ނެގޭ ނަމަ އެ އަގު 100 މިލިއަން ޑޮލަރަށް ކުޑަވާނެ ކަމަށް ވިދާޅުވި އެވެ.
ގުޅިފަޅު ހިއްކުން މިދިއަ އަހަރުގެ އޮކްޓޯބަރު މަހު ބޮސްކާލިސްއާ ހަވާލުކުރީ، އޯޕަން ބިޑަކަށް ނުގޮސް، 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށެވެ.
މާލޭ ޕޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން މި ސަރުކާރުން ވެސް ފުރަތަމަ ނިންމީ ޕޯޓް ތިލަފުއްޓަށް ބަދަލުކުރާށެވެ. ނަމަވެސް ކެބިނެޓްގައި މަޝްވަރާ ކުރެއްވުމަށް ފަހު ގުޅިފަޅަށް ޕޯޓް ބަދަލުކުރަން ފަހުން ނިންމީ އެވެ.
އަސްލަމް ވިދާޅުވީ މިފަދަ އެހެން ޕްރޮޖެކްޓަތަކެކޭ އެއްގޮތަށް މި ޕްރޮޖެކްޓްގެ ސަބަބުން ވެސް ތިމާވެއްޓަށް އެކި މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް މިއީ އިގްތިސާދަށް ވަރަށް މުހިންމު ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގުޅިފަޅުގައި އެ ޕްރޮޖެކްޓް ހިންގަން ނިންމީ މާލޭގައި އޮތް ޕޯޓް ކުޑަވުމުގެ ސަބަބުން މާލެ ކައިރިން އެފަދަ ބަނދަރަކަށް އެންމެ ރަނގަޅު ތަނަށް އެ ފަޅު ވާތީ އެވެ. ތިލަފުށީގައި އެކަން ނުކުރީ އެއީ ކުރިންސުރެ ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ތަނަކަށް ވާތީ ޕޯޓެއް ހިންގަން ދަތިވާނެތީ ކަމަށް ވެސް ވިދާޅުވި އެވެ.
ގުޅިފަޅު ހިއްކައި ނިމޭއިރު 1.8 ބިލިއަން ހަރަދުވާނެ
ގުޅިފަޅު ހިއްކުން ހުއްޓުވަން ނެރުނު އަމުރު ބާތިލްކޮށްފި
ކޮމާޝަލް ޕޯޓް ތިލަފުށްޓަށް ބަދަލުކުރަން ނިންމައިފި
ގުޅިފަޅު ހިއްކުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށަނީ
ގުޅިފަޅު 2 ހިއްކަން ދެ ބިލިއަން ރުފިޔާ ހަރަދުވޭ!
މާލެ ސަރަހައްދަށް އައި ބޮޑު ބަދަލު، ނާސާގެ ފޮޓޯތަކުން
އިތުރަށް ބިން ހިއްކަން ޖެހެނީ ބޯހިޔާވަހިކަމަށް: ނަޝީދު
ޕޯޓް ހަދަން ރަނގަޅީ ތިލަފުށި: ސައީދު
ތިމާވެއްޓަށް ގެއްލުން ވިޔަސް ގުޅިފަޅު ހިއްކަން ޖެހޭ
ގުޅީފަޅު ހިއްކާތީ ވިލިމާލެ ފަރަށް ކިސަޑު އެޅި މަރުވަނީ