Roadha Mihaaru
މާލެ ސަރަހައްދަށް އައި ބޮޑު ބަދަލު، ނާސާގެ ފޮޓޯތަކުން

މާލެ ސަރަހައްދަށް އައި ބޮޑު ބަދަލު، ނާސާގެ ފޮޓޯތަކުން

11 އެޕްރީލް 2021

ފާއިތުވި 23 އަހަރުގެ ތެރޭގައި މާލެ ސަރަހައްދަށް އައިސްފައިވާ ބޮޑެތި ބަދަލުތައް އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން އާއްމުކުރި ދެ ފޮޓޯއަކުން ދައްކާލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ފާއިތުވި 23 އަހަރުގެ ތެރޭގައި މާލެ ސަރަހައްދަށް އައިސްފައިވާ ބޮޑެތި ބަދަލުތައް އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން އާއްމުކުރި ދެ ފޮޓޯއަކުން ދައްކާލައިފި އެވެ.

ނާސާއިން އަޅައި ކިޔާފައި ވަނީ އެ އިދާރާގެ ލޭންޑްސެޓް ސެޓެލައިޓުން 1997 ވަނަ އަހަރު ނަގާފައިވާ ފޮޓޯއަކާއި މިދިޔަ އަހަރު ނަގާފައިވާ ފޮޓޯއެކެވެ. ދެ ފޮޮޓޯގެ ތެރެއިން، 1997 ވަނަ އަހަރުގެ ފޮޓޯ އާއި މިދިޔަ އަހަރުގެ ފޮޓޯއާ އަޅާބަލާއިރު ފެންނަން އޮތް ބޮޑު ބަދަލަކީ ހުޅުލޭ ފަޅާއި، ތިލަފަޅު އަދި ގުޅިފަޅުން ބޮޑެތި ބިންތައް ހިއްކައި، އެ ތިން ތަނުގެ ގުދުރަތީ މާހައުލަށް އައިސްފައިވާ ބަދަލެވެ.

ތޮއްޖެހިފައިވާ މާލެ އަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ހިއްކި ހުޅުމާލޭގެ މަސައްކަތް އޭރު އަދި އޮތީ ނުފަށަ އެވެ. އެހެންވެ، އެ ފަޅުގައި ހިކިފަސްތަނަކަށް އޭރު އޮތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އޭރު ރިސޯޓެއްގެ ގޮތުގައި ހިންގަމުން އައި ފަރުކޮޅުފުށި އެކަންޏެވެ. ދެން ފެންނަން އޮތީ ރަންވޭގެ އުތުރުކޮޅުން ފެށިގެން ގޮސް، ފަރުކޮޅުފުށި ފަހަނަ އަޅައި އުތުރަށް ދެމިފައިވާ ފުންވިލަކާއި އެ ވިލުގެ އިރުމައްޗަށް އޮތް ސާފު ތިލަފަޅެވެ.

މާލެއާއި ވިލިމާލެއަށް ބަލާއިރު، މާލެ އޭރު ވެސް އޮތީ ފުރޭނެ ވަރަކަށްް ފުރި ނިމިފައި ކަމަށް ވާތީ، ދެފޮޓޯއަކުން މާބޮޑު ތަފާތެއް ފެންނާކަށް ނެތެވެ. އެކަމަަކު 1997 ވަނަ އަހަރުގެ ފޮޓޯއިން ފެންނަ ގޮތުގައި ވިލިމާލޭގައި އޭރު އަދި ގެދޮރު ނާޅައި ފެހިކޮށް އޮތް ސަރަހައްދެއް އޮތެވެ. އެއީ މިހާރު ވެސް ގަސްކޮޅެއް ހުރި، ސަރަހައްދެއް ކަމަށްވާ ވިލިމާލޭގެ ހުޅަނގު ދެކުނު ކަންމަތިން ފެށިގެން އިރަށް އޮތް ތަންކޮޅެެކެވެ.

ކުރީގެ ފޮޓޯއިން ފެންނަނީ ގުޅި ފެންނަނީ ވަަށައިގެން ރޮނގެއްހާ ހަނިކޮށް ތިލަފަޅު އޮވެފައި ކަނޑު ނޫކުލައިގެ ފުން ވިލެއް އޮތް ފަރެއްގެ ގޮތުގަ އެވެ. އިންސާނުންގެ އެއްވެސް އަސަރެއް އެތަނުން ފެންނާކަށް ނެތެވެ. ސިނާއީ ރަށް އަދި ރާއްޖޭގެ އެންމެ ބޮޑު ކުނިގޮނޑު ކަމަށް މިހާރު ވެފައިވާ ތިލަފުށީގެ މަސައްކަތް އޭރު ވެސް އޮތީ ފުދޭވަރަކަށް ފުޅާވެފަ އެވެ. ފަރުކޮޅުފުށްޓާ ދާދި އެއްވަރުގެ ތަނެއް، ފޮޓޯއިން ފެންނަ ގޮތުގައި އޭރުވެސް ތިލަފަޅުން އޮތީ ހިއްކައިފަ އެވެ. އެކަމަކު ދެބަޔަކަށް އޮތް ވިލާއި ތިލަފަޅުމަތި އޭރު އަދި އޮތީ ވަރަށް ސާފުކޮށްް ކަން އެފޮޓޯއިން ފެނެ އެވެ.

ތިން ފަޅުގެ ގުދުރަތީ ރީތިކަން މުޅިން ގެއްލިފައި

ހުޅުމާލެ ހިއްކައި، އެއާޕޯޓުވެސް ކުރިން އޮތް ވަރަށް ވުރެ އެތައް ގުނައަކަށް ބޮޑުކުރުމަކީ މާލީ އަދި އިގުތިސާދީ ގޮތުން އެންމެ ފައިދާ ހުރިގޮތް ކަމަށް ވެދާނެ އެވެ. ތިލަފުށްޓައި ގުޅިފަޅު ހިއްކުމަކީ ވެސް އެކަހަލަ ކަމެކެވެ.

ނާސާގެ ސެޓެލައިޓުން 1997 ވަނަ އަހަރު ނެގި ފޮޓޯގައި ހުޅުލޭ ފަޅާއި ގުޅިފަޅާއި ތިލަފަޅު ވެސް ފެންނަން އޮތީ ރާއްޖޭގައި މިހާރުވެސް ރީތިކޮށް، ހުރި އެހެން ފަޅުތައް ފަދަ ރީތި ތަންތަނުގެ ގޮތުގަ އެވެ. އެތަންތަނުން ފެންނަން ބައެއް ސަރަހައްދުގައި ކުލަ ގަދަވެފައި އެހެން ތަންތަނުގައި ކުލަމަޑުކޮށް އޮތް ވިލުކުލައާއި ނޫކުލައެވެ.

އެކަމަކު މިދިޔަ އަހަރުގެ ފޮޓޯއިން ފެންނަ ގޮތުގައި ހުޅުލޭ ފަޅުގައި މިހާރު އޮތީ ގަދަ ނޫކުލައިގެ ވިލެއް އެކަންޏެވެ. ދެން ފެންނަން އޮތީ އިމާރާތްތަކާއި ތާރުއަޅާފައިވާ ސަރަހައްދުތަކެވެ. ދޮންވެލިން ހިއްކައި އަދި ތާރު ނާޅާ ހުރި ތަންކޮޅު ވެސް އެކަމަކު އެބަހުއްޓެވެ. ވިލުކުލަ ޙޯދާ ނަމަ ފެންނަން އޮތީ އިރުމަތީ ފަރާރުގައި ރާޅުފޮނާއި ދޭތެރޭ އޮތް ހިމަހިމަ ރޮނގެކެވެ.

ގުޅިފަޅުގައި ތިލަފަޅާ ވީ ފަރާތުން ބޮޑު ތަނެއް ހިއްކާފައި އޮތް އިތު ނިހިއްކާ އޮތް ބައިން ވެސް ކުރިން ފެންނަން އޮތް ރީތި ކުލަތަކެއް މިހާރު ނުފެނެއެވެ. ހިއްކަން ވެލިނެގުމުގެ ސަބަބުންނާއި ފަރުމައްޗަށް ވެލި އެޅުމުގެ ސަބަބުން ކުލަވަރު އޮތީ ބަދަލުވެފަ އެވެ.

ތިލަފަޅުގައި ތިލަކޮށް އޮތް ހިސާބުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކުންޏާއި ވެލިން ހިއްކާފައި އޮތުމުން އެ ސަަރަހައްދު އޮތީ ކަޅުކުލައާއި އަޅިކުލަ އަދި ހުދުކުލަ އެކު ވެފައިވާ ނުސާފު ކުލަގަނޑެއް ހެންނެވެ. އެކަމަކު މެދުތެރޭގައި އޮތް ވިލު ނުހިއްކާތީ ކުރިން ވެސް އޮތް ބައްޓަމަށް އެ ވިލު ފެންނަން އެބަ އޮތެވެ. ތަފާތަކީ ހިއްކާފައިވާ ސަރަަހައްދާ ވީ ހިސާބުން ވިލުގެ ކުލަވެސް ކަނޑު ނޫކުލައިން ފާޑެއްގެ ކަޅުކުލަައަކަށް ބަދަލުވެފައި އޮތުމެވެ.

ދެފޮޓޯއާއިި އެކުގައި ނާސާއިން ޝާއިއުކުރި ލިއުމުގައި ބުނެފައިވާ ގޮތުގައި މި ބަދަލާއި އެކުގައި ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ވެސް ވަނީ ކޮށްފަ އެވެ. އޭގެ އެއް ފައިދާއެއްގެ ގޮތުގައި ލިޔެފައި އޮތީ ކަނޑުގެ ލޮނުގަނޑު އަހަރަކު ތިނެއް ނޫނީ ހަތަރު ސެންޓިމީޓަރަށް އުފުލެމުން ދާއިރު، ރާއްޖޭގެ އެހެން ރަށްތަކަށް ވުރެ އެތައް ތަނަކުން ފަސްގަނޑު އުސް ރަށެއްގެ ގޮތުގައި ހުޅުމާލެ ހިއްކާފައި އޮތުމުގެ ބޭނުންތެރިކަމެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށެއް ދޫކޮށް ބަޔަކު ދާން ޖެެހިއްޖެ ހާލަތެއްގައި ދެވޭނެ ރަށަކަށް އެރަށް ވެފައިވާ ކަމަށް ނާސާގެ ލިއުމުގައި ބުންޏެވެ.