Roadha Mihaaru
އިތުރަށް ބިން ހިއްކަން ޖެހެނީ ބޯހިޔާވަހިކަމަށް: ނަޝީދު

މާލެ ސަރަހައްދުން އިތުރަށް ބިން ހިއްކަން ޖެހެނީ ބޯހިޔާވަހިިކަމަށް: ނަޝީދު

07 ޖޫން 2020

މާލެ ސަރަހައްދު އިތުރަށް ހިއްކަން ޖެހޭނީ އެހެން ގޮތެއް ނެތް މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލެ ސަރަހައްދު އިތުރަށް ހިއްކަން ޖެހޭނީ އެހެން ގޮތެއް ނެތް މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މާލޭގެ ކޮމާޝަލް ހާބަރު ކ. ގުޅިފަޅަށް ބަދަލުކުރަން ގުޅިފަޅު ފަޅުން ބިން ހިއްކުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ މަޝްރޫއުގެ ސަބަބުން ވިލިމާލޭ ފަރަށް ގެއްލުންވާތީ އެ މައްސަލަ މަޖިލީހުން މިހާރު ދަނީ ބަލަމުންނެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމްއާ ބައްދަލު ކުރައްވާ ފޮޓޯއާ އެކު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ތަރައްގީގެ ގިނަ މަސައްކަތްތަކުން ތިމާވެށްޓަށް ގެއްލުން ލިބޭ ކަމަށާއި މާލެ ސަރަހައްދު އިތުރަށް ހިއްކަން ޖެހޭނީ އެހެން ގޮތެއް ނެތިިގެން މާލޭގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އެކަނި ކަމަށެވެ. އަދި މި ސަރަހައްދު އިތުރަށް ތޮއް ނުޖެހޭ ގޮތަށް ހެދުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެ، ނައީމަކީ ތަޖްރިބާކާރު ބޭފުޅެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ޓްވީޓް

ނަޝީދު އެގޮތަށް ވިދާޅުވިއިރު، ގުޅީފަޅު ހިއްކުމުގެ މައްސަލާގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާ ގުޅިގެން ނައީމަށް އެންވަޔަރްމަންޓް މިނިސްޓްރީން ވަނީ އިންޒާރު ދީފަ އެވެ. ގުޅިފަޅު ހިއްކުމުން ވިލިމާލޭ ފަރަށް ގެއްލުންވާ މައްސަލާގައި ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެ މަސައްކަތް ހިނގާ ގޮތް އީޕީއޭ އިން ހާމަ ކުރަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު އެންގެވުމުން އެކަމަށް ނައީމް އިންކާރު ކުރެއްވި ކަމަށް ބުނެ އެ މިނިސްޓްރީން ވަނީ ނައީމްގެ މަގާމު ދަށްކޮށް ނުވަތަ ވަޒީފާއިން ވަކިކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް ދީފަ އެވެ.

ގުޅިފަޅު ހިއްކުމުން ގެއްލުންވާ މައްސަލާގައި އީޕީއޭ އާއި ޕްލޭނިން މިނިސްޓްރީގެ އިސްވެރިން ވެސް މަޖިލީހަށް ވަނީ ހާޒިރުކޮށްފަ އެވެ. އީޕީއޭ އިން ބުނެފައިވަނީ ގުޅިފަޅު ހިއްކުން ހުއްޓުވަންޖެހޭ މިންވަރަށް ގެއްލުން ނުވާ ކަމަށެވެ. އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ ގެއްލުންތަކެއް ލިބުނަސް، އެ މަޝްރޫއު ކޮންމެހެން ވެސް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.