Roadha Mihaaru
ބޯހިމެނުމަށް މާލެ ސަރަހައްދުން 700 މީހުން ބޭނުންވޭ!

ބޯހިމެނުމުގެ މަސައްކަތަށް މާލެ ސަރަހައްދުން އަދި އިތުރު 700 މީހުން ބޭނުންވޭ!

16 އޯގަސްޓް 2022

އަންނަ މަހު ބާއްވާ ރާއްޖޭގެ ބޯހިމެނުމުގެ މަސައްކަތަށް، މާލެ ސަރަހައްދުން އަދި އިތުރު 700 މީހުން ބޭނުންވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަންނަ މަހު ބާއްވާ ރާއްޖޭގެ ބޯހިމެނުމުގެ މަސައްކަތަށް، މާލެ ސަރަހައްދުން އަދި އިތުރު 700 މީހުން ބޭނުންވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދު ބުނެފި އެވެ.

އެ އޮފީހުގެ ސީނިއާ ސްޓެޓިސްޓިކަލް އޮފިސަރު އައިމިނަތު މުޝްފިގާ އިބްރާހިމް "މިހާރު" އަށް ވިދާޅުވީ، މިފަހަރު ބޯހިމެނުމުގައި އެންމެ ޗެލެންޖިން ސަރަހައްދަކަށް މާލެ ވާނެ ކަމަށާއި، މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުށީގައި އެ މަސައްކަތް ކުރުމަށް ބޭނުންވާ އެމިއުނަރޭޓަރުން އަދިވެސް ހަމަނުވާ ކަމަށެވެ.

"އިތުރު އެމިއުނަރޭޓަރުން އެންމެ ބޮޑަށް ބޭނުންވެފައި ވަނީ މާލެ ސަރަހައްދަށް. ފޯމު ހުށަހަޅާފައި ވެސް ބައެއް ކަހަލަ ކަންކަން ދިމާވެގެން ކުދިންނަށް ޓްރެއިނިންއަށް ނާދެވިފައި އެބަހުރި. އެހެންވެ، އަޅުގަނޑުމެންނަށް މި މަސައްކަތް ކުރިއަށް ގެންދެވެން އޮތީ އަދި އިތުރު ކުދިން ލިބިގެން ކަމަށް ވާތީ އަލުން މި އިއުލާންކުރީ،" އޭނާ ވިދާޅުވި އެވެ.

ދަރުބާރުގޭގައި ބޯހިމެނުމަށް އެމިއުނަރޭޓަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްދަނީ: މާލެ ސަރަހައްދުން އަދި އިތުރު 700 މީހުން ބޭނުންވޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދަރުބާރުގޭގައި ބޯހިމެނުމަށް އެމިއުނަރޭޓަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްދަނީ: މާލެ ސަރަހައްދުން އަދި އިތުރު 700 މީހުން ބޭނުންވޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބޯހިމެނުމުގެ މަސައްކަތަށް މާލެއިން ޖުމްލަ 2،049 މީހުން ބޭނުންވާ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

މިދިޔަ މަހުން ފެށިގެން އެ އޮފީހުން މިހާރު އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބޯހިމެނުމަށް އެމިއުނަރޭޓަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ޓްރެއިނިންތައް ކުރިއަށް ގެންދަނީ މާލެ އާއި އަތޮޅުތައް އެކި ދުވަސްތަކަށް ބަހާލައިގެންނެވެ؛ ހއ، ހދ، ށ، ނ، ގދ، ފުވައްމުލަކު އަދި އައްޑޫގައި ޓްރެއިނިން މިހާރު ވަނީ ނިމިފަ އެވެ.

އެ އޮފީހުން މިހާރު ތައްޔާރުވަމުން އަންނަނީ ރ، ބ، ޅ، އއ އަދި އދ. ގެ ޓްރެއިނިންތައް ފެށުމަށެވެ. އެ އަތޮޅުތަކުގައި ޓްރެއިނިން އޮންނާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން މި މަހު 25 އަށެވެ. މިހާރު ވެސް މާލޭގައި ޓްރެއިނިންތައް ކުރިއަށްދާއިރު، އަންނަ ހަފުތާގައި ވެސް މާލޭގައި ޓްރެއިނިންތައް އޮންނާނެ އެވެ. އަދި މި މަހު 28 އިން އަންނަ މަހު އެކަކަށް ކ. އަތޮޅުގެ ޓްރެއިނިން އޮންނާނެ އެވެ.

މާލޭގައި އެމިއުނަރޭޓަރުންގެ ޓްރެއިންތައް ކުރިއަށްދާނެ ގޮތް

• ބެޗް 1: މި މަހު 14 އިން 18 އަށް

• ބެޗް 2: މި މަހު 21 އިން 25 އަށް

• ބެޗް 3: މި މަހު 28 އިން އަންނަ މަހު އެކަކަށް

• ބެޗް 4: އަންނަ މަހު 4 އިން 8 އަށް

ދަރުބާރުގޭގައި ބޯހިމެނުމަށް އެމިއުނަރޭޓަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްދަނީ: މާލެ ސަރަހައްދުން އަދި އިތުރު 700 މީހުން ބޭނުންވޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދަރުބާރުގޭގައި ބޯހިމެނުމަށް އެމިއުނަރޭޓަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްދަނީ: މާލެ ސަރަހައްދުން އަދި އިތުރު 700 މީހުން ބޭނުންވޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބޯހިމެނުމުގައި ބައިވެރިވާ އެމިއުނަރޭޓަރުންނަށް ހާއްސަ ފައިސާގެ އެލަވަންސްއެއް ވެސް ދެ އެވެ. އެއީ؛

● މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500ރ. ގެ އެލަވަންސެއް (އެއީ 7-11 ދުވަހަށް).

● މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 10ރ. ގެ ފޯނު އެލަވަންސެއް (އެއީ 7-11 ދުވަހަށް).

● ތަމްރީނަށް ދާ ކޮންމެ ދުވަހަކަށް 100ރ. ގެ އެލަވަންސެއް (އެއީ ފަސް ދުވަހަށް).

އެމިއުނަރޭޓަރަކަށް ވާން ބޭނުންވާ މީހުން https://statisticsmaldives.gov.mv/applicationform/census2022/eform.php އަށް ޒިޔާރަތްކޮށް، ފޯމު ހުށަހެޅުމަށް ވެސް އެ އޮފީހުން ވަނީ އެދިފަ އެވެ.

މި އަހަރުގެ ބޯހިމެނުން އޮންނާނީ އަންނަ ސެޕްޓެމްބަރު 13 އިން ފެށިގެން އެ މަހުގެ 25ގެ ނިޔަލަށެވެ.

އަށް އަހަރު ފަހުން، އަނެއްކާ ވެސް ރާއްޖޭގައި ބޯހިމަނާއިރު، އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު މައުލޫމާތު އެއްކުރުމަށް ކަރުދާހުގެ ބަދަލުގައި ބޭނުންކުރާނީ ޓެބްލެޓެވެ. އެ މަސައްކަތަށް ބޭނުންވާ 812 ޓެބްލެޓް ވަނީ ހޯދައިފަ އެވެ.

އަންނަ އޮކްޓޯބަރު ހައެއްގައި ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް، ދާއިމީ ނަތީޖާ އެ މަހުގެ 20 ގައި އިއުލާނުކުރަން ވަނީ ކަނޑައަޅައިފަ އެވެ.

އެންމެ ފަހުގެ ޕްރޮޖެކްޝަންތަކާ ހަވާލާދީ، ހަ އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީ އަށް ލައްކައެއް އިތުރުވެ، މީހުން ދިރިއުޅޭ އަދަދު ފަސް ލައްކަ އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް 2020 ވަނަ އަހަރު ސްޓެޓިސްޓިކް ބިއުރޯއިން ބުނެފައިވެ އެވެ.