Roadha Mihaaru
ބޯހިމެނުން: މާލެ އިން މައުލޫމާތު ނުލިބޭ 900 ތަނެއް

ބޯހިމެނުން: މާލެ ސަރަހައްދުން މައުލޫމާތު ނުލިބޭ 900 ތަނެއް އެބަހުރި

02 އޮކްޓޯބަރ 2022

ބޯހިމެނުމަށް މާލެ ސަރަހައްދުގައި މައުލޫމާތު ނުލިބޭ 900 އަށް ވުރެ ގިނަ ތަންތައް އަދިވެސް އެބަހުރި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބޯހިމެނުމަށް މާލެ ސަރަހައްދުގައި މައުލޫމާތު ނުލިބޭ 900 އަށް ވުރެ ގިނަ ތަންތައް އަދިވެސް އެބަހުރި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދު ބުނެފި އެވެ.

އެ ބިއުރޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބޯހިމެނުމުގެ ފީލްޑް މަސައްކަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިހާރު ނިންމާލާފައިވާ ކަމަށެވެ. އެކަމަކު، މާލެ ސަރަހައްދުން މައުލޫމާތު ނުލިބޭ 900 އަށް ވުރެ ގިނަ ތަންތަން އަދިވެސް އެބަހުރި ކަމަށް ބުންޏެވެ.

"...މި ބިއުރޯ އިން މި އަންނަނީ މިފަދަ ތަންތަނުން މީހުންނާ ގުޅޭނެ ގޮތް ފަހިވޭތޯ ބެލުމަށް މަސައްކަތް ކުރަމުންނެވެ،" ބަޔާނުގައި ވެ އެވެ.

މައުލޫމާތު ނުލިބި ހުރި ތަންތަނުގެ ތެރޭގައި، ތަޅުލާފައި ހުރުމުންނާއި ގުޅޭނެ ގޮތެއް ނުވުމާއި މައުލޫމާތު ދޭނެ މީހަކާ ދިމާނުވުމާއި ރަށުން ބޭރުގައި އުޅުމާއި އެޕޮއިޓްމަންޓް ދިން ނަމަވެސް އެ ގަޑި އަށް ޓީމުތަކަށް ނުދެވި ހުރި ތަންތަން ވެސް ހިމެނޭ ކަމަށް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުންޏެވެ. އޭގެ ތެރޭގައި ބޭނުންނުކުރާ ތަންތަނާއި މީހުން ދިރިނޫޅެ ތަންތަން ހުރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.

އެހެންވެ، ބޯހިމެނުމަށް މައުލޫމާތު ނުދެވި ތިބި މީހުން އެ ބިއުރޯގެ ހޮޓްލައިން ނަންބަރު 1423 އަށް ގުޅައި، މައުލޫމާތު ހިއްސާކުރުމަށް އެދުނެވެ. ނުވަތަ އެ އޮފީހުގެ ވެބްސައިޓުގައިވާ އެ ކަމަށް ހާއްސަ ފޯމު މެދުވެރިކޮށް ވެސް އެންގޭނެ ކަމަށް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުންޏެވެ.

އެ އިދާރާގެ ބަޔާނުގައި ބުނިގޮތުގައި، ބޯހިމެނުމުގެ މައުލޫމާތު އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ކުރަން ޖެހޭތީ ވަގުތީ ނަތީޖާ އިއުލާންކުރާ ދުވަހަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. ވަގުތީ ނަތީޖާ އިއުލާންކުރާ ގޮތަށް ކުރިން އޮތީ އަންނަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް، ތާރީހެއް ނެތް ގޮތަށް މިހާރު ވަނީ ފަސްކޮށްފަ އެވެ.

ވަގުތީ ނަތީޖާ އިއުލާންކުރާ ތާރީހަށް ބަދަލު ގެނަޔަސް، ކުރިން އޮތް ގޮތަށް މި މަހުގެ 20 ގައި ދާއިމީ ނަތީޖާ އިއުލާންކުރާނެ ކަމަށް ބުންޏެވެ.