Roadha Mihaaru
ބޯހިމެނުން: ބޭރުގައި އުޅޭ ދިވެހިންގެ މައުލޫމާތު ހޯދަނީ

ބޯހިމެނުން: ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ މައުލޫމާތު އެއްކުރަން ފަށައިފި

03 ނޮވެމްބަރ 2022

ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ މައުލޫމާތު، ބޯހިމެނުމަށްޓަކައި އެއްކުރަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ މައުލޫމާތު، ބޯހިމެނުމަށްޓަކައި އެއްކުރަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ފަށައިފި އެވެ.

އެ ބިއުރޯ އިން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސާވޭ ހެދުން މިހާރު ފަށާފައިވާ ކަމަށެވެ. މިދިޔަ އަންގާރަ ދުވަހުން ފެށިގެން މި މަހު 30ގެ ނިޔަލަށް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.

އެ މުއްދަތުގެ ތެރޭގައި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން އެ ބިއުރޯގެ ވެބްސައިޓްގައިވާ ފޯމު މެދުވެރިކޮށް، މައުލޫމާތު ފުރިހަމުކުރުމަށް އެ ބިއުރޯއިން އެދެ އެވެ.

ރާއްޖޭގައި ބޯހިމެނުމުގެ މަސައްކަތް 8 އަހަރު ފަހުން ފަށައިގެން ކުރިއަށް ގެންދާއިރު، މިދިޔަ މަހު އެ ސްޓެޓިސްޓިކްސް ބިއުރޯ އިން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ގުނާފައިވާ އާބާދީގައި، ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އަދަދަކީ 355،331 އެވެ.

އެއީ 2014 ވަނަ އަހަރުގެ ބޯހިމެނުމުގައި ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީއަށް ވުރެ 16،897 މީހުން އިތުރު އަދަދެކެވެ. އޭރު ރާއްޖޭގައި އުޅުނު ދިވެހިންގެ އާބާދީއަކީ 338،434 އެވެ. އަދި 2014 ވަނަ އަހަރު ރާއްޖޭގައި އުޅުނު ބިދޭސީންގެ އަދަދަށް ވުރެ މިހާތަނަށް ގުނުނު ބިދޭސީންގެ އަދަދު 33،000 އަށް ވުރެ އިތުރެވެ. އޭރު ރާއްޖޭގައި އުޅުނީ 63،637 ބިދޭސީން ކަމަށް ވިޔަސް، މި އަހަރުގެ ބޯހިމެނުމުގައި މިހާތަނަށް 97،000 އަށް ވުރެ ގިނަ ބިދޭސީން ތިބި ކަމަށް ދައްކަ އެވެ.

ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެންމެ ފަހުން ބުނިގޮތުގައި މިހާތަނަށް ގުނުނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންގެ ތެރެއިން 89 ޕަސެންޓެވެ. މިހާތަނަށް މައުލޫމާތު ނުލިބޭ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށް އެ ބިއުރޯ އިން ބުންޏެވެ.

މިހާތަނަށް ބޯހިމެނިފައި ނުވާ ނަމަ ހޮޓްލައިން 1423 އަށްް ނުވަތަ ފޯން ނަންބަރު 3008400 އަށް ގުޅުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެދެ އެވެ. އެ ކަމަށް އެދޭ ފޯމު އޮންލައިންކޮށް ހުށަހަޅައިގެން ވިޔަސް ބޯހިމެނުމުގައި ބައިވެރިވާން ބުންޏެވެ.