Roadha Mihaaru
500ރ. ދޭ ގޮތަށް ބޯހިމެނުމަށް 4،400 މީހުން ހޯދަނީ

ދުވާލަކަށް 500ރ. ދޭ ގޮތަށް ބޯހިމެނުމުގެ މަސައްކަތަށް 4،400 މީހުން ހޯދަނީ

18 މެއި 2022

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ބޯހިމެނުމުގެ މަސައްކަތަށް ބޭނުންވާ 4،400 މީހުން ހޯދުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ބޯހިމެނުމުގެ މަސައްކަތަށް ބޭނުންވާ 4،400 މީހުން ހޯދުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

އެ އޮފީހުގެ ސީނިއާ ސްޓެޓިސްޓިކަލް އޮފިސަރު އައިމިނަތު މުޝްފިގާ އިބްރާހިމް "މިހާރު" އަށް އިއްޔެ ވިދާޅުވީ، ބޯހިމެނުމަށް ބޭނުންވާ މީހުން ހޯދުމަށް ކުރި ފުރަތަމަ އިއުލާނާ ގުޅިގެން މިހާތަނަށް 2،005 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އަދިވެސް ބޭނުންވާ އަދަދަށް މީހުން ހަމަނުވާތީ އަލުން އިއުލާންކުރީ ކަމަށް ވިދާޅުވި އެވެ.

"އެ މަސައްކަތަށް އެންމެ ގިނަ މީހުން ބޭނުންވަނީ މާލެއިން. ޝައުގުވެރިކަން ފާޅުކުރި މީހުން އަދި ވަރަށް މަދު،" އޭނާ ވިދާޅުވި އެވެ.

މާލެއިން 2،049 މީހުން ހޯދާއިރު، މިހާތަނަށް ފޯމު ހުށަހެޅީ އެންމެ 583 މީހުންނެވެ. އަދި އިތުރު 1،826 މީހުން ބޭނުންވެ އެވެ.

އެންމެ ގިނައިން މިހާތަނަށް މީހުން ލިބިފައި ވަނީ ރަށްރަށުންނެވެ. ރަށްރަށުން 1،991 މީހަކު ހޯދާއިރު، މިހާތަނަށް 1،422 މީހަކު ފޯމު ހުށަހަޅާފައިވެ އެވެ. އަދި އިތުރު 569 މީހުން ބޭނުންވެ އެވެ.

އެލަވެންސް ދޭ އުސޫލު

● މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500ރ. ގެ އެލަވަންސެއް (އެއީ 7-11 ދުވަހަށް).

● މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 10ރ. ގެ ފޯނު އެލަވަންސެއް (އެއީ 7-11 ދުވަހަށް).

● ތަމްރީނަށް ދާ ކޮންމެ ދުވަހަކަށް 100ރ. ގެ އެލަވަންސެއް (އެއީ ފަސް ދުވަހަށް).

ތަމްރީނު އެލަވަނެސް ލިބޭނީ ބޯހިމެނުމުގެ އޮޕަރޭޝަންގައި ބައިވެރިވެއްޖެ ނަމަ އެކަންޏެވެ. އަދި އެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް އެލަވަންސް ދޭނީ ތަމްރީނު ފުރިހަމަކޮށްް، ބޯހިމެނުމުގެ މަސައްކަތް ފުރިހަމަކުރުމުން ކަމަށް އެ އޮފީހުން ބުންޏެވެ.

މާލެ އާއި ރަށްރަށުގައި ވެސް ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ އަންނަ އޮގަސްޓް މަހާއި ސެޕްޓެމްބަރު މަހާ ދެމެދުގަ އެވެ.

ބޯހިމެނުން އޮންނާނެ ދުވަސްތައް

● މާލެ:

ބޯހިމެނުމަށް ބޭނުންވާ މައުލޫމާތު އެއްކުރުން އޮންނާނީ ސެޕްޓެމްބަރު 13 އިން އެ މަހުގެ 14ގެ ނިޔަލަށެވެ. އަދި ބޯހިމެނުމުގެ އަމަލީ މަސައްކަތް ފަށާނީ ސެޕްޓެމްބަރު 17 އިން އެ މަހުގެ 25ގެ ނިޔަލަށެވެ.

● ބޮޑެތި ރަށްތައް:

ބޯހިމެނުމަށް ބޭނުންވާ މައުލޫމާތު އެއްކުރުން އޮންނާނީ ސެޕްޓެމްބަރު 13 އިން އެ މަހުގެ 14ގެ ނިޔަލަށެވެ. އަދި ބޯހިމެނުމުގެ އަމަލީ މަސައްކަތް ފަށާނީ ސެޕްޓެމްބަރު 17 އިން އެ މަހު 22ގެ ނިޔަލަށެވެ.

● ކުދި ރަށްތައް:

ބޯހިމެނުމަށް ބޭނުންވާ މައުލޫމާތު އެއްކުރުން އޮންނާނީ ސެޕްޓެމްބަރު 13 އިން އެ މަހުގެ 14ގެ ނިޔަލަށެވެ. އަދި ބޯހިމެނުމުގެ އަމަލީ މަސައްކަތް ފަށާނީ ސެޕްޓެމްބަރު 17 އިން އެ މަހު 21ގެ ނިޔަލަށެވެ.

ބޯހިމެނުމުގެ ކަންކަމުގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. ބޯހިމެނުމުގައި ޓްރޭނަރުންނާއި އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 31 ނިޔަލަށެވެ.

ހަތް އަހަރު ފަހުން، އަނެއްކާ ވެސް ރާއްޖޭގައި ބޯހިމަނާއިރު، އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު މައުލޫމާތު އެއްކުރުމަށް ކަރުދާހުގެ ބަދަލުގައި ބޭނުންކުރާނީ ޓެބްލެޓެވެ. އެ މަސައްކަތަށް ބޭނުންވާ 812 ޓެބްލެޓު ވަނީ ހޯދައިފަ އެވެ.

އަންނަ އޮކްޓޯބަރު ހައެއްގައި ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް، ދާއިމީ ނަތީޖާ އެ މަހުގެ 20 ގައި އިއުލާނުކުރަން ވަނީ ކަނޑައަޅައިފަ އެވެ.

މިދިޔަ އަހަރު ބޯހިމެނުން ފަށަން ތައްޔާރުވުމުގެ ގޮތުން ޕްރީ ޓެސްޓިން އަދި ޕައިލެޓް ސެންސަސްއެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެންމެ ފަހުގެ ޕްރޮޖެކްޝަންތަކާ ހަވާލާދީ، ހަ އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީ އަށް ލައްކައެއް އިތުރުވެ، މީހުން ދިރިއުޅޭ އަދަދު ފަސް ލައްކަ އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް 2020 ވަނަ އަހަރު ސްޓެޓިސްޓިކް ބިއުރޯއިން ބުނެފައިވެ އެވެ.