Roadha Mihaaru
ވިޔަފާރިބަނދަރު ބަދަލުކުރުމުގެ މަސައްކަތް ފެބުރުއަރީގައި

ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެބުރުއަރީގައި ފަށާނެ: ރައީސް

05 ޖުލައި 2019

މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަކީ މި ސަރަހައްދުގައި ހިންގާނެ އެންމެ ބޮޑު މަޝްރޫއު ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަކީ މި ސަރަހައްދުގައި ހިންގާނެ އެންމެ ބޮޑު މަޝްރޫއު ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވެއްޖެ އެވެ.

މާލެ އާއި ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ކޯޒްވޭއަކުން ގުޅުވާލުމުގެ އަމަލީ މަސައްކަތް ވެސް ހިމެނެނީ މި އެ މަޝްރޫއުގެ ތެރޭގަ އެވެ. މި ސަރަހައްދު ގުޅާލަން 488 މިލިއަން ޑޮލަރު (7.5 ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ސަރުކާރުން ނިންމާފައި ވަނީ މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫއާ އެކު އެކީގައި ކޯޒްވޭގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށެވެ. އެކަމަކު ފުރަތަމަ ފަށަން ނިންމާފައި އޮތީ ބަނދަރުގެ މަސއްކަތެވެ.

ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތަކުގެ މަސައްކަތް ގޮސްފައިވާ މިންވަރުގެ ތަފްސީލުތައް ދެއްވަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބަނދަރު ހަދަން ކޮންސަލްޓަންސީ އަށް ހުޅުވާލުމުން ޝައުގުވެރިވާ ކުންފުނިތަކަކުން ކުރިމަތިލާފައިވާ ކަމަށެވެ. އޭގެތެރެއިން ބައެއް ކުންފުނިތައް މިހާރު ވަނީ ޝޯޓްލިސްޓް ވެސް ކޮށްފަ އެވެ.

"[ބަނދަރު ހަަދަން]ހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި ނޮވެމްބަރު މަހުގެ ތެރޭގައި ފަށައި އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އެތަނުގެ ސްޓްރަކްޗާގެ މަސައްކަތް ފެށިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިހާރު ލަފާކޮށްފައިވާ ގޮތުން ބަނދަރުގެ މަސައްކަތް ނިންމަން ނަގާނީ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހެވެ.

މާލެ ސަރަހައްދުގައި ހިންގާ މި މަޝްރޫއުގެ ތަފްސީލު އާއްމުކުރެއްވުމާ އެކު އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ވަނީ ފާޑުކިޔައިފަ އެވެ. ރައީސް އިޝާރާތް ކުރެއްވީ ފެބުރުއަރީގައި ބަނދަރުގެ މަސައްކަތް ފަށާ ވާހަކަ އަށް ނަމަވެސް އިދިކޮޅުގެ ފާޑުކިއުން އައީ މާލެ ސަރަހައްދު ގުޅާލުމުގެ މަސައްކަތަށެވެ.

އެ ކޯލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ފެބުރުއަރީ މަހު ކޯޒްވޭގެ މަސައްކަތް ފެށިދާނެ ކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ. އެ މަޝްރޫއުގެ ކުރެހުމެއްހާ ހިސާބު ވެސް އަދި ނުފެންނަ އިރު، އެއީ ދެ އަހަރުގެ ތެރޭގައި ކުރެވޭނެ ކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެއް ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، މާލެ އާއި ތިލަފުއްޓާ ދެމެދު ގުޅުވާލުމަކީ މާލެ އާއި ހުޅުލެއާ ދެމެދަށް ވުރެން ވެސް ދިގު ރާސްތާއަކަށް ވުމެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދައި ބިޑްކޮށްގެން ބަޔަކާ ހަވާލުކުރަން ވެސް ހަ މަހެއްހާ ދުވަސް ހޭދަވާނެ ކަމަށް ލަފާ ކުރެވޭ އިރު އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނީ ކިހިނެއްތޯ ސައީދު ސުވާލު ކުރެއްވި އެވެ.