Roadha Mihaaru
ތިމާވެއްޓަށް ގެއްލުން ވިޔަސް ގުޅިފަޅު ހިއްކަން ޖެހޭ

ތިމާވެއްޓަށް ގެއްލުން ވިޔަސް ގުޅިފަޅު ހިއްކަން ޖެހޭ: އަސްލަމް

06 ޖޫން 2020

ގުޅިފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ފެށުމާ އެކު ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި ނަމަވެސް އެ ޕްރޮޖެކްޓް ކޮންމެހެން ވެސް ކުރިއަށް ގެންދަން ޖެހޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގުޅިފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ފެށުމާ އެކު ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި ނަމަވެސް އެ ޕްރޮޖެކްޓް ކޮންމެހެން ވެސް ކުރިއަށް ގެންދަން ޖެހޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ގުޅިފަޅުން ހަ މިލިއަން އަކަމީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް، ނެދަލެންޑްސްގެ ބޮސްކާލިސް އިން ކުރަމުން އަންނައިރު އޭގެ ސަބަބުން އެ ސަރަހައްދުގެ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާ ކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުން އަންނަނީ ބުނަމުންނެވެ.

Hikkumuge sababun gulheefalhaai kanduge dhirunthakah bodethi gehlunthakeh libeyne: Save Maldives

Hikkumuge sababun gulheefalhaai kanduge dhirunthakah bodethi gehlunthakeh libeyne: Save Maldives

The most trusted news source in the Maldives

Mihaaru

އެ ޕްރޮޖެކްޓްގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ސޭވް މޯލްޑިވްސްއިން ބުނުން

އެކަމާ ގުޅިގެން މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން އޮންލައިންކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ މިފަދަ އެހެން ޕްރޮޖެކްޓަތަކެކޭ އެއްގޮތަށް މި ޕްރޮޖެކްޓްގެ ސަބަބުން ވެސް ތިމާވެއްޓަށް އެކި މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް މިއީ އިގްތިސާދަށް ވަރަށް މުހިންމު ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޕޯޓް ކުރިއަށް ގެންގޮސްގެން ނޫނީ ދެން އިތުރަށް ދިވެހިރާއްޖޭގެ މުދާ އެތެރެކޮށް ބޭރުކުރުމަށް މިއޮންނަ ދޮރާށި އިތުރަށް ތަރައްގީ ކުރެވެން ނެތް ކަމަށް އަޅުގަނޑުމެންގެ ސަރުކާރަށް ގަބޫލުކުރެވިގެން ކުރިއަށް ގެންދާ މަޝްރޫއެއް. އަޅުގަނޑު އެއްވެސް ގޮތަކަށް ކްލޭމްކުރާކަށް ނެތިން ލޯ އިންޕެކްޓް ޕްރޮޖެކްޓެއް ގޮތަށް ހައި އިމްޕެކްޓް ޕްރޮޖެކްޓެއް. އަޅުގަނޑުމެން ވަރަށް ކޯޝަޝްލީ މިކަން ކުރަމުން މި ގެންދަނީ،" އެންވަޔަރްމެންޓް މިނިސްޓްރީ އާއި އީޕީއޭގެ ވެރިންނާ އެކު ބޭއްވި ކޮމެޓީގައި އަސްލަމް ވިދާޅުވި އެވެ.

"ފާހަގަވާ ކަންކަން އަމިއްލަ ފަރާތްތަކުން ވެސް އަދި މަޖިލީހުގެ މެމްބަރުން ވެސް، ހުރިހާ އެންމެން ވެސް ވަރަށް ރަނގަޅަށް ބަލަމުން ގެންދަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން."

މިނިސްޓަރު ވިދާޅުވީ ޕްލޭނިން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތަކީ ޕޯޓް ހަދަން ބޭނުންވާ ބިމާއި މާލޭ ނޯތު ހާބަރުގައި މިހާރު ދެމުން އަންނަ ހިދުމަތްތައް ގުޅީފަޅަށް ބަދަލުކުރަން ބޭނުންވާ ބިން ހިއްކުން ކަމަށެވެ. އޭގެ ތެރޭގައި ގުދަންތަކާއި ހޯލްސޭލް ފިހަރާތަކަށް ބޭނުންވާ ބިން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަމުގެ މާސްޓާ ޕްލޭން ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން މިހާރު ކުރިއަށް އެބަ ދެ އެވެ.

"އެއީ އަދި އޮންގޮއިން މަސައްކަތެއް. އެ މަސައްކަތް ނިމިފައި އޮތީއެއް ނޫން. އެ މަސައްކަތް އަޅުގަނޑުމެން އަދި ހިއްސާ ކުރާނަން ހުރިހާ ސްޓޭކްހޯލްޑާސްއާ އަޅުގަނޑުމެންނަށް އެ މަންޒަރު ރަނގަޅަށް ޑީޓެއިލް މާސްޓާ ޕްލޭން ފެންނަ ހިސާބުން،" މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ގުޅިފަޅުގައި މަގަތު ފާލަން އަޅަން މިހާރު ކަނޑައަޅާފައިވަނީ މާލޭގެ މިހާރުގެ ޕޯޓް ސަރަހައްދާ އެއް އެލައިމެންޓްގައި އޮތް ހިސާބެކެވެ. އެކަމަކު ބަނދަރު ތަރައްގީކުރާނެ ސީދާ ޕޮއިންޓް ކަނޑައެޅުމުގެ ދިރާސާ، ޕްރޮޖެކްޓްގެ ކޮންސަލްޓެންޓެއް މެދުވެރިކޮށް އިކޮނޮމިކް މިނިސްޓްރީން ހަދަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މާލޭ ޕޯޓް ސަރަހައްދުގައި މުދާ ބޭލުމުގެ މަސައްކަތް ކުރަނީ: ޖާގައިގެ ދަތިކަމަށް ހައްލު ގެނައުމަށް އެ ޕޯޓް ގުޅިފަޅަށް ބަދަލު ކުރަން ވަނީ ނިންމައިފައި--

މާލޭ ޕޯޓް ސަރަހައްދުގައި މުދާ ބޭލުމުގެ މަސައްކަތް ކުރަނީ: ޖާގައިގެ ދަތިކަމަށް ހައްލު ގެނައުމަށް އެ ޕޯޓް ގުޅިފަޅަށް ބަދަލު ކުރަން ވަނީ ނިންމައިފައި--

ރާއްޖޭގައި މިހާތަނަށް ހިއްކާ އެންމެ ފުން ތަން

ސުވާލު ކުރައްވަމުން އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ގުޅިފަޅުން ހިއްކާ ބައެއް ސަރަހައްދުތަކުގެ ފުންމިނުގައި 20 މީޓަރު ހުންނަ އިރު އެއީ މިހާތަނަށް ރާއްޖޭގައި ހިންގި ބިން ހިއްކުމުގެ ޕްރޮޖެކްޓްތަކުގައި ބޭނުންކުރި ވެއްޔާ ނުބައްދަލު މިންވަރެއް ކަމަށެވެ. އެގޮތުން 20 މިލިއަން ކޮޑިމީޓަރުގެ (30 މިލިއަން ޓަނުގެ) ވެލި ބޭނުންކުރާނެ ކަމަށް ބެލެވޭ އިރު ސިންގަޕޫރު ފަދަ މުއްސަދި ގައުމުތަކުގައި ވެސް 15 މީޓަރަށް ވުރެ ފުންވެއްޖެ ނަމަ ނުހިއްކާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވައްޑެ ދެން ސުވާލުކުރެއްވީ ރާއްޖެ ކަހަލަ ގައުމެއްގައި އަދި އިގްތިސާދު އިނދަޖެހިފައި އޮތް މިފަދަ ދަނޑިވަޅެއްގައި މިހާ އަގު ބޮޑުވާ ގޮތަށް މިކަން މިކުރަނީ ކީއްވެތޯ އެވެ.

އެއަށް ޖަވާބު ދެއްވަމުން އަސްލަމް ބައެއް ކަންކަމަށް އެއްބަސްވެވަޑައިގަތެވެ. އެގޮތުން އެއީ ރާއްޖޭގައި އެންމެ ފުންކޮށް ހިއްކާ ފުރަތަމަ ފަހަރު ކަމަށް ވިދާޅުވި އެވެ. ނަމަވެސް ވިދާޅުވީ ސިންގަޕޫރު ފަދަ ގައުމުތަކުގައި ވެސް އެހާ ފުން ތަންތަން ހިއްކާފައި އެބަހުރި ކަމަށެވެ.

ގުޅިފަޅު ފުންވެފައި، ބޭނުންވާ ވެލީގެ މިންވަރު ގިނަޔަސް، އަސްލަމް ވިދާޅުވި ގޮތުގައި، އޭގެ ފައިދާ ކުރިއަށް އޮތް ތަނުގައި ރާއްޖެ އަށް ލިބޭނެ އެވެ.

އޭނާ ވަނީ މަޝްރޫއުގެ އަގާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ގުޅިފަޅު ހިއްކުމުގެ ޕްރޮޖެކްޓް އެންމެ އަގު ބޮޑު ރޭޓުން ބަލާ ނަމަ 120 މިލިއަން ޑޮލަރު އަރަ އެވެ. ނަމަވެސް ތަންކޮޅެއް ކައިރިން ވެލި ނެގޭ ނަމަ އެ އަގު 100 މިލިއަން ޑޮލަރަށް ކުޑަވާނެ ކަމަށް ވިދާޅުވި އެވެ.

ގުޅިފަޅު ހިއްކުން މިދިއަ އަހަރުގެ އޮކްޓޯބަރު މަހު ބޮސްކާލިސްއާ ހަވާލުކުރީ، އޯޕަން ބިޑަކަށް ނުގޮސް، 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށެވެ.

މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއުގެ ބިން ހިއްކަން ފެށި އިރު އެކަމާ ބެހޭ ގޮތުން މިއަދާ ހަމައަށް އާންމުކޮށް އެއްވެސް މައުލޫމާތެއް ހިއްސާކުރައްވާފައި ނުވާ މިނިސްޓަރު ވިދާޅުވީ ގުޅިފަޅު ހިއްކަން ވެލި ނަގަނީ މާލެ އަތޮޅުން ކަމަށެވެ. އަދި ސާވޭ އިން ދައްކަނީ ދުރު ނޫން ހިސާބަކުން ވެލި ލިބޭނެ ކަމަށް، ކަމަށް ވެސް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުން މާލޭ ސިޓީ ކައުންސިލްގެ އިހުތިސޯސްގެ ތެރޭގައި ގުޅިފަޅު ހިމެނޭއިރު އެކަން ކުރަނީ އެ ކައުންސިލާ ގުޅިގެންތޯ ވެސް މެމްބަރަކު ސުވާލުކުރި އެވެ. އަސްލަމް ވިދާޅުވީ އެ ގާނޫނުގެ ރޫހާ ހިލާފަށް ކަމެއް ނުކުރައްވާ ކަމަށެވެ. ދެން މިސާލު ދައްކަވަމުން ވިދާޅުވީ މާލޭ ސިޓީގެ އިހުތިސޯސްގެ ތެރޭގައި ހިމެނުނު ނަމަވެސް މިހާރު ވެސް މާލޭ ޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވެސް ހިންގަމުން އަންނަނީ ދައުލަތުގެ ދެ ކުންފުންޏަކުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގުޅިފަޅުގައި އެ ޕްރޮޖެކްޓް ހިންގަން ނިންމީ މާލޭގައި އޮތް ޕޯޓް ކުޑަވުމުގެ ސަބަބުން މާލެ ކައިރިން އެފަދަ ބަނދަރަކަށް އެންމެ ރަނގަޅު ތަނަށް އެ ފަޅު ވާތީ އެވެ. ތިލަފުށީގައި އެކަން ނުކުރީ އެއީ ކުރިންސުރެ ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ތަނަކަށް ވާތީ ޕޯޓެއް ހިންގަން ދަތިވާނެތީ ކަމަށް ވެސް ވިދާޅުވި އެވެ.

"މާލެ އިން ރާއްޖޭގެ އެހެން ރަށްތަކަށް މުދާ ޑިސްޓްރިބިއުޓް ކުރަނީ. އެހެންވީމަ އެކަން ކުރެވޭ ކަހަލަ ތަނެއް ހޯދަން ޖެހެނީ. އެހެންވެ ތިލަފުށީގައި އެ ޒާތުގެ ކަންތައްތަކެއް ނުއެއް ކުރެވޭނެ. އެހެންވެ އެ ސަބަބަށްޓަކައި މާލެ ސަރަހައްދުން އޮތް ޖާގައަކީ ގުޅިފަޅު ކަމުގައި އަޅުގަނޑުމެންނަށް ފެނުނީ. ގުޅިފަޅަކީ މިހާރު ވެސް ކޮންމެވެސް ވަރެއްގެ ބިންކޮޅެއް ހިއްކާފައި އޮތް ތަނެއް. އެކަމަކު އެއީކީއެއް އަދި މިވަރުގެ ކަމެއް ކުރަން ފުދޭވަރުގެ ބިމެއް ނޫން،" އަސްލަމް ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން ގިނަ ޕްރޮޖެކްޓްތަކެއް މެދުކަނޑާލައިފައިވަނިކޮށް ގުޅިފަޅު ޕްރޮޖެކްޓް އެހާ ބާރަށް ގެންދަނީ ކީއްވެގެންތޯ އެމްޑީޕީގެ މެމްބަރަކު ސުވާލުކުރެއްވި އެވެ. އޭގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ "ބާރުލާފައި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ނޫން" ކަމަށެވެ. މި ވަގުތަށް މަޑު ޖައްސާލާފައިވަނީ ކޮންޓްރެކްޓްގައި ސޮއިނުކޮށް، އަދި ނުފަށާ ހުރި ޕްރޮޖެކްޓްތައް އެކަނި ކަމަށް ވެސް ވިދާޅުވި އެވެ.

ގުޅިފަޅު ހިއްކާތީ ވަށައިގެން ކިސަޑު ފެތުރެނީ: އޭގެ ސަބަބުން ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ތިމާވެށީގެ ތަޖުރިބާކާރުން ބުނޭ

ގުޅިފަޅު ހިއްކާތީ ވަށައިގެން ކިސަޑު ފެތުރެނީ: އޭގެ ސަބަބުން ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ތިމާވެށީގެ ތަޖުރިބާކާރުން ބުނޭ

އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން މަޖިލިހުގެ ކޮމެޓީ އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ގުޅިފަޅު ހިއްކުމަކީ ބައިނަލްއަގުވާމީ ބަނދަރެއް ހެދުމުގެ މުހިންމު މަސައްކަތެއް ކަމަށެވެ.