Roadha Mihaaru
ގުޅިފަޅު 2 ހިއްކަން ދެ ބިލިއަން ރުފިޔާ ހަރަދުވޭ!

ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކަން ދެ ބިލިއަން ރުފިޔާ ހަރަދުވޭ!

31 ޖެނުއަރީ 2023

ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމަށް ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުނިން އިއްޔެ ބުނެފި އެވެ. ނަމަވެސް އަމަލީ މަސައްކަތް ފަށާނެ ތާރީހެއް އަދި ނުބުނެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމަށް ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުނިން އިއްޔެ ބުނެފި އެވެ. ނަމަވެސް އަމަލީ މަސައްކަތް ފަށާނެ ތާރީހެއް އަދި ނުބުނެ އެވެ.

ބޮސްކާލިސް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްފައިވާ އެ މަޝްރޫއަށް 120 މިލިއަން ޔޫރޯ (ދެ ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހާއްސަ ކުރަނީ ސަރުކާރުން އެ ތަނުގައި ހަދާ ސަރަހައްދީ ބަނދަރު ނުވަތަ ޕޯޓްގެ މަސައްކަތަށެވެ. އެ މަޝްރޫއާއެކު، މިހާރު މާލޭގެ އުތުރު ފަރާތުގައި ހިންގަމުން އަންނަ ވިޔަފާރި ބަނދަރުގެ ހުރިހާ ހިދުމަތެއް ގުޅިފަޅަށް ބަދަލުކުރާނެ އެވެ.

މާލޭގެ ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، ގުޅިފަޅުގެ ބޮޑު ސަރަހައްދެއް ހިއްކަން ބިޑަކާ ނުލައި ބޮސްކާލިސްއާ ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގަ އެވެ. އެކަމަކު އެ މަޝްރޫއުގެ އަމަލީ މަސައްކަތް އަދިވެސް އޮތީ ނުފެށި އެވެ.

ގުޅިފަޅު ހިއްކުމަށް ސަރުކާރުން ވަނީ ތިން ބޭންކަކުން 101 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ) ގެ ލޯނެއް ވެސް ނަގައިފަ އެވެ. އެއީ ޔޫރަޕިއަން އެކްސްޕޯޓް ޓްރޭޑް ބޭންކާއި ނެދަލޭންޑްސްގެ އޭބީއެން އެމްރޯ ބޭންކާއި އައިއެންޖީ ބޭންކުންނެވެ.

ބޮސްކާލިސްއަކީ 2010 ވަނަ އަހަރު ގުޅިފަޅުގެ ފުރަތަމަ ފިޔަވަހި ވެސް ހިއްކި ކުންފުންޏެވެ. ބިން ހިއްކުމާއި ކަނޑުފަޅުގައި ގާއިމުކުރާ އެކި ބާވަތުގެ އުމްރާނީ ވަސީލަތް ދުނިޔޭގެ ފެންވަރުގައި ކުރަމުން އަންނަ ބޮސްކާލިސް އިން މީގެ ކުރިން ރާއްޖޭގައި ތަރައްގީގެ އެކި މަޝްރޫއުތަކުގެ މަސައްކަތްތައް ކޮށްފައި ވެ އެވެ.

އެ ކުންފުނިން ވަނީ 2019 ވަނަ އަހަރު ގުޅިފަޅުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެއް ވެސް ހިންގައިފަ އެވެ. މި ސަރުކާރުން ހަދަމުން އަންނަ ތިލަމާލެ ބްރިޖު ގުޅިފަޅާ ގުޅުވާލުމަށް ބޭނުންވާ ސަރަހައްދު ވެސް އެ ކުންފުނިން ވަނީ ހިއްކައިފަ އެވެ.

ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކަން ފެށުމުގެ ކުރިން ހަދަން ޖެހޭ އީއައިއޭ ވެސް ހަދާފައިވާ ކަމަށް ބޮސްކާލިސްގެ ބަޔާނުގައި ބުންޏެވެ. އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އެކި ކަންކަން ކުރަން ރާވާފައިވާ ކަމަށް ވެސް ބޮސްކާލިސް އިން ބުންޏެވެ.

ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމަށް 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި އެ ފަޅަށް އަޅާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ހިއްކާ ސަރަހައްދު ވަށައިގެން ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާނެ އެވެ. އެކަމަކު އެ މަޝްރޫއުގެ ދަށުން ހިއްކަނީ ކިހާ ސަރަހައްދެއް ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.

ގުޅިފަޅު އަލުން ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވާއިރު، އެކި މަޝްރޫއުތައް ހިންގުމަށް ތިލަފުއްޓާއި ގިރާވަރުފަޅު ހިއްކަން ވެސް ސަރުކާރުން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.