Roadha Mihaaru
ގިރާވަރުފަޅުން ދޫކުރި ގޯތިތަކެއް ގުޅިފަޅަށް ބަދަލުކުރަނީ

ގިރާވަރުފަޅުން ދޫކުރި 1،300 އަށްވުރެ ގިނަ ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމައިފި

06 އެޕްރީލް 2024

ގިރާވަރުފަޅުގެ ލޭންޑްޔޫސް ޕްލޭނަށް ބަދަލު ގެނައުމުން 1،300 އަށްވުރެ ގިނަ ގޯތި، ގުޅީފަޅަށް ބަދަލުކުރަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގިރާވަރުފަޅުގެ ލޭންޑްޔޫސް ޕްލޭނަށް ބަދަލު ގެނައުމުން 1،300 އަށްވުރެ ގިނަ ގޯތި، ގުޅީފަޅަށް ބަދަލުކުރަން ނިންމައިފި އެވެ.

ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާ ކަމަށެވެ.

އެހެންވެ، އެ ހިދުމަތްތަކަށް ބޭނުންވާ ބިންތަކާއެކު، ގިރާވަރުފަޅުގެ ލޭންޑު ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބައެއް ގޯތިތައް ބަދަލުކުރަން ނިންމާފައިވަނީ ގުޅީފަޅަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން، އެ ތަނަށް 1،347 ގޯތި ބަދަލުކުރަން ނިންމާފައިވެ އެވެ.

އޭގެ ތެރޭގައި؛

- 1250 އަކަފޫޓުގެ 193 ގޯތި

- 1650 އަކަފޫޓުގެ 663 ގޯތި

- 2050 އަކަފޫޓުގެ 487 ގޯތި

- 2450 އަކަފޫޓުގެ ހަތަރު ގޯތި

މިނިސްޓްރީން ބުނީ ގިރާވަރުފަޅުން އެ ސައިޒުގެ ގޯތި ލިބުނު މީހުން، މާދަމާއިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް، ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ގުޅީފަޅަށް ބަދަލުވާން ހުށަހަޅާނަމަ، އެ ފުރުސަތު ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތު ނަގައިގެން ކަމަށާއި އެ ތާރީހު މިނިސްޓްރީން އަންގާނެ ކަމަށް ބުންޏެވެ.

ކުރީގެ ސަރުކާރުގެ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ދޫކޮށްފައިވެ އެވެ.