Roadha Mihaaru
2،210 މީހުން ގުޅިފަޅަށް ގޯތި ބަދަލުކުރަން އެދިއްޖެ

ގިރާވަރުން ގޯތި ލިބުނު 2،000 އަށް ވުރެން ގިނަ މީހުން ގުޅިފަޅަށް ބަދަލުވާން އެދިއްޖެ

28 މެއި 2024

ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅިފަޅަށް ގޯތި ބަދަލު ކުރަން ބޭނުންވާ މީހުންނަށް މި ސަރުކާރުން ހުޅުވާލި ފުރުސަތުގައި 2،210 މީހުން ގުޅިފަޅަށް ބަދަލުވާން އެދިއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅިފަޅަށް ގޯތި ބަދަލު ކުރަން ބޭނުންވާ މީހުންނަށް މި ސަރުކާރުން ހުޅުވާލި ފުރުސަތުގައި 2،210 މީހުން ގުޅިފަޅަށް ބަދަލުވާން އެދިއްޖެ އެވެ.

ގިރާވަރުފަޅުގެ ލޭންޑްޔޫސް ޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ގިރާވަރުފަޅުން 1،347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމީ މިދިޔަ އޭޕްރިލް މަހު އެވެ.

ގުޅިފަޅަށް ބަދަލު ކުރަން ނިންމާފައި ވަނީ 1250 އަކަފޫޓުގެ 193 ގޯއްޗާއި، 1650 އަކަފޫޓުގެ 663 ގޯއްޗާއި، 2050 އަކަފޫޓުގެ 487 ގޯއްޗާއި، 2450 އަކަފޫޓުގެ 4 ގޯއްޗެވެ.

ހަތަރު ކެޓަގަރީއެއް ހިމެނޭހެން ޖުމުލަ 1096 ފުރުސަތަށް ހުޅުވާލުމުން ގިނަ ބަޔަކު ކުރިމަތިލާފައިވާތީ މިނިސްޓްރީން ނިންމާފައި ވަނީ އަންނަ މަހު ގުރުއަތު ނެގުމަށެވެ.

ގުޅިފަޅަށް ގޯތި ބަދަލުކުރަން އެދި ހުށަހެޅި މީހުންގެ އަދަދު:

1. 1250 އަކަފޫޓުގެ 193 ގޯތި: ބަދަލު ކުރަން އެދި ހުށަހެޅީ 1093 މީހުން

2. 1650 އަކަފޫޓުގެ 663 ގޯތި: ބަދަލު ކުރަން އެދި ހުށަހެޅީ 880 މީހުން

3. 2050 އަކަފޫޓުގެ 487 ގޯތި: ބަދަލު ކުރަން އެދި ހުށަހެޅީ 234 މީހުން

4. 2450 އަކަފޫޓުގެ ހަތަރު ގޯތި: ބަދަލު ކުރަން އެދި ހުށަހެޅީ 3 މީހުން

ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދު.-- ފޮޓޯ: އެޗްޑީސީ

ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދު.-- ފޮޓޯ: އެޗްޑީސީ

ގުރު ނެގުން އޮންނާނީ އަންނަ މަހުގެ 4ގައި ކަމަށާއި ގުރު ނަގާނެ ތަނާއި ގަޑި ފަހުން އިއުލާން ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ގޯތި ބަދަލުކުރަން އެދިފައިވާ ކެޓަގަރީތަކުގެ ތެރެއިން 2050 އަދި 2450 އަކަފޫޓުގެ ގޯތި ލިބުނު މީހުން ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ކަމުން، އެ މީހުންގެ މެދުގައި ގުރުނެގުން ނޯންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅިފަޅަށް ގޯތި ބަދަލު ކުރުމަށް ހުށަހެޅި ފަރާތްތަކުގެ ލިސްޓު ވެސް އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހުގެ ރޭގަނޑު 11 ޖެހުމާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ގުޅިފަޅު ހިއްކުން ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޮކްޓޯބަރު 17، 2019 ގަ އެވެ. އެއީ ދެ ބިލިއަން ރުފިޔާއަށް 65 ހެކްޓަރު ހިއްކާށެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމާފައި ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، ދެ ވަނަ ފިޔަވަހިން 150 ހެކްޓަރު އިތުރު ކުރާށެވެ. އެ ބައި ހިއްކުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.