Roadha Mihaaru
ޕޯޓް ހަދަން ރަނގަޅީ ތިލަފުށި: ސައީދު

ޕޯޓް ހަދަން ރަނގަޅީ ތިލަފުށި، މާސްޓަޕްލޭން އޮންނާނީ ހަދާފައި: ސައީދު

06 ޖޫން 2020

މާލޭ ކޮމާޝަލް ޕޯޓު ބަދަލުކުރަން އެންމެ ރަނގަޅު ތަނަކީ ތިލަފުށި ކަމަށާއި އެކަން ކުރުމަށް ހަދަން ޖެހޭ ހުރިހާ ޕްލޭނެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހަދައި ނިންމާފައިވާ ކަމަށް އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލޭ ކޮމާޝަލް ޕޯޓު ބަދަލުކުރަން އެންމެ ރަނގަޅު ތަނަކީ ތިލަފުށި ކަމަށާއި އެކަން ކުރުމަށް ހަދަން ޖެހޭ ހުރިހާ ޕްލޭނެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހަދައި ނިންމާފައިވާ ކަމަށް އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭ ޕޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން މިސަރުކާރުން ވެސް ފުރަތަމަ ނިންމީ ޕޯޓް ތިލަފުއްޓަށް ބަދަލުކުރާށެވެ. ނަމަވެސް ކެބިނެޓްގައި މަޝްވަރާ ކުރެއްވުމަށް ފަހު ގުޅިފަޅަށް ޕޯޓް ބަދަލުކުރަން ފަހުން ނިންމީ އެވެ. އަދި އެ ޕްރޮޖެކްޓަށް ބޭނުންވާ ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް، ނެދަލެންޑްސްގެ ބޮސްކާލިސް އިން މިހާރު ވަނީ ފަށައިފަ އެވެ.

ތިލަފުށީގެ ބަދަލުގައި ގުޅިފަޅުގައި ޕޯޓް ހަދަން ނިންމި ސަބަބެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ ތިލަފުއްޓަކީ ކުރިންސުރެ ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ތަނަކަށް ވާތީ ޕޯޓެއް ހިންގަން ދަތިވާނެތީ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ގުޅިފަޅުގައި އެ ޕްރޮޖެކްޓް ހިންގަން ނިންމީ މާލޭގައި އޮތް ޕޯޓް ކުޑަވުމުގެ ސަބަބުން މާލެ ކައިރިން އެފަދަ ބަނދަރަކަށް އެންމެ ރަނގަޅު ތަނަކަށް އެތަން ވާތީ އެވެ.

Thimaavettah gellun viyas Gulhifalhu hikkan jehey: Aslam

Thimaavettah gellun viyas Gulhifalhu hikkan jehey: Aslam

The most trusted news source in the Maldives

Mihaaru

ގުޅިފަޅު ޕްރޮޖެކްޓް ވަރަށް މުހިންމު ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވުން

މިހާރު މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު، "މިހާރު" އަށް ވިދާޅުވީ މާލެ އާއި ހުޅުމާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ކުރީގެ ސަރުކާރުން ނިންމާފައިވަނީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ގުޅިފަޅު ތަރައްގީކުރަން ކަމަށެވެ. އޭގެ ބަދަލުގައި އެ ރަށުގައި ޕޯޓް ހެދުމުން މާލެ ތޮއްޖެހުމަށް ހައްލު ހޯދަން ދަތިތަކާ ކުރިމަތިވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި އިންޑަސްޓްރިއަލް މަސައްކަތަށް ހާއްސަކޮށްފައިވަނީ ތިލަފުށި ކަމަށްވާއިރު ޕޯޓް ހަދަން ވާނީ އެރަށުގައި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އަދި ތިލަފުށީގައި ޕޯޓާއި އެ ޕޯޓަށް ބޭނުންވާނެ ހިދުމަތްތަކާއި ފެކްޓްރީތައް ހިމެނޭ ގޮތަށް މާސްޓާ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

"ޕްލޭން އޮންނާނެ ސަރުކާރުގައި. އެ ޕްލޭން އެގޮތަށް އޮއްވައި އެ ބަދަލު އެ ގެނައީ. ވެއ ހައުސްއާ ހުރިހާ ކަމެއް އަންނާނެ ގޮތަށް ޕްލޭން ހަދާފައިވާނީ. މުޅި ތިލަފުށި އެއްކޮށް ހިއްކައިގެން އެތަން އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ކުރުމަށް އަޅުގަނޑުމެން ނިންމީ،" ސައީދު ވިދާޅުވި އެވެ.

ގުޅިފަޅުގައި ޕޯޓް ހަދާތީ ފާޑު ވިދާޅުވެ ސައީދު ކުރެއްވި ޓްވީޓެއް

ތިލަފުއްޓަކީ ކުނި އަންދާ ރަށަކަށް ވާތީ އެ ރަށުގައި ޕޯޓް ހެދެން ނެތް ކަމަށް ޕްލޭނިން މިނިސްޓަރު ވިދާޅުވާއިރު އަބަދު ކުނި ނައްތާލާނީ އަންދައިގެން ނޫންކަން މިނިސްޓަރަށް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ސަރުކާރުން ތިލަފުށީގައި ޕޯޓް އަޅަން ނިންމި ސަރަހައްދާއި ކުނި އަންދާ ސަރަހައްދާ 3،369 މީޓަރުގެ ދުރުމިން ހުރޭ. ކުނި އަންދާ ސަރަހައްދާ ގުޅިފަޅާ ހުރި ދުރުމިނަކީ 365 މީޓަރު،" ސައީދު ވިދާޅުވި އެވެ.

ތިލަފުށީގައި އަޅަން ނިންމާފައިވާ ޕޯޓް މިސަރުކާރުން ގުޅިފަޅަށް ބަދަލުކުރަން ނިންމިއިރު އުތުރު ތިލަފަޅުގައި އަސްކަރީ ބަނދަރެއް ހަދަން ބަޔަކަށް ދީފައި ވޭތޯ ޔަގީންކުރަން ޖެހޭ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

އާ މާސްޓާ ޕްލޭންގެ މަސައްކަތް މިހާރު އެބަ ކުރޭ

މިނިސްޓަރު އަސްލަމް މިއަދު މަޖިލީހުގެ ކޮމެޓީގައި ވިދާޅުވީ ޕްލޭނިން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތަކީ ޕޯޓް ހަދަން ބޭނުންވާ ބިމާއި މާލޭ ނޯތު ހާބަރުގައި މިހާރު ދެމުން އަންނަ ހިދުމަތްތައް ގުޅިފަޅަށް ބަދަލުކުރަން ބޭނުންވާ ބިން ހިއްކުން ކަމަށެވެ. އޭގެ ތެރޭގައި ގުދަންތަކާއި ހޯލްސޭލް ފިހަރާތަކަށް ބޭނުންވާ ބިން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަމުގެ މާސްޓާ ޕްލޭން ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން މިހާރު ކުރިއަށް އެބަ ދެ އެވެ.

"އެއީ އަދި އޮންގޮއިން މަސައްކަތެއް. އެ މަސައްކަތް ނިމިފައި އޮތީއެއް ނޫން. އެ މަސައްކަތް އަޅުގަނޑުމެން އަދި ހިއްސާ ކުރާނަން ހުރިހާ ސްޓޭކްހޯލްޑާސްއާ އަޅުގަނޑުމެންނަށް އެ މަންޒަރު ރަނގަޅަށް ޑީޓެއިލް މާސްޓާ ޕްލޭން ފެންނަ ހިސާބުން،" މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ގުޅިފަޅުގައި މަގަތު ފާލަން އަޅަން މިހާރު ކަނޑައަޅާފައިވަނީ މާލޭގެ މިހާރުގެ ޕޯޓް ސަރަހައްދާ އެއް އެލައިމެންޓްގައި އޮތް ހިސާބެކެވެ. އެކަމަކު ބަނދަރު ތަރައްގީކުރާނެ ސީދާ ޕޮއިންޓް ކަނޑައެޅުމުގެ ދިރާސާ، ޕްރޮޖެކްޓްގެ ކޮންސަލްޓެންޓެއް މެދުވެރިކޮށް އިކޮނޮމިކް މިނިސްޓްރީން ހަދަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.