Roadha Mihaaru
ޔުނިވާސަލް އިން 20،000 ޓެސްޓިން ކިޓް ހަދިޔާކޮށްފި

ޔުނިވާސަލް އިން 20،000 ޓެސްޓިން ކިޓް ހަދިޔާކޮށްފި

06 ޖޫން 2020

ކޮވިޑް-19 އަށް ޓެސްޓުކުރާ 20،200 ކިޓް ޔުނިވާސަލް އެންޓަޕްރައިސަސް އިން ހެލްތު މިނިސްޓްރީ އަށް މިއަދު ހަދިޔާކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 އަށް ޓެސްޓުކުރާ 20،200 ކިޓް ޔުނިވާސަލް އެންޓަޕްރައިސަސް އިން ހެލްތު މިނިސްޓްރީ އަށް މިއަދު ހަދިޔާކޮށްފި އެވެ.

މި ޓެސްޓިން ކިޓްތައް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ކޮމްޕްލަޔަންސް މެނޭޖަރު މުހައްމަދު ރިޒާ އެވެ. މި ކިޓްތަކާ ހަވާވެވަޑައިގަތީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

ހެލްތި މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޔުނިވާސަލް އިން ހަދިޔާކުރީ އެތަނުން މިހާރު ވެސް ބޭނުންކުރަމުން އަންނަ ބާވަތެއްގެ ޓެސްޓިން ކިޓްތަކެއް ކަމަށެވެ. ދެ ތިން ބާވަތެއްގެ ޓެސްޓިން ކިޓް ބޭނުންކުރަމުން އަންނަ ކަން ފާހަގަކުރައްވަމުން، އެ ކުންފުނިން ހަދިޔާކޮށްފައިވަނީ އައިޖީއެމްއެޗުން ރިކޮމެންޑް ކޮށްފައިވާ ބާވަތެއްގެ ޓެސްޓިން ކިޓެއް ކަމަށް ވިދާޅުވި އެވެ.

"މިނިސްޓްރީގައި ހުރި ޓެސްޓިން ކިޓްތަކުގެ އަދަދު ނިސްބަތުން މަދުވެފައި ހުއްޓާ ޔުނިވާސަލް އިން އެ ހަދިޔާކުރެއްވީ،" މިނިސްޓްރީ އޮފިޝަލު ވިދާޅުވި އެވެ.

ކޮވިޑް އަށް ޓެސްޓުކުރަން ބޭނުންކުރެވޭ އިތުރު މެޝިންތަކެއް މިނިސްޓްރީ އަށް ލިބެމުން އަންނާތީ، އެތަނުން ވެސް މަސައްކަތް ކުރަމުން އަންނަނީ ޓެސްޓިން ކެޕޭސިޓީ އިތުރުކޮށް ފުޅާކުރަން ކަމަށް އޭނާ ވިދާޅުވި އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގަވާއިދުން 5،000 ޓެސްޓިން ކިޓް ރާއްޖެ އަށް ހަދިޔާ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި މި އަދަދު އިތުރުކުރަން މަޝްވަރާ ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިނިސްޓްރީން މަސައްކަތްކުރަމުން މި އަންނަނީ އައްޑޫގައި ވެސް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖައްސަން. ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން އަމިއްލަ އަށް ވެސް ޓެސްޓިން ކިޓްތައް ގަންނާނަން،" އޭނާ ވިދާޅުވި އެވެ.