Roadha Mihaaru
ދަރިވަރުންނަށް އިންޓަނެޓް ޑޮންގްލް ދޭން މަޝްވަރާކުރަނީ

ދަރިވަރުންނަށް އިންޓަނެޓް ޑޮންގްލް ދޭން މަޝްވަރާކުރަނީ

12 މެއި 2020

ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންނަށް އިންޓަނެޓް ޑޮންގްލް ދިނުމަށް، މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންނަށް އިންޓަނެޓް ޑޮންގްލް ދިނުމަށް، މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމެޓީގައި މިނިސްޓަރު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ސްކޫލުތައް ބަންދުކޮށްފައިވާ މި ހާލަތުގައި ކިޔެވުން ކުރިއަށް ގެންދިއުމަށް، ކޮންމެ ދަރިވަރަކަށް ޑޮންގްލްއެއް ދީ އެއިން އިންޓަނެޓް ބޭނުންކުރެވޭ ގޮތް ހެދުމުގެ ވިސްނުން އެބަހުރި ކަމަށެވެ. ދިރާގާއި އުރީދޫއާއެކު އެ މަޝްވަރާތައް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ލޮކްޑައުންކޮށްފައިވާ މި ހާލަތުގައި ކިޔަވައިދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިންޓަނެޓެވެ.

އެކަމުގެ ތަފްސީލުތައް ހިއްސާކުރައްވަމުން ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވި ގޮތުގައި މަޝްވަރާކުރަމުން އަންނަނީ ސްޓޫޑެންޓް ޕެކޭޖެއް ތައާރަފުކޮށް ވަކި ހާއްސަ ސިމެއް ދޭން ކަމަށެވެ. އެކަން ކުރެވިދާނެ ކަމަށާއި އެކަމުގެ މައުލޫމާތު ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހިއްސާކުރާނެ ކަމަށް އެ ދެ ކުންފުނިން ވެސް ބުނެފައިވާ ކަމަށް ވިދާޅުވި އެވެ.

މޫސަ ވިދާޅުވިގޮތުގައި އެންމެ ގިނަ ދަރިވަރުންނަށް އެކްސެސް ވެވޭ ވަސީލަތެއް ބެލުމަށް ހެދި ސާވޭއަށް 70،000 ދަރިވަރުންގެ ތެރެއިން 51،000 ދަރިވަރުންގެ ފަރާތުން ޖަވާބު ލިބުނު ކަމަށެވެ. ޖަވާބު ދިން ދަރިވަރުންގެ ތެރެއިން 70 ޕަސެންޓް ކުދިންނަށް ގޭގައި އިންޓަނެޓް ލިބޭ ކަމަށާއި އެ ހިދުމަތް ނުލިބޭ ކަމަށް 15،000 ދަރިވަރުން ބުނެފައިވާ ކަމަށް ވިދާޅުވި އެވެ.

"މިކަން ސަސްޓެއިނަބްލް ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ދިރާގާއި އުރީދޫގެ އެހީގައި ސްޓޫޑެންޓް ޕެކޭޖެއް، ވަކި ހާއްސަ ޑޮންގްލްއަކާއި ވަކި ހާއްސަ ސިމެއް ކޮންފިގާ ކުރުމުގެ މަޝްވަރާތަކެއް އުރީދޫ އާއި ދިރާގާއެކު އަޅުގަނޑުމެން ދަނީ ކުރެވެމުން،" މޫސަ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ނިއު ނޯމަލަކަށް ތައްޔާރުވުމަށް، ޔުނިސެފްގެ އެހީގައި އުސޫލުތައް ހަދަމުން އަންނަ ކަމަށެވެ. ވީހާ ވެސް އަވަހަކަށް ކިޔެވުން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސްކޫލުތައް ބަންދުކުރިތާ ދެ މަސް ވެގެން ދިޔަ ކަމުގައި ވިއަސް، މާލެ ލޮކްޑައުންކުރުމާ ހަމަ އަށް ދިޔައީ "ޓެލިކިލާސް" އިން ދޭތެރެ ދޭތެރެއިން ފިލާވަޅުތައް ނަގައިދެމުންނެވެ. ނަމަވެސް ކޮވިޑް-19 ގެ ފުރަތަމަ ބަލި މީހަކު މާލެއިން ފެނުމާއެކު، މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކިޔަވައިދިނުން ވަނީ ހުއްޓާލައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުންނަށް ކިޔަވައިނުދީ ދިގުލައިގެން ދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ.