Roadha Mihaaru
އިންޓަނެޓް ފޯރުކޮށްދޭނެ ގޮތްތަކާ ބެހޭ މަޝްވަރާ ކުރަނީ

ދަރިވަރުންނަށް އިންޓަނެޓް ފޯރުކޮށްދެވިދާނެ ގޮތްތަކާ ބެހޭ މަޝްވަރާ ދަނީ ކުރިއަށް: މިނިސްޓަރު

15 މާޗް 2020

ދަރިވަރުން ގޭގައި ކިޔެވުމަށް އިންޓަނެޓް ފޯރުކޮށްދިނުމުގައި އެހީތެރިވުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިވަރުން ގޭގައި ކިޔެވުމަށް އިންޓަނެޓް ފޯރުކޮށްދިނުމުގައި އެހީތެރިވުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ސްކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭން ފަށާފައިވާއިރު، ދަރިވަރުންނަށް ހިލޭ އިންޓަނެޓް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އާދޭތޯ "މިހާރު"ން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ އެފަދަ ހުރިހާ ގޮތްތަކެއް ވެސް ބަލަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅިގެން ދިރާގާއެކު މިއަދު މަޝްވަރާކޮށްފައިވާ ކަމަށާއި މި ދަނޑިވަޅުގައި އެ ފަރާތްތަކުން ފޯރުކޮށްދެވޭނެ އެހީތެރިކަމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިންޓަނެޓް ނުލިބޭ ތަންތަން، ނުލިބޭ ކުދިން ވެސް އެބަތިބި. އެހެންވެ އަޅުގަނޑުމެން ބޮޑަށް ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް ވެސް މި ފިލާވަޅުތައް ގެންދެވޭތޯ މި އުޅެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާ ފިޔަވަޅުތަކުގައި، ސްކޫލުތައް ބަންދުކޮށްފައިވާއިރު، އޮންލައިންގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން މިހާރު ވަނީ ކިޔަވައިދޭން ފަށައިފަ އެވެ. އެހެންވެ މިދުވަސްވަރު، ދަރިވަރުންނަށް ހިލޭ އިންޓަނެޓު ދޭން ގޮތްތަކެއް ހަމަޖައްސަން ޖެހޭ ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ.

ޓެލިކިލާސް މެދުވެރިކޮށް ދަރިވަރަކު ކިޔަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ޓެލިކިލާސް މެދުވެރިކޮށް ދަރިވަރަކު ކިޔަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ގްރޭޑު 10 އަދި 11ގެ ދަރިވަރުންނަށް ހާއްސަކޮށްގެން "ޓެލިކިލާސް" ނަމުގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޔެސް ޗެނަލުން ވަނީ ހާއްސަ ޕްރޮގްރާމެއް ފަށައިފަ އެވެ. އެ ގްރޭޑުތަކުގެ ދަރިވަރުންގެ އިތުރުން އެހެން ދަރިވަރުންނަށް އެޑިއުޕޭޖާއި ގޫގުލް ކްލާސްރޫމާއި ޓެޑް-އެޑްގެ އިތުރުން ވެބްޕޯޓަލް އަދި ގޫގުލް ޑްރައިވް ބޭނުންކޮށްގެން ކިޔަވައިދޭން ވަނީ ފަށައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ ވީހާ ވެސް ގިނަ ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދިނުމަށެވެ.