Roadha Mihaaru
ކުދިންނަށް ހެޔޮއަގުގައި އިންޓަނެޓް ދޭން އެއްބަސްވީ ދިރާގުން

ސްކޫލު ކުދިންނަށް ހެޔޮ އަގުގައި އިންޓަނެޓް ދޭން އެއްބަސްވީ ދިރާގުން އެކަނި

25 މެއި 2021

އޮންލައިންކޮށް ކިޔަވާ ދަރިވަރުންނަށް ހެޔޮ އަގުގައި އިންޓަނެޓު ދޭން އެއްބަސްވީ ދިރާގުން އެކަނި ކަމަށް އެނގިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޮންލައިންކޮށް ކިޔަވާ ދަރިވަރުންނަށް ހެޔޮ އަގުގައި އިންޓަނެޓު ދޭން އެއްބަސްވީ ދިރާގުން އެކަނި ކަމަށް އެނގިއްޖެ އެވެ.

ކޮވިޑު-19 އާ ހެދި މިދިޔަ އަހަރު އަހަރުގެ މާޗު މަހުން ފެށިގެން މިދިޔަ މަހާ ހަމައަށް ދިރާގާއި އުރީދޫން ވެސް ސްކޫލުތަކަށް ހިލޭ ޑޭޓާ ދިނެވެ. ކޮންމެ ދަރިވަރަކަށް ފަސް ޖީީބީ އަދި ޓީޗަރުންނަށް ދިހަ ޖީބީ ހިލޭ ދިނެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފުތާގައި ސަރުކާރުގެ ސްކޫލުތަކަށް ފޮނުވި އުސޫލެއްގައި ބުނީ އެގޮތަށް ހިލޭ ޑޭޓާ ދިނުމަށް ހިދުމަތްދޭ ކުންފުނިތަކަށް ވެސް ބޮޑު ގޮންޖެހުމެއް ކުރިމަތިވާ ކަމަށެވެ. އެހެންވެ، އެކަށީގެންވާ ގޮތެއްގައި އެކަން ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކާ އެކު މަޝްވަރާކުރި އެވެ.

މިގޮތަށް ހިލޭ ޑޭޓާ ދިނުމަށް ދިރާގާއި އުރީދޫން ވެސް މަހެއްގެ މައްޗަށް ހަތަރު މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް ވެ އެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ކޮންމެ ދަރިވަރަކަށް މަހަކު ފަސް ޖީބީގެ ޑޭޓާ ދޭން ދިރާގުން އެއްބަސްވީ 32.5ރ. އަށެވެ. އެކަމުގައި ލުއި ގޮތްތަކެއް ހެދުމަށް އެދުނަސް އުރީދޫން ދިން ޖަވާބަކީ ދަރިވަރުންނަށް ފަސް ޖީބީގެ ޑޭޓާ ދެވޭނީ 300ރ. އަށް ކަމަށެވެ.

ދިރާގު ބޭނުންކުރާ ދަރިވަރުންނަށް އެކަނި ޑޭޓާ ދޭން ނިންމުމާ ގުޅިގެން ބައެއް ބެލެނިވެރިންނާއި ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ރަށްރަށުގައި ވަރަށް ބޮޑަށް ބަރޯސާވެފައި މި އޮތީ އުރީދޫގެ ޕެކޭޖަށް. އެކަމަކު މި ހާލަތުގައި އެ އެހީ ނުލިބުމުން ވަރަށް ކަންބޮޑުވެފައި ވަނީ،" ސްކޫލެއްގެ އިސްވެރިޔަކު ވިދާޅުވި އެވެ.