02 ޖުލައި 2020
ހިފެހެއްޓުމެއް ނެތި ކުޑަކުދިންގެ އަތްމައްޗަށް އިންޓަނެޓު ދޫވުމާއި ރައްކާތެރި ގޮތުގައި އިންޓަނެޓު ބޭނުންކުރާނެ ގޮތް ކުދިންނަށާއި މައިންބަފައިންނަށް ނޭނގުމުގެ ކަންބޮޑުވުންތައް ބޮޑުވެއްޖެ އެވެ. ކޮވިޑްގެ ބަންދުގައި ކުޑަކުދިން ކިޔެވުމަށާއި މުނިފޫހިފިލުވަން އިންޓަނެޓު ބޭނުންކުރުން އިތުރުވެފައިވާ މި ދަނޑިވަޅުގައި މި މައްސަލަ އިތުރަށް ގޯސްވެފައިވާ ކަމުގެ ބިރު ވެސް މިވަނީ އުފެދިފަ އެވެ.
ހިފެހެއްޓުމެއް ނެތި ކުޑަކުދިންގެ އަތްމައްޗަށް އިންޓަނެޓު ދޫވުމާއި ރައްކާތެރި ގޮތުގައި އިންޓަނެޓު ބޭނުންކުރާނެ ގޮތް ކުދިންނަށާއި މައިންބަފައިންނަށް ނޭނގުމުގެ ކަންބޮޑުވުންތައް ބޮޑުވެއްޖެ އެވެ. ކޮވިޑްގެ ބަންދުގައި ކުޑަކުދިން ކިޔެވުމަށާއި މުނިފޫހިފިލުވަން އިންޓަނެޓު ބޭނުންކުރުން އިތުރުވެފައިވާ މި ދަނޑިވަޅުގައި މި މައްސަލަ އިތުރަށް ގޯސްވެފައިވާ ކަމުގެ ބިރު ވެސް މިވަނީ އުފެދިފަ އެވެ.
ކަންބޮޑުވުންތައް މި އައީ އޮންލައިންކޮށް ގްރޫމްކޮށްގެން ކުޑަކުދިންނަށް ޖިންސީ އަނިޔާކުރި ދެ މައްސަލައަކާ އެކުގަ އެވެ. އަދި ދެ ކުއްޖަކު އުމުރާ ނުގުޅޭ ކަމެއްގައި އުޅޭ ތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އިންޓަނެޓު މެދުވެރިކޮށް ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީ އަނިޔާކުރުމާއި ބްލެކްމެއިލްކުރުމުގެ މައްސަލަތަކާއި ކުދިން އިންޓަނެޓު ބޭނުންކުރާ ގޮތާ ބެހޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ތިން ބައްދަލުވުމެއްގައި، މިދިޔަ މަހު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާއި އެހެން ބައެއް ފަރާތްތަކާއި މެމްބަރުން ވާހަކަދައްކާފައިވެ އެވެ. އެއިން ބައްދަލުވުމެއްގައި ޕީޖީ އޮފީހުން ބުނީ ކުޑަކުދިން ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުން ވެސް އެބަ އޮތް ކަމަށާއި އެއީ ބަރަހަނާ އެއްޗެހި ފެނުމާ ގުޅިފައިވާ މައްސަލަތަކެއް ކަމަށެވެ.
ޕީޖީ އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ސިޔާނަތު ހާޝިމް ވިދާޅުވި ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް ދީފައި ހުރި ޓެބްލެޓްތައް ބޭނުންކޮށްގެން ޕޯން ސައިޓްތަކަށް ވަންނަ މައްސަލަތައް ވެސް، މަދުން ނަމަވެސް، އެ އޮފީހަށް ހުށަހަޅަ އެވެ. ގިނައިން އެކަން އައިސްފައި ހުރީ ރަށްރަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ކޮމިޓީގައި ބުނީ ޓެބްލެޓްތަކަކީ ރައްކާތެރި ޑިވައިސްތަކަކަށް ހަދަން ޓެކްނިކަލް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އެކަމަކު ކުރިން ހިފަހައްޓާފައި ހުރި ގިނަ ކަންތައްތަކެއް، ކޮވިޑާ އެކު އޮންލައިން ކިޔެވުން ފުޅާވުމާ ގުޅިގެން، ދޫކޮށްލާފައިވާ ކަމަށް ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވި އެވެ. އޭގެ ތެރޭގައި އިންޓަނެޓް ބްރައުޒާ ހުޅުވޭ ގޮތް ހެދުން ހިމެނެ އެވެ.
މޫސަ ވިދާޅުވީ އެހެން ހަދަން ޖެހުނީ ކަންކަން ހިފަހައްޓައިގެން ކިޔަވައިދޭން ދަތިވާތީ ކަމަށާއި "ބޮޑަށް މި ބޭނުންވަނީ އިންސާނީ ގޮތުން މިކަން ހައްލުކުރާނެ މެކޭނިޒަމެއް" ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ މީގައި ދެ ބައެއް އެއްކޮށް އެބަ ދާން ޖެހޭކަން. އެއް ކަމަކީ ޓެކްނިކަލީ މި ބޭނުންވާ ބަޔާ އެއްކޮށް އެވެއާނެސްގެ ބައިތައް ބެލެނިވެރިންނަށް ވެސް، ދަރިވަރުންނަށް ވެސް. ޑިޖިޓަލް ސިޓިޒަންޝިޕް ނުވަތަ ހެޔޮ ގޮތުގައި މި އެއްޗެހި ބޭނުންކުރުމުގެ ބަޔަށް އެޑްވޮކެސީ ބޮޑަށް މި ބޭނުންވަނީ،" އޭނާ ވިދާޅުވި އެވެ.
އިންޓަނެޓުގެ ހިދުމަތް ދޭ ކުންފުންޏެއްގެ ހައިސިއްޔަތުން ކޮމިޓީގެ ކުރީގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އުރީދޫން ބުނީ އިންޓަނެޓު ބޭނުން ނުކޮށް ވެސް ޑިޖިޓަލް އުނގެނުން ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒު ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ އިންޓަނެޓާ ނުލައި ކިޔަވައިދިނުމެވެ. އެ ގޮތް އެ ކުންފުނިން ހުށަހަޅާފައި ވެސް ވާނެ ކަމަށް ވިދާޅުވި އެވެ.
އިންޓަނެޓު ބޭނުން ނުކޮށް ކިޔަވައިދެވޭނެ ނިޒާމެއްގެ ވާހަކަ އުރީދޫން ދެއްކި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް ބުންޏެވެ. އެކަމަކު މޫސަ ވިދާޅުވީ ދަރިވަރުންނަށް އިންޓަނެޓު ނުދިނުމަކީ މިއަދުގެ މުޖުތަމައުގައި ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
"ކުދިންނަށް ދަސްކޮށްދޭން މި ޖެހެނީ ހަމަ އިންޓަނެޓާ އެއްކޮށް ލާނިން ކޮންޓިނިއުކުރާނެ ޕްލެޓްފޯމެއް،" އޭނާ ވިދާޅުވި އެވެ.
ދަރިވަރުން އޮންލައިންކޮށް ކިޔެވުމުގައި އިންޓަނެޓުގެ ރައްކާތެރިކަން އޮތް މިންވަރާ ބެހޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލުން މަޖިލީހުގެ ކޮމިޓީގައި އިއްޔެ ވާހަކަދައްކަވަނީ. ފޮޓޯ: މަޖލިސް
އޮންލައިން ކިޔެވުން ފުޅާކުރި އިރު ރައްކާތެރިކަން ކަށަވަރު ނުވުމުގެ ކަންބޮޑުވުންތަކާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިން ރައްކާތެރިކުރަން އަޅާނެ ގިނަ ފިޔަވަޅުތަކެއް މައިންބަފައިންނަށް ކިޔައިދީފައިވާ ސައިބަ ސޭފްޓީ އަތްމަތީ ފޮތެއް ކޮވިޑްގެ ކުރިން އެ ތަނުން ތައްޔާރުކޮށްފައިވާ ކަމަށެވެ. އެކަމަކު ކޮވިޑްގެ ބަންދާ ގުޅިގެން އެ ފޮތް ބެހުން މަޑުޖެހި، ފޮތްތައް "އަދި ހުރިހާ ބެލެނިވެރިންނާ ހަމައަކަށް ފޯރާފައެއް ނުވާނެ" ކަމަށް މިނިސްޓަރު ނައިބު މުހައްމަދު އިހުސާން ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ އެ މިނިސްޓްރީން ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޓީވީ ޕްރޮގްރާމް "ދިލާސާ"ގެ އެޕިސޯޑެއް، ކުޑަކުދިން އިންޓަނެޓު ބޭނުންކުރުމުގެ ރައްކާތެރިކަމަށް ހާއްސަކޮށްގެން ފޮނުވާފައިވާނެ ކަމަށެވެ. އޭގެ އިތުރުން ޓެލެކިލާސް ސެޝަންތައް މެދުވެރިކޮށް ދަރިވަރުންނަށް ވެސް މެސެޖުތައް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، ސައިބަ ސޭފްޓީ އަތްމަތީ ފޮތް މާޗް މަހު ނެރުއްވަނީ -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަނުން ބުނި ގޮތުގައި އިންޓަނެޓް ސޭފްޓީގެ މައްސަލައިގައި ކޮމިޓީގެ ކުރީގެ ބައްދަލުވުމެއްގައި އެކި ދާއިރާތަކުގެ މީހުން ދެއްކި ވާހަކަތަކަށް ފަހު މަސައްކަތު ގްރޫޕެއް ވަނީ އެކުލަވާލައިފަ އެވެ.
"ހުރިހާ ސްޓޭކްހޯލްޑާސް އޭގައި ބައިވެރިވެގެން އަދި ހަމަ މިނިސްޓީރިއަލް ސްޓިއަރިން ކޮމިޓީއަކާ އެކީގައި ކުރިއަށް މި ގެންދަނީ، ނެޝަނަލް ސްޓްރެޓެޖީއެއް އެކުލަވާލުމުގެ މަސައްކަތް ފަށަން ވެގެން،" ޑިރެކްޓަ ޖެނެރަލް ފާތިމަތު އައްޒަ ވިދާޅުވި އެވެ.
ވާހަކަދެއްކި މީހުން ނެގި އެންމެ ބޮޑު އެއް މައްސަލައަކީ މައިންބަފައިންގެ ފޯނުން ވެސް ކުދިން ނޭދެވޭ މަންޒަރުތައް ބެލުމެވެ. ޕީޖީ އޮފީހުން ވެސް އެކަން ފާހަގަކުރި އެވެ.
"ކުދިން ވަރަށް ސްމާޓް. ހިސްޓްރީ ވެސް ޑިލީޓްކޮށްފައި އަދި މި ގެޖެޓްތައް ޔޫޒްކުރާ އިރު ވެސް ތަފާތު ގޮތްގޮތަށް ބޭނުންކުރަން ދަސްވެފައިވާތީ ބެލެނިވެރިން ވަރަށް ބޮޑަށް ހޭލުންތެރިކުރުވަން އެބަ ޖެހޭ،" ކުދިން ކިޔަވަން ގެންގުޅޭ ޓެބްލެޓާއި ބެލެނިވެރިންގެ ފޯނު ބޭނުންކުރުމާ ބެހޭ ގޮތުން ސިޔާނަތު ވިދާޅުވި އެވެ.
މައިންބަފައިންގެ ސަމާލުކަމާއި ހޭލުންތެރިކަން ކުޑަވުމަކީ، އުރީދޫން ބުނިގޮތުގައި، އިންޓަނެޓުގެ ނުރައްކާތަކަށް ކުޑަކުދިން ހުށަހެޅިފައިވާ މައިގަނޑު ސަބަބެވެ.
"ޕޭރެންޓުގެ ފޯނު އޮންނާނީ ދަރިފުޅު އަތުގައި. ދަރިފުޅު ހުރިހާ ކަމެއް ކުރާނީ. ޕޭރެންޓަށް ހަމައެކަނި ވައިބާ އިން މެސެޖެއް އައިމަ ފޮޓޯ ދައްކާލާކަން އެކަނި،" ނިޔާޒު ވިދާޅުވި އެވެ.
"ގޭގައި އިންޓަނެޓު ކެނޑިއްޖެއްޔާ ދަރިފުޅަށް ގޮވާލާނީ... އަޅުގަނޑުމެންގެ ކޯލް ސެންޓަރަށް ވެސް ހަމަ ގުޅާލާނެ ކުޑަކުދިން... ދެން ހަމަ ރައުޓަ ރީސްޓާޓްކުރުމާއި މި ހުރިހާ ކަމެއް ކުރާނީ ގޭގައި މި އުޅޭ ފަސް އަހަރު، އަށް އަހަރުގެ ކުދިން."
މި މައްސަލައިގެ ފުރަތަމަ ބައްދަލުވުމުގައި ކޮމިޓީގެ ބައެއް މެމްބަރުން ވަނީ ރާއްޖޭގައި ޕޯން ސައިޓުތައް ހުޅުވާލާފައި އޮންނަ މިންވަރާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ ސަނީފު ވިދާޅުވީ އިންޓަނެޓު ކުންފުނިތަކަށް "ބޮޑެތި ނަފާ އެކަމުން ލިބޭތީވެ އެކަން އެ ގޮތަށް ކުރަނީ" ކަމަށާއި އެކަމަކު "ސަރުކާރަކުން ރައްޔިތުންނަށްޓަކައި ނަގަން ޖެހޭ ފިޔަވަޅުތަކެއް ހުންނާނެ" ކަމަށެވެ.
"އެ ފިޔަވަޅުތައް ނޭޅޭތީވެ، އެ ގޮތަށް އަސްލު ސާވިސް ޕްރޮވައިޑާ އަށް އެ ހިދުމަތްތައް އެ ދެވެނީ،" އޭނާ ވިދާޅުވި އެވެ.
ސަނީފު ވިދާޅުވީ އޭގެ ނަތީޖާއެއްގެ ގޮތުން، "ދިވެހިރާއްޖެ ނޫނީ ވަންނަން ނުޖެހޭ ކަހަލަ ސައިޓުތަކަށް ފްރީކޮށް، ވަރަށް ފަސޭހަ އިން ހަމައެކަނި އަކުރެއް ޖަހާލައިގެން ވަދެވޭ ގައުމެއް ނޯންނާނެ" ކަމަށެވެ.
"ކޮންމެ ކުއްޖެއްގެ ފަހަތުގައި މައިމީހާ އަށް ނޫނީ ބަފަޔަށް އެހެން ހަމަ ނީނދެވި ހިނގައިދާނެ، ކޮންމެ ވަގުތެއްގައި،" ކޮމިޓީގެ މެމްބަރުން ވަކިން ބޭއްވި އެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ މިހާ ފަސޭހަކަމާ އެކީގައި އެ ބާވަތުގެ ސައިޓުތަކަށް ވަދެވޭ ކަމަށް ވެއްޖެއްޔާ އާއްމުކޮށް ޓީނޭޖު އުމުރުގައި ހަމަ ކުދިން އެކި ވިސްނުންތައް ހުންނާނެ. މާ ބޮޑު އެ ކުދިންގެ ހިޔާލެއް ފިކުރެއް ނެތި ކުރެވޭ، ކަންތައްތަކެއް ހުރެދާނެ. އޭގެ ނަތީޖާއަކަށް މި ވަނީ ބޮޑެތި މީހުންގެ ޝިކާރައަކަށް އެ ކުދިން ބަދަލުވެގެން މި ދަނީ އެ ބާވަތުގެ ކަންތައްތަކުގެ ތެރެއިން."
ތިނަދޫ އުތުރު ދާއިރާގެ މެމްްބަރު އަބްދުﷲ ސަނީފް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.
އެކަމަކު އުރީދު އާއި އިންޓަނެޓު ކުންފުނިތަކުގެ ތެރެއިން ކޮމިޓީ އަށް ދެން ދިޔަ ރާއްޖެ އޮންލައިނުން ވެސް ބުނީ އިންޓަނެޓަކީ ކުދިންނަށް ރައްކާތެރި އެއްޗެއްކަން ކަށަވަރުކުރަން އެންމެ ބޮޑަށް ބޭނުންވަނީ ހޭލުންތެރިކަން ކަމަށެވެ.
އާރުއޯއެލްގެ ޑިރެކްޓަ އޮފް ކޮމާޝަލް ސާވިސް މުހައްމަދު ޖިނާހު އިބްރާހީމް ވިދާޅުވި ގޮތުގައި ފަޔަވޯލް ލުން ފަދަ ހައްލުތައް އައިއެސްޕީ އަށް ފޯރުކޮށްދެވެން އޮތަސް "90 ޕަސެންޓަށް ވުރެ ބޮޑު ބައެއް" އެއީ ހޭލުންތެރިކަމެވެ.
"ކޮންމެ ގޮތެއް ވިޔަސް ކޮންމެވެސް ވަރަކަށް ކަންނޭނގެ، އަޅުގަނޑުމެންނަށް އެ ޕްރޮޓެކްޝަން ލެވޭނީ،" ޖިނާހު ވިދާޅުވި އެވެ.
"އެއީ އެއް ޕްރިކޯޝަނަރީ [ފިޔަވަޅެއް] ލާ އިރަށް ދެން އެހެން ގޮތަކަށް އޭތި ހަމަ ބޭނުންކުރަން ފަށާނެ."
އެކަމަކު ކޮމިޓީގެ މެމްބަރު އައްޑޫ މީދޫ ދާއިރާގެ ރޮޒައިނާ އާދަމް ފާހަގަކުރެއްވި ގޮތުގައި މައިންބަފައިން ހޭލުންތެރިކުރުމުގެ ދައުރު އައިއެސްޕީ އަށް ވެސް އަދާކުރެވިދާނެ އެވެ. އިންޓަނެޓު ގުޅައިދޭ އިރު ނުވަތަ ހިދުމަތް ފޯރުކޮށްދިނުމުގެ ތެރެއިން ބެލެނިވެރިންނަށް މައުލޫމާތު ކަރުދާހެއް ދީ، ކުދިން ރައްކާތެރިކުރަން ކުރެވިދާނެ ކަންކަން ބުނެދޭން އޭނާ އެދިވަޑައިގެންނެވި އެވެ.
"ވަރަށް ގިނަ ޕޭރެންޓުން އެބަ ބޭނުންވޭ ކޮންޓްރޯލްތަކެއް ބަހައްޓަން. އެކަމަކު އެ ބޭފުޅުންނަކަށް ނޭނގޭ އެކަން ކުރާނެ ގޮތެއް. ދެން ތި ވިދާޅުވާހެން ކުއްޖާ ލައްވާ އަނެއްކާ އެކަން ވެސް ހޯދަންވީ. އެ ގޮތެއް ކަމަކު ނުދާނެ،" ރޮޒައިނާ ވިދާޅުވި އެވެ.
އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތަކުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑެއް ކަނޑައަޅަން، ކޮމިޓީ ބައްދަލުވުމުގައި، އާކް އިން ލަފާދިނެވެ. އެ ޖަމްއިއްޔާގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު މުރުތަލާ މޫސާ ވިދާޅުވީ މިހާރު ވެސް ބައެއް ކުންފުނިތަކުން ކުޑަކުދިންނަށް ހާއްސަ ސޭފްޓީ ފީޗާސް ފޯރުކޮށްދޭ ކަމަށާއި އެކަމަކު ބައެއް ކުންފުނިތަކުން އެކަން ކުރަނީ ފައިސާ ނަގައިގެންކަން، މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.
"އެހެންވީމާ އެކަހަލަ ޗައިލްޑް ފްރެންޑްލީ ފީޗާސްތަކަކީ އިތުރު އަގެއް ނުނަގާ ފޯރުކޮށްދޭން ޖެހޭ ހިދުމަތެއް ގޮތަށް ކަނޑައެޅިދާނެ، މިސާލަކަށް އެތިކަލް ސްޓޭންޑަޑްސްތަކެއްގެ ތެރެއިން،" އޭނާ ވިދާޅުވި އެވެ.
އިންޓަނެޓު ކުންފުނިތަކުން ނޭދެވޭ ކޮންޓެންޓް ފިލްޓަކުރާ އުސޫލުތަކެއް ހުންނަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް ބުންޏެވެ.
"ހާއްސަކޮށް ކުދިންނާ ގުޅުން ހުރި ގައިޑްލައިންތަކެއް ހެދެން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ޑިރެކްޓަ ޖެނެރަލް އަހުމަދު އާތިފް ވިދާޅުވި އެވެ.
ސްކޫލު ގައިޑް: ސްކޫލަށް ދާން ކެތް މަދުވެފައި!
ގޭގައި ކިޔަވައިދޭއިރު ބެލެނިވެރިން ވިސްނަންވީ ކަންތައް
ޑޮންގްލް ދެނީ އިންޓަނެޓް ނުލިބޭ ދަރިވަރުންނަށް
ކިޔެވުން އޮންލައިންކޮށް، އިންޓަނެޓަކަށް ނުވަދެވޭ
ސްކޫލްތައް ހުޅުވަން އަށް މިލިއަން ރުފިޔާ ބޭނުންވޭ
ދަރިވަރުންނާ ބެހުނު ތުހުމަތަށް 3 ޓީޗަރަކު ސަސްޕެންޑް!
ކުދިންތަކަކާ ބެހުނުކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރު
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
ޓީޗަރަކު ދަރިވަރުންތަކެއް ގްރޫމްކުރި މައްސަލައެއް
އަގުބޮޑުވެ، އަރަބިއްޔާ އިމާރާތުގެ އެއްބަސްވުން ބާތިލް