Roadha Mihaaru
ލޯކަލް ޕްލެޓްފޯމުގައި އިންޓަނެޓު ބޭނުންވާ ވަރު މަދުވާނެ

އެޑިއުކޭޝަންގެ ލޯކަލް ޕްލެޓްފޯމުގައި އިންޓަނެޓު ބޭނުންކުރާ މިންވަރު ވަރަށް މަދުވާނެ: މިނިސްޓްރީ

31 މެއި 2021

ދަރިވަރުން އޮންލައިންކޮށް ކިޔެވުމަށް ހާއްސަކޮށްގެން ރާއްޖެއިން ތައްޔާރުކުރި ފްލެޓުފޯމުގައި އިންޓަނެޓު ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިވަރުން އޮންލައިންކޮށް ކިޔެވުމަށް ހާއްސަކޮށްގެން ރާއްޖެއިން ތައްޔާރުކުރި ފްލެޓުފޯމުގައި އިންޓަނެޓު ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކޮވިޑު-19 އާ ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދެމުން އަންނަތާ ދޮޅު އަހަރުވަނީ އެވެ. މި މުއްދަތުގެ ތެރޭގައި ސްކޫލުތައް ހުޅުވައި އެކި ގްރޭޑުތަކަށް ކިޔަވައިދިން ނަމަވެސް ދަށް ގްރޭޑުތަކުގެ ދަރިވަރުންނަށް ސްކޫލުގައި ކިޔަވައިދެވިފައިވަނީ ވަރަށް މަދު ދުވަސްތަކެއްގަ އެވެ.

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ރާއްޖޭގެ 70 އަށްވުރެ ގިނަ ރަށް މޮނިޓަރިންގެ ހާލަތުގައި އޮތުމުން އެ ސްކޫލުތައް ބަންދުކޮށްގެން ވެސް ކިޔަވައިދެނީ އޮންލައިންކޮށެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އޮންލައިންކޮށް ކިޔަވައިދިނުމުގައި ދިމާވާ ޑޭޓާ މައްސަލައަށް ރަނގަޅު ހައްލެއް ހޯދުމަށްޓަކައި ލޯކަލް ޕްލެޓްފޯމެއް ގާއިމްކޮށްފައިވާ ކަމަށެވެ. އަންނަ ހަފުތާގައި ބައެއް ސްކޫލުތަކުގައި އެ ފްލެޓްފޯމް ޓެސްޓުކުރުމުގެ ގޮތުން ބޭނުންކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޮގަސްޓް މަހު ފަށާ ދިރާސީ އާ އަހަރާ އެކު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ލޯކަލް ޕްލެޓްފޯމް ބޭނުންކުރަން ފަށާނެ ކަމަށެވެ.

އެކަން ތަފްސީލުކޮށްދެއްވައި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓާ މޫސާ އާދަމް "މިހާރު" އަށް ވިދާޅުވީ ދަރިވަރުން މިހާރު ކިޔަވަން ބޭނުންކުރަނީ ބޭރުގެ ވެބްސައިޓުތަކަށް ވުމުން އިންޓަނެޓްގެ ހަރަދު ކުޑަކުރުމަށް ގޮންޖެހުމެއް ދިމާވާ ކަމަށެވެ. ނަމަވެސް ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާ ގުޅިގެން ތައްޔާރުކުރި ލޯކަލް ޕްލެޓުފޯމުން އެ މައްސަލައަށް ވަރަށް ބޮޑަށް ހައްލެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސާވިސް ޕްރޮވައިޑަރުންގެ އެހީއާ އެކު، ލޯކަލް ޕްލެޓުފޯމުގައި އިންޓަނެޓް ބޭނުންކުރާނީ ވަރަށް ކުޑަކޮށް ކަމަށެވެ.

"މިސާލަކަށް ގޫގުލް މީޓުކޮށްގެން އެކި ވިޔަފާރިވެރިން ވެސް ބައްދަލުވުންތައް ބާއްވާނެ. އަޅުގަނޑުމެން ވެސް ދަރިވަރުންނަށް ކިޔަވައިދިނުމުގައި ބޭނުންކުރަނީ ގޫގުލް މީޓާއި ޒޫމާއި މި އެއްޗެހި. މި އެއްޗިއްސަކީ މިހާރު ވިޔަފާރިވެރިން...ވެސް ބޭނުންކުރައްވަނީ ހަމަ އެ އެޕްލިކޭޝަން. އެ އެޕްލިކޭޝަންތައް އަގުހެޔޮކުރުމުގައި ސާވިސް ޕްރޮވައިޑަރުންނަށް ހުންނާނެ ގޮންޖެހުންތަކެއް،" މޫސަ ވިދާޅުވި އެވެ.

"އެ ޕްލެޓްފޯމަކީ އެހެނިހެން ކަންކަމަށް ވެސް ބޭނުންކުރާ ޕްލެޓުފޯމުތައް. އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން މި ގާއިމްކުރަނީ ލޯކަލް، އެ ކަހަލަ ސޮލިއުޝަނެއް. އެ ސޮލިއުޝަން ބޭނުންކުރަނީ ތައުލީމީ ދާއިރާގެ ފަރާތްތަކުން،. މާނައަކީ މުދައްރިސުންނާއި ދަރިވަރުން ކިޔެވުމުގެ ކަންކަމުގައި އެންގޭޖުވާނެ ފްލެޓްފޯމެއް. އޭރަށް އެތަނަށް ނުވަންނާނެ އެހެން ބައެއް،"

އޭނާ ވިދާޅުވީ ތައުލީމީ ދާއިރާއަށް ހާއްސަ ޕްލެޓުފޯމަކަށް ވުމުން އެއަށް ވަނުމަށް އިންޓަނެޓު އަގުހެޔޮކޮށްދިނުމަށް އެދެވޭނެ ކަމަށެވެ.

"އިންޓަނެޓު ބޭނުން ނުވަނީއެއް ނޫން. އިންޓަނެޓް ބޭނުންވާ މިންވަރު ވަރަށް ބޮޑު ދަތުން، މިހާރު ވެސް އަގުހެޔޮ ވެފައި އިންނަ ވަރަށްވުރެ ބޮޑުތަނުން ހެޔޮކުރުމުގެ ނެގޯސިއޭޝަން އަޅުގަނޑުމެންނަށް ގެންދެވޭނެ،" މޫސަ ވިދާޅުވި އެވެ.

ޕްލެޓުފޯމަށް ވަނުމަށް ލޮގިން ހަދާފައި ވަނީ ދަރިވަރުންނާއި ޓީޗަރުންނަށް އެކަންޏަށެވެ. އެހެންވެ، ދަރިވަރުންނާއި ޓީޗަރުން މިހާރު ބޭނުންކުރާ ލޮގިން ފިޔަވައި އެހެން ލޮގިންއަކުން ނުވަދެވޭނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަނުން ދެ އެވެ.