Roadha Mihaaru
އާ އަހަރާއެކު ސަލާހުއްދީންގެ އާ އިމާރާތް ހުޅުވާނެ

އާ އަހަރާ އެކު، ސަލާހުއްދީން ސްކޫލްގެ އާ އިމާރާތް ހުޅުވާނެ

24 ޖުލައި 2023

ހުޅުމާލެ 2 ގައި އިމާރާތްކުރާ ބޮޑު ސްކޫލް، ސޮލާހުއްދީން ދިރާސީ އާ އަހަރާ އެކު އަންނަ މަހު ހުޅުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލެ 2 ގައި އިމާރާތްކުރާ ބޮޑު ސްކޫލް، ސޮލާހުއްދީން ދިރާސީ އާ އަހަރާ އެކު އަންނަ މަހު ހުޅުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރޭ ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ، މާލެ ސަރަހައްދުގައި އިމާރާތްކުރާ ތިން ސްކޫލް ހުޅުވޭނީ އަންނަ މަހުގެ ހައެއްގައި ފަށާ ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމްގެ ތެރޭގައި ކަމަށެވެ.

ނަމަވެސް، ސޮލާހުއްދީން ސްކޫލުން ޖާގަ ދިން ކުދިންގެ ބެލެނިވެރިންނާ އެކު ރެހެންދި ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ދިރާސީ އާ އަހަރު ފަށާ ފުރަތަމަ ދުވަހު ސްކޫލް ހުޅުވައި 44 ކްލާސް ރޫމުގައި އެއް ދަންފަޅި އަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ.

އެކަމަކު، ސްކޫލު ހުޅުވާއިރު ވެސް ފިނިޝިންގެ މަސައްކަތް ކުރަން ހުއްޓަސް، އެ ބައި ކުރިއަށް ގެންދާނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ކުދިންގެ ކިޔެވުން ނިންމުމުން، މެންދުރު ދަންފަޅީގަ އެވެ.

ސޮލާހުއްދީނުން ޖާގަ ހޯދަން 1،600 ދަރިވަރުން އެދުނެވެ. އެކަމަކު، އެ ތަނުން ޖާގަ ދީފައިވަނީ 1،200 ކުދިންނަށެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ފަސޭހަކަމާއެކު އެ ސްކޫލްގައި ކިޔެވޭނެ އެވެ. އެހެން ހުރިހާ ސްކޫލަކުން ލިބެން ހުންނަ ހިދުމަތްތައް ވެސް ސޮލާހުއްދީނުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލާހުއްދީން ސްކޫލް އިމާރާތް ކުރަން 2021 ވަނަ އަހަރު އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރީ، މިދިޔަ އަހަރުގެ އޭޕްރީލް މަހަށް ނިންމާ ގޮތަށް 118 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް، އެކި ސަބަބުތަކާ ހެދި މަސައްކަތް ނުނިމި ލަސްވީ އެވެ.