Roadha Mihaaru
އިންޓަނެޓު އަގުހެޔޮ ކުރުމުގެ ތައްޔާރީތައް ނިމިފައި

އިންޓަނެޓް އަގުހެޔޮ ކުރުމުގެ ތައްޔާރީތައް އޮތީ ނިމިފައި: ދިރާގު/ އުރީދޫ

27 ޖޫން 2021

ޖުލައި މަހުން ފެށިގެން އިންޓަނެޓު އަގުހެޔޮކުރަން ތައްޔާރު ވެފައިވާ ކަމަށް ރާއްޖޭގެ އެންމެ ބޮޑު ދެ ޓެލެކޮމް ކުންފުނި، ދިރާގާއި އުރީދޫން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޖުލައި މަހުން ފެށިގެން އިންޓަނެޓު އަގުހެޔޮކުރަން ތައްޔާރު ވެފައިވާ ކަމަށް ރާއްޖޭގެ އެންމެ ބޮޑު ދެ ޓެލެކޮމް ކުންފުނި، ދިރާގާއި އުރީދޫން މިއަދު ބުނެފި އެވެ.

މިދިޔަ މަހު ސަރުކާރުން ވަނީ އަންނަ މަހުން ފެށިގެން އިންޓަނެޓްގެ އަގުހެޔޮކުރަން އިއުލާންކޮށްފަ އެވެ. މި ބަދަލުތައް ފިޔަވަހިތަކަކަށް ބަހާލައިގެން ގެންނައިރު ފުރަތަމަ ފިޔަވަހީގައި، އަންނަ މަހު އަގު ހެޔޮކުރާނީ ބްރޯޑްބޭންޑުގެ ހިދުމަތެވެ.

އުރީދޫން "މިހާރު" އަށް ބުނީ ޖުލައި މަހުގެ 1 އިން ފެށިގެން ސަރުކާރުން އިއުލާނުކޮށްފައިވާ ގޮތަށް އަގުތަކަށް ބަދަލު އަންނާނެ ކަމަށެވެ.

ސަރުކާރުން އިންޓަނެޓަށް ގެންނަ ބަދަލުތަކާ އެކު 30ޖީބީ 250ރ. އަށް ލިބޭއިރު 100ޖީބީ 500ރ. އަށް އަދި 200ޖީބީ 700ރ. އަށް ލިބޭނެ އެވެ. މި ބަދަލާ އެކު ޕެކޭޖުތަކުގެ ޑާޓާ ހުސްވިޔަސް ތުރޮޓުލް ސްޕީޑް 2 އެމްބީޕީއެސް އަށް ވުރެ ދަށް ނުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ދިރާގުގެ ސީނިއާ މެނޭޖާބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ސަރުކާރުން އަންގާފައިވާ ގޮތަށް ދިރާގުން ވެސް އަގުތަކަށް ބަދަލު ގެންނާނެ ކަމަށެވެ. އަދި އެ އަގުތައް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖުލައި އެއްވަނަ ދުވަހު، ސަރުކާރުން އަންގާފައިވާ ގޮތަށް އަގުތަކަށް ގެންނަ ބަދަލުތައް އިއުލާން ކުރާނެ. މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ތައްޔާރީތައް،" މިރުޝާން ވިދާޅުވި އެވެ.

ސަރުކާރުން އިއުލާން ކޮށްފައިވާ ގޮތުގައި އިންޓަނެޓް އަގުހެޔޮ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި 28-30 ޕަސެންޓް ހެޔޮވާނެ އެވެ. އަދި ހިދުމަތަށް ބަދަލު ގެނެސް ނިމޭއިރު 60-70 ޕަސެންޓް އަގު ހެޔޮވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ފުރަތަމަ ފިޔަވަހީގައި ބްރޯޑްބޭންޑުގެ އަގުތައް ހެޔޮ ކުރި ނަމަވެސް އޮކްޓޯބަރު މަހުން ފެށިގެން މޯބައިލް އިންޓަނެޓު ވެސް އަގު ހެޔޮ ކުރާނެ އެވެ.

ރާއްޖޭގެ މައި ދެ ޓެލެކޮށް ކުންފުނީގެ އިތުރުން އާރުއޯއެލް އިން ވެސް ވަނީ ސަރުކާރުގެ ނިންމުމާ އެއްގޮތަށް އަންނަ މަހުން ފެށިގެން އިންޓަނެޓު އަގުހެޔޮ ކުރާނެ ކަމަށް ބުނެފަ އެވެ.