Roadha Mihaaru
އިންޓަނެޓްގެ އާ އަގުތައް އިއުލާންކުރުން މާދަމާ

އިންޓަނެޓްގެ ހެޔޮއަގުތައް އިއުލާން ކުރުން މާދަމާ އަށް ފަސްކޮށްފި

24 މެއި 2021

އިންޓަނެޓުގެ ހެޔޮ އަގުތައް މިއަދު އިއުލާންކުރަން ކުރިން ހަމަޖެހިފައި އޮތަސް، އެކަން މާދަމާ އަށް ފަސްކޮށްފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

އިންޓަނެޓުގެ ހެޔޮ އަގުތައް މިއަދު އިއުލާންކުރަން ކުރިން ހަމަޖެހިފައި އޮތަސް، އެކަން މާދަމާ އަށް ފަސްކޮށްފި އެވެ.

އެންވަޔަރުމެންޓް، ކްލައިމަޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އިންޓަނެޓުގެ ހިދުމަތުގެ އާ އަގުތައް އިއުލާންކުރުން މާދަމާ އަށް ފަސްކުރީ އިދާރީ ބައެއް ކަންކަން އަދި ނުނިމޭތީ އެވެ.

އެނގިފައިވާ ގޮތުގައި އާ އަގުތައް އިއުލާން ކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 10 ޖަހާއިރު އޮންލައިންކޮށެވެ.

އިންޓަނެޓުގެ އަގު ހެޔޮކުރުމަށްޓަކައި ކަމާ ބެހޭ ބައެއް އިދާރާތަކުން ބައްދަލުވުންތައް ބާއްވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އިންޓަނެޓުގެ ހިދުމަތުގެ އަގުތަކަށް ބަދަލު ގެންނަން އެއްބަސްވެފައި ވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، މިހާރު ތިބި އޮޕަރޭޓަރުންގެ އިތުރުން އެހެން އޮޕަރޭޓަރުންނަށް ފުރުސަތު ނުދޭ ގޮތަށެވެ. އަދި މި މުއްދަތަށް ފަހު އަލުން އަގުތައް މުރާޖައާ ކުރުމަކީ ސަރުކާރާއި އޮޕަރޭޓަރުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ކަމަށް ވެ އެވެ.

ސަރުކާރުން ހުށަހަޅާފައި ވަނީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ. އަށް 30 ޖީބީ (ތްރޮޓުލް ސްޕީޑްގައި 2 އެމްބީޕީއެސް)، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް)، 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ. އަށް 200 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް) އެވެ. މިއީ ފިކްސް ބްރޯޑްބޭންޑަށް އެކަނި ކަނޑައަޅާ ގޮތެވެ.

އިންޓަނެޓުގެ އަގުހެޔޮ ކުރުމަކީ، މި ސަރުކާރު ވެރިކަމަށް އައުމުގެ އެންމެ ބޮޑު ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ކަންތަކެވެ. ސަރުކާރަށް ތިން އަހަރު ވާއިރު ވެސް އިންޓަނެޓްގެ އަގަށް ބަދަލު އައިސްފައި ނުވާތީ، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.