04 މެއި 2020
ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ މައި އެއް ތަނބު ކަމަށް ބެލެވޭ މުހައްމަދު ސޯލިހު މިއަދު އަވަހާރަވެއްޖެ އެވެ.
ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ މައި އެއް ތަނބު ކަމަށް ބެލެވޭ މުހައްމަދު ސޯލިހު މިއަދު އަވަހާރަވެއްޖެ އެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސަރުގެ މަގާމުގައި ހުންނެވި ސޯލިހު، އުމުރުން 63 އަހަރުގައި، އަވަހާރަވީ ހާލުކޮޅު ގޯސްވެގެން ރޭ އައިޖީއެމްއެޗުގައި އެޑްމިޓްކުރި ފަހުން، މިއަދު ހެނދުނެވެ.
އެއާ ޓްރެފިކް ކޮންޓްރޯލަރުގެ ކޯސް ހަދަން ރާއްޖެއިން ބޭރަށް ފޮނުވި ފުރަތަމަ ބެޗުގައި ހިމެނިވަޑައިގެންނެވި ސޯލިހު 1978 އިން ފެށިގެން، ރާއްޖޭގެ މައި އެއާޕޯޓްގައި ވަރަށް ބޮޑެތި ޚިދުމަތްތަކެއް ވަނީ ކުރައްވައިފަ އެވެ. އޭނާއާ އެކު މަސައްކަތްކުރެއްވި ބައެއް ބޭފުޅުން ސިފަކުރެއްވި ގޮތުގައި "ސޯލިހަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ މައި އެއް ތަނބެ"ވެ.
"ރާއްޖޭގެ އޭވިއޭޝަން ދާއިރާ ނަގާ ކޮޅަށް ޖެހުމުގައި ސޯލިހަކީ އެންމެ އިސް ބައެއް އަދާކުރެއްވި އެއް ފަރާތް،" އެމްއޭސީއެލްގެ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ)ގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި ތޯހާ އިބްރާހިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަލަނީ އެއީ ހަމަ އަސްލު ވެސް، ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ މައި އެއް ތަނބޭ."
ސ. ހިތަދުއަށް އުފަން ސޯލިހު، މަޖީދިއްޔާ އިން ކިޔަވާ ވިދާޅުވުމަށް ފަހު އެއާ ޓްރެފިކް ކޮންޓްރޯލަރެއްގެ ވަޒީފާ ޚިޔާރުކުރެއްވުމަކީ ވެސް، އޭނާގެ ގާތް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ގައުމަށް ރަނގަޅު ނިންމެވުމެކެވެ. އޭގެ ސަބަބުން އޭވިއޭޝަން ދާއިރާގެ ތަޖުރިބާއާ އެކު އެއާޕޯޓްގައި ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއްގެ އެހީތެރިކަން، 40 އަހަރަށް ވުރެ ދިގު މުއްދަތެއްގައި، އެމްއޭސީއެލްއަށް ލިބުނެވެ.
މިހާރު ބޭނުންކުރާ އެކަމަކު މުސްކުޅިވެފައިވާ ބައިނަލްއަގުވާމީ ޓާމިނަލް އެޅުމުގެ ކުރިން، އަދި ވަރަށް އާދައިގެ ގޮތަކަށް ރާއްޖޭގެ އޭވިއޭޝަން ދާއިރާ އޮތް އިރު، ބޭރުން ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ހޯއްދެވި ތަމްރީނުން އެކަމަށް ވަރަށް ބޮޑު ލޯތްބެއް ޖެއްސުވި އެވެ. އޭގެ ފަހުން އޭނާ ވެވަޑައިގަތީ އޭވިއޭޝަން ދާއިރާގެ އެންމެ މައުލޫމާތު މުއްސަނދި އެއް ދިވެއްސަށެވެ.
އެއާ ޓްރެފިކް ކޮންޓްރޯ ބައިގެ އެންމެ އިސް މަގާމަށް ފަހު އޭވިއޭޝަން ސޭފްޓީގެ ދާއިރާގައި ވެސް ސޯލިހު ވަނީ އެމްއޭސީއެލްގައި އިސް ދައުރެއް އަދާކުރައްވައިފަ އެވެ.
ގާތް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ސޯލިހު ނޭނގޭ މީހުންނަށް އޭނާއަކީ ވަރަށް ރުޅިގަދަ ބޭފުޅެއްގެ ގޮތުގައި ފެނިދާނެ އެވެ. އެކަމަކު ހަގީގަތަކީ، އެ ބޭފުޅުން ވިދާޅުވި ގޮތުގައި، އެއީ އޮފީސް ކަންކަމުގައި ހަރުކަށި އެކަމަކު ވަރަށް ހިތްހެޔޮ ބޭފުޅެއް ކަމެވެ.
ތޯހާ ވިދާޅުވީ އޮފީހަށް ފަރުވާކުޑަކުރެއްވުމަކީ ސޯލިހުގެ ނެތް ސިފައެއް ކަމަށެވެ. އޮފީހަށް ގަޑިއެއް ނުޖެހެ އެވެ. ބޭކާރު ގޮތުގައި ސަލާމުގައި ނުހުންނަވަ އެވެ.
"އޮފީހުގެ މަސައްކަތުގައި ވަރަށް ހަރުކަށި ގޮތްތަކެއް ގެންގުޅުއްވާނީ. އެއީ އޭނާ ވެސް ވަރަށް ބަރާބަރުވާނެ ގަވާއިދުތަކަށް. އެކަމަކު ވަރަށް ހިތްހެޔޮވާނެ. މުވައްޒަފުން ލައްވާ ކަންކަން ކުރުވަން ބާރުއަޅާނެ،" ތޯހާ ވިދާޅުވި އެވެ.
ރާއްޖޭގައި ފުރަތަމަ ހެލިކޮޕްޓަރު ދުއްވަން ފެށުމާއި ސީޕްލޭން އޮޕަރޭޓް ކުރަން ފެށިއިރު ސޯލިހު ކުޅުއްވި ރޯލް ވަރަށް މުހިންމެވެ. އެ ދެ ބާތުގެ ވައިގެ ހިދުމަތް ތައާރަފުވީ، އޭގެ އޭވިއޭޝަން ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމުގައި ސޯލިހުގެ މުހިންމު ދައުރެއް އޮވެގެންނެވެ. އެހެންކަމުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ތަރައްގީއަށް އެޅި އެ ފިޔަވަޅުގައި، ވައިގެ ސަލާމަތީ ކަންކަން ހިންގާނެ ގޮތްތައް އެކަށައެޅި، އޭގެ ތަމްރީންތައް ކަމާ ބެހޭ މުވައްޒަފުންނަށް ދިނުމުގައި، ސޯލިހުގެ ޚިދުމަތް ފާހަގަކުރެވެ އެވެ.
"އެއާޕޯޓް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް ގާއިމްކުރުމުގައި ވެސް ސޯލިހުގެ އިސް ދައުރެއް އޮތް،" ތޯހާ ވިދާޅުވި އެވެ.
އެމްއޭސީއެލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ "ސޯލިހަކީ މައުލޫމާތު މުއްސަނދި، ހީވާގި ބޭފުޅެއް" ކަމަށެވެ.
"އެއާޕޯޓްގެ ތަރައްގީގައި ހިންގި ބޮޑެތި މަޝްރޫއުތަކުގައި ސޯލިހު ވަރަށް ބޮޑަށް ބައިވެރިވި. އޭވިއޭޝަން ސޭފްޓީގައި އޭނާގެ ވަރަށް މައުލޫމާތު ހުންނާނެ. އެއާޕޯޓްގެ އެންމެ ތަޖުރިބާކާރު އެކެއް އެއީ،" އާދިލް ވިދާޅުވި އެވެ.
އާ ރަންވޭ އާއި އާ ސީޕްލޭން ޓާމިނަލާއި އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަޝްރޫއުގައި ސޯލިހު ކަހަލަ ބޭފުޅަކު ހުންނެވުމަކީ އެމްއޭސީއެލްއަށް ލިބުނު ބޮޑު އެހީއެއް ކަމަށް، އެތަނުގެ ވެރިން ގަބޫލުކުރައްވަ އެވެ.
ކަން ދިމާކުރި ގޮތުން ނޮވެމްބަރު 3، 1988 ގެ ހަމަލާ މާލެއަށް އަމާޒުވި އިރު، ޓަވަރުގެ ޑިއުޓީގައި ހުންނެވީ ސޯލިހެވެ. ރާއްޖޭގެ މައި އެއާޕޯޓް ބަންދުވެގެން އެއް ދުވަސް ދިޔަ އެވެ. އެ ދުވަހުގެ ރޭ އެއާޕޯޓަށް ފުރަތަމަ އޮޕަރޭޓްކުރީ އިންޑިއާގެ ވައިގެ ސިފައިންގެ ބޯޓެކެވެ. އޭރު ޓެރަރިސްޓުން މާލެ ދޫކޮށް ދިޔައީ ކަމެއް ނުވަތަ އޭރުވެސް ތިބީ ކަމެއް، އެކަކަށް ވެސް ކަށަވަރެއް ނޫނެވެ.
އެކަމަކު ފަހުން އެނގުނު ގޮތުގައި ބޯޓު ޖެއްސި އިރު، ޕްރޮގްރެސް ލައިޓްގައި ތަމަޅަ ޓެރަރިސްޓުން، ގާދޫކޮލުން ނުކުންނަނީ އެވެ.
އިންޑިއާ އެއާ ފޯސްގެ ބޯޓު ޖެއްސީ ސޯލިހުގެ މަގު ދެއްކުމުގެ ތެރެއިންނެވެ. މިއީ ޓެރަރިސްޓުންނާ ދެކޮޅަށް ނުކުންނަން ރާއްޖެ އައި އިންޑިއާ ސިފައިންގެ ފުރަތަމަ ގްރޫޕެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތު އެމަޖެންސީ އިއުލާންކުރުމާ އެކު، އެމްއޭސީއެލުން އެތަނުގެ 55 އަހަރުން މަތީގެ އެންމެން ގޭގައި ބޭތިިއްބި އެވެ. އެގޮތުން ސޯލިހު ވެސް ހުންނެވީ ގޭގަ އެވެ.
ރާއްޖޭގައި ދުވާލަކު މަތިންދާބޯޓުގެ 1200 މޫވްމަންޓް
"އެޕެކްސް އިން ސެކިއުރިޓީ" ޕްރޮގްރާމް ފަށައިފި
ދުނިޔެއަށް ކުރިމަތިވި އައިޓީ މައްސަލަ ރާއްޖެއަށް ވެސް
ޓޫރިޒަމަށް، އޭވިއޭޝަން ހިދުމަތްތައް ވަރުގަދަކުރަންޖެހޭ
އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފަށައިފި
އެއާޕޯޓުގައި ޖެޓްތައް ޕާކުކުރާނެ ޖާގަ އިތުރުކޮށްފި
އޭރޮނޯޓިކަލް މެސެޖް ހޭންޑްލިން ސިސްޓަމް ޒަމާނީކޮށްފި
އާ ރަންވޭ ހުޅުވަން ދަތުރުތައް މެދުކަނޑާލަނީ
އާ ރަންވޭ ބޭނުންކުރަން ފަށަނީ އަންނަ މަހުގެ 6 ގައި
ވީއައިއޭގެ ޗެކިން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ