Roadha Mihaaru

ވައި ވަރަށް ގަދަ, ފްލައިޓުތައް ނުޖެއްސިގެން ބުރުޖަހަނީ!

ވައިބާރުވުމުން ބައެއް މަތިންދާބޯޓުތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ނުޖެއްސިގެން މަތީގައި ބުރުޖަހަން ޖެހިއްޖެ އެވެ.

ވައި ގަދަ, ފްލައިޓުތައް ނުޖެއްސިގެން ބުރުޖަހަނީ!
އިފްރާޒް އަލީ
އިފްރާޒް އަލީ

12 ޖުލައި 2025

ވައިބާރުވުމުން ބައެއް މަތިންދާބޯޓުތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ނުޖެއްސިގެން މަތީގައި ބުރުޖަހަން ޖެހިއްޖެ އެވެ.

ފްލައިޓްރާޑަރު އެޕުން ދައްކާ ގޮތުގައި މެންދުރު ފަހު 3:00 ގައި ވީއައިއޭއަށް ޖައްސަން އޮތް އެމިރޭޓްސް އެއާލައިންގެ ބޮއިން 777ގެ މަތިންދާބޯޓެއް ވައިބާރުވުމުގެ ސަބަބުން ހުޅުލޭގައި ނުޖެއްސިގެން އަދިވެސް އޮތީ މަތީގަ އެވެ. އެއީ ފްލައިޓް އީކޭ652 އެވެ.

ސައުދި އަރަބިއްޔާގެ ޖިއްދާއިން މާލެއަށް ދަތުރުކުރާ ސައުދިއާ އެއާލައިންގެ ފްލައިޓް އެސްވީ824 ވެސް ހުޅުލެއަށް އަދިވެސް ނުޖެއްސެ އެވެ. އެއީ ބޮއިން 787-9 ޑްރީމްލައިނާ މަތިންދާބޯޓެކެވެ.

ޓީއެމްއޭގެ ދެ ސީޕްލޭނަށް ވެސް ހުޅުލެއަށް ނުޖެއްސިގެން ދަނީ ކައިރީގައި ބުރު ޖަހަމުންނެވެ.

ހުޅުލެއަށް މިވަގުތު ވައިގެ ބާރުމިން ހުރީ ގަޑިއަކު 31 މޭލުގަ އެވެ.

މި ހަފުތާގައި ބަންދުގައި މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. ހާއްސަކޮށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިބާރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުގައި މިއީ ހުޅަނގު މޫސުމުގެ ފުނޯސް ނަކަތުން 12 ވަނަ ދުވަހެވެ. މި ނަކަތުގައި އަންނަ ކޮޅިގަނޑުތަކުގައި ކުއްލިކުއްލިއަށް ވަރަށް ވައިބާރުވެ އެވެ.

މި ދެތިން ދުވަހު ކަނޑުމަތީގެ އެތައް ހާދިސާއެއް ހިނގައި ބޯޓެއް އަޑިއަށް ވެސް ގޮސްފައިވެ އެވެ. އަދި މިހާރުވެސް ދަނީ އެކަނި ޑިންގީއެއްގައި ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަނިކޮށް މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އުމުރުން 79 އަހަރުގެ އެ މީހާ ހޯދުމުގެ މަސައްކަތުގައި އުޅުނު ޑައިވަރުންނަށް މިއަދު ވަނީ އެ މީހާ ދަތުރުކުރި ޑިންގީ ކަނޑުގެ 10 މީޓަރު އަޑިން ފެނިފަ އެވެ.