Roadha Mihaaru
ވީއައިއޭގެ ޗެކިން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ

ވެލާނާ އެއާޕޯޓްގެ ޗެކިން ސިސްޓަމަށް މައްސަލައެއް ދިމާވެ ފްލައިޓްތައް ޑިލޭވެއްޖެ

01 އޯގަސްޓް 2022

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޗެކިން ސިސްޓަމްތަކަށް މިއަދު މައްސަލައެއް ދިމާވެ، ފްލައިޓްތައް ޑިލޭވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޗެކިން ސިސްޓަމްތަކަށް މިއަދު މައްސަލައެއް ދިމާވެ، ފްލައިޓްތައް ޑިލޭވެއްޖެ އެވެ.

އެމްއޭސީއެލް އިން މީގެ ތިން ގަޑިއިރު ކުރިން ކުރި ޓުވީޓެއްގައި ބުނީ ވެލާނާ އެއާޕޯޓްގެ ޗެކިން ސިސްޓަމްތަކަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޗެކިން ސިސްޓަމަށް މައްސަލަ ދިމާވުމާ ގުޅިގެން މިއަދު ހަވީރާއި މިިރޭ އޮތް ފްލައިޓްތަކުން ދަތުރުކުރާ ގިނަ ބަޔަކު ވަނީ ނުފުރި، އެއާޕޯޓްގައި ތާށިވެފަ އެވެ.

އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ޝައްމާން ޝާކިރު މިރޭ "މިހާރު" އަށް ވިދާޅުވީ ޗެކިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުނުވިި ނަމަވެސް މެނުއަލްކޮށް ފަސިންޖަރުން ޗެކިން ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ.

"މައްސަލަ ހައްލުވަންދެން މި ވަގުތު މެނުއަލްކޮށް ޗެކިން ކުރިއަށް ދާތީ ފްލައިޓްތަކުގެ ޑިލޭއެއް އުޅޭނެ،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކުރުމަށް ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.