12 އެޕްރީލް 2024
ރާއްޖޭގެ މުޅި އިގްތިސާދުގެ ދުވެއްޔާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ އޮތީ ގުޅިލާމެހިފަ އެވެ. އެކަން 2020 ވަނަ އަހަރު ދެތިން މަހަށް އެއާޕޯޓް ބަންދު ކުރުމުން ވެސް ވަރަށް ސާފުކޮށް ފެނުނެވެ. މުޅި އިގްތިސާދަށް ވަންނަ 70 ޕަސެންޓް އާމްދަނީ ހުއްޓުނެވެ. ދައުލަތަށް ލިބޭ އާމްދަނީން ގާތްގަނޑަކަށް 20 ބިލިއަން ރުފިޔާ ގެއްލުނެވެ. އެހެންވެ، އެއާޕޯޓުގެ އޮޕަރޭޝަން ނުހުއްޓި، އެންމެ ޒަމާނީ ހިދުމަތް ދޭ، ޓޫރިސްޓުން ގަޔާވާ ފަދަ ތަނަކަށް ހެދުމަކީ މިވަގުތު ކުރަން ޖެހޭ އެންމެ މުހިއްމު މަސައްކަތެވެ.
ރާއްޖޭގެ މުޅި އިގްތިސާދުގެ ދުވެއްޔާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ އޮތީ ގުޅިލާމެހިފަ އެވެ. އެކަން 2020 ވަނަ އަހަރު ދެތިން މަހަށް އެއާޕޯޓް ބަންދު ކުރުމުން ވެސް ވަރަށް ސާފުކޮށް ފެނުނެވެ. މުޅި އިގްތިސާދަށް ވަންނަ 70 ޕަސެންޓް އާމްދަނީ ހުއްޓުނެވެ. ދައުލަތަށް ލިބޭ އާމްދަނީން ގާތްގަނޑަކަށް 20 ބިލިއަން ރުފިޔާ ގެއްލުނެވެ. އެހެންވެ، އެއާޕޯޓުގެ އޮޕަރޭޝަން ނުހުއްޓި، އެންމެ ޒަމާނީ ހިދުމަތް ދޭ، ޓޫރިސްޓުން ގަޔާވާ ފަދަ ތަނަކަށް ހެދުމަކީ މިވަގުތު ކުރަން ޖެހޭ އެންމެ މުހިއްމު މަސައްކަތެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 58 އަހަރު ފުރުން މިއަދު ފާހަގަކުރާ އިރު، އެއާޕޯޓަށް އެކި ދުވަސްވަރުގެ ބަދަލުތައް ގެނެވުނެވެ. އެހެން ނަމަވެސް، ފަސިންޖަރުންނަށް ދޭ ހިދުމަތަށް ބޮޑު ބަދަލެއް ފެންނާނެ ފަދަ ގޮތަކަށް އެއާޕޯޓު ފުޅާ ކުރަން ފެށީ 2016 ވަނަ އަހަރުން ފެށިގެންނެވެ. އޭރު ފެށި މަސައްކަތް އަދިވެސް އޮތީ ނުނިމި އެވެ. އެ މަސައްކަތްތައް އެހާ ބޮޑަށް ލަސްވުމުން އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު މިހާރު ވެސް އެބަ ކުރެ އެވެ.
މިދިޔަ ނޮވެމްބަރު މަހު އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދިނީ އެއާޕޯޓުގެ ތަރައްގީގެ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ނިންމައި، ރާއްޖެއަށް އަންނަ ފަސިންޖަރުން އިތުރުކުރުމަށެވެ. އެކަން އެގޮތަށް ކޮށްފި ނަމަ ރާއްޖޭގެ އިގްތިސާދަށް ވަންނަ އާމްދަނީ އެތައް ގުނައަކަށް އަނެއްކާ ވެސް އިތުރުވާނެ އެވެ. އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވައިފި ނަމަ ރާއްޖޭގެ އިގްތިސާދީ ދުވެލި 4.9 ޕަސެންޓުން 5.2 ޕަސެންޓަށް އަރާނެ ކަމަށް ދާދި ފަހުން ވޯލްޑް ބޭންކުން އާންމުކޮށްފައިވާ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކުކޮށްފައި އޮތް މޯލްޑިވިއަންގެ ތިން ބޯޓު. އެއާޕޯޓުން ދޭ ހިދުމަތްތައް ފުޅާ ކުރަން ބޮޑު ޕްލޭނެއް ވަނީ ރާވައިފައި -- ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވީ، އަމާޒަކީ ވެލާނާ އެއާޕޯޓަކީ ވެސް އެންމެ މަތީ ފެންވަރުގެ ހިދުމަތް ދެވޭ ތަނަކަށް ހެދުން ކަމަށެވެ. އެގޮތުން ރާއްޖެ ދުނިޔެއަށް މަޝްހޫރުވެފައި އޮންނަނީ ލަގްޒަރީ ޓޫރިޒަމަށް ކަމަށްވާ އިރު އެއާޕޯޓުން ވެސް އެފަދަ ހިދުމަތްތަކެއް ޓޫރިސްޓުންނަށް ދިނުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމަށެވެ.
"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މިހާރު ހެދިފައި މިހިރީ ވަރަށް މަދު އަދަދެއްގެ ފަސިންޖަރުން ހޭންޑްލްކުރަން. ދޭތެރެ ދޭތެރެއިން މިފެންނަ ތޮއްޖެހުންތަކަކީ އަޅުގަނޑުމެންގެ ފިސިކަލް ކެޕޭސިޓީއާ އެކަށީގެންނުވާހާ ގިނަ އަދަދެއްގެ ޕަސިންޖަރުން އައުން. މި ހުޅުވާ އާ ޓާމިނަލަކީ، އެކަމަށް ހައްލު ހޯދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެއް މަސައްކަތް،" އޭނާ ވިދާޅުވި އެވެ.
އެއާޕޯޓު އެޅުމަށް އެންމެ ފުރަތަމަ ކުރި މަސައްކަތްތަކުގެ ކުރިން. އެއާޕޯޓަށް މިއަދު 58 އަހަރު މިވަނީ ވެފައި -- ފޮޓޯ: އެމްއޭސީއެލް
2023 ވަނަ އަހަރުގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަފާސް ހިސާބުތައް:
ޖުމްލަ އެއާ ޓްރެފިކް މޫވްމަންޓް: 62،866
ރާއްޖެއަށް މީހުން އައި އަދަދު: 2.8 މިލިއަން
ރާއްޖެއިން މީހުން ފުރި އަދަދު: 2.8 މިލިއަން
ކާގޯ އެތެރެވި އަދަދު: 41 މިލިއަން ކިލޯ ގްރާމް
ކާގޯ ބޭރުކުރި އަދަދު: 15 މިލިއަން ކިލޯ ގްރާމް
ޖުމްލަ ޓްރާންސްޝިޕްޓް ކާގޯ: 7.5 މިލިއަން ކިލޯ ގްރާމް
އެއާޕޯޓަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު: 32 (މިއަދާ ހަމައަށް)
އާ ކާގޯ ޓާމިނަލް ހުޅުވައިދެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ތަން ބައްލަވާލަނީ: ކާގޯ ޓާމިނަލް އިން ދޭ ހިދުމަތް އިތުރަށް ފުޅާކުރައްވަން ރައީސް ވަނީ ނިންމަވައިފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފަސިންޖަރުންގެ އެކްސްޕީރިއެންސް ރަގަނޅު ކުރުމަށްޓަކައި ބޭނުންވާ އަނެއް ކަމަކީ ލަސް ނުވެ މަތިންދާ ބޯޓުތައް ކަނެކްޓިން ޑެސްޓިނޭޝަންތަކަށް ފުރުވާލުމެވެ.
ޝަރީފު ވިދާޅުވީ، ފިއުލް ހައިޑްރަންޓް ސިސްޓަމާއި އެކު މިކަމަށް ބޮޑު ކުރިއެރުމެއް މިހާރު ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު މިހިރީ ފިއުލް ހައިޑްރަންޓް ސިސްޓަމެއް ލެވި ބޯޓު ކައިރިން ތެޔޮ އެޅޭނެ ގޮތްތައް ހެދިފައި ކަމަށާއި އޭގެ ސަބަބުން ވެސް ފްލައިޓުތައް ފުރުން އަވަސްވާނެ ކަމަށެވެ.
"ވެލާނާ އެއާޕޯޓުން ބޯޓުފުރުވާލާފައި އެހެން ކަނެކްޓިން ޑެސްޓިނޭޝަނަކަށް ދެވޭނެކަމުގެ ޔަގީންކަން އޮންނަންޔާ އެއާލައިންތައް މިތަނަށް އަންނަ ޖެހިލުމެއް ނުވާނެ. އެހެންވީމަ މިކަހަލަ ބައިވަރު އިތުރު ހިދުމަތްތަކެއް އެބަހުރި ފަރުދާގެ ފުރަގަހުގައި ކުރެވެމުންދާ،" އޭނާ ވިދާޅުވި އެވެ.
އާ ކާގޯ ޓާމިނަލް ހުޅުވައިދެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ތަން ބައްލަވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އާ ޕްލޭނެއް އެކުލަވައިލާ އެކަން އިއުލާނު ކުރިއިރު އެއާޕޯޓުގެ ބޮޑުކުރުމުގެ މަޝްރޫއުތައް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް އެޅުމަށް ސައުދީ ބިންލާދިން ގްރޫޕާ ސަރުކާރުން ހަވާލުކުރީ ވަނީ 2016 ވަނަ އަހަރު އެވެ. މީގެ އަށް ވަރަކަށް އަހަރު ކުރިން ފެށި އެ މަޝްރޫއުގެ ދަށުން ފަސިންޖަރުންގެ ޓާމިނަލް 78،000 އަކަ މީޓަރަކަށް ބޮޑުކޮށް، ހިދުމަތް ހޯދާ މީހުންގެ އަދަދު 7.5 މިލިއަން ފަސިންޖަރުންނަށް އިތުރު ކުރާނެ އެވެ. މިއަހަރު ނިމޭއިރު އާ ޓާމިނަލްގެ އޮޕަރޭޝަން ފެށުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.
ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ ޓަވަރާއި ރަންވޭ ސަރަހައްދު. އާ ރަންވޭ ވަނީ މިހާރު ބޭނުންކުރަން ފަށައިފައި -- ފޮޓޯ: އެމްއޭސީއެލް
އެއާޕޯޓުގެ ރަންވޭ މިހާރު ވެސް ވަނީ ދުނިޔޭގެ އެންމެ ބޮޑު އެއާލައިންތަކަށް ޖެއްސޭވަރުގެ ރަންވޭއަކަށް ބަދަލުކޮށްފަ އެވެ. އެގޮތުން އޭ380 މަތިންދާބޯޓަށް ޖެއްސޭވަރުގެ އެ ރަންވޭ މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ.
އެއާޕޯޓުގެ ކުރީގެ ފިއުލް ފާމްގެ ކެޕޭސިޓީއަކީ 15 މިލިއަން ލިޓަރެވެ. އަލަށް ހެދި ފިއުލް ފާމުގެ ކެޕޭސީޓީ ވަނީ 45 މިލިއަން ލިޓަރު އިތުރުވެފަ އެވެ.
އާ ފަސިންޖަރުންގެ ޓާމިނަލްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ. އެ ޓާމިނަލް މި އަހަރު ނިމުމުގެ ކުރިން ހުޅުވުމަކީ އާ ސަރުކާރުގެ އަމާޒެއް -- ފޮޓޯ: ނިޝާން އަލީ / މިހާރު
އާ ފިއުލް ފާމާ އެކު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 1.5 މިލިއަން ލީޓަރު ދޫކުރެވޭނެ ގާބިލްކަން ލިބޭނެ އެވެ. ފިއުލް ފާމް ސަރަހައްދުގައި ތެޔޮ އުފުލާ ބޯޓުތައް ކައިރި ކުރުމަށް ހާއްސަ ފާލަމެއް ހުންނާނެ އެވެ.
އާ ފިއުލް ފާމުގެ ބޭނުން ކުރަން ފެށި އިރު އާ ވީއައިޕީ ޓާމިނަލް ވެސް މިހާރު ވަނީ ބޭނުން ކުރަން ފަށައިފަ އެވެ. މިހާރު ވީއައިޕީއިން އެއް ފަހަރާ 95 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ދެ މަހެއްހާ ދުވަހުގެ ތެރޭ ވަނީ، އެއާޕޯޓުގައި މިހާރު ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކޮށް، އެއާޕޯޓު އިތުރަށް ބޮޑު ކުރަން އާ ޕްލޭންތަކެއް ރާއްވަވައިފަ އެވެ.
ކުރިއަށް އޮތް 20 އަހަރުގެ ތެރޭ ރާއްޖޭގެ އެއާޕޯޓަށް ހަތް މިލިއަނުން 25 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ގޮތް ހެދުމާއި ކޮންމެ ގަޑިއެއްހާ އިރަކުން 4،000 މީހުންނަށް އެއް ފަހަރާ ހިދުމަތް ދެވޭނެ ވަރުގެ އެއާޕޯޓަކަށް ހެދުމަށް ވަނީ ނިންމައިފަ އެވެ.
އެއާޕޯޓުގެ ޓަވަރުގައި ތިބި މުވައްޒަފުންތަކެއް. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަހަރު ވަނީ 2.8 ފަސިންޖަރުންނަށް ހިދުމަތްދީފައި -- ފޮޓޯ: އެމްއޭސީއެލް
އޭގެ އިތުރުން އެއާ ކާގޯގެ ހިދުމަތް ފުޅާކޮށް އެއް ލައްކަ އިން ތިން ލައްކަ މެޓްރިކް ޓަނަށް ކެޕޭސިޓީ އިތުރު ކުރުމަށް ޕްލޭންކޮށްފައިވެ އެވެ. އަދި އެއާޕޯޓުގެ ފިއުލް ކެޕޭސިޓީ 100 މިލިއަން ލީޑަރަށް ބޮޑުކޮށް، މެއިންޓަނެންސް، ރިޕެއާ އަދި އޮޕަރޭޝަންސް (އެމްއާރްއޯ ފެސިލިޓީ) އިތުރަށް ބޮޑުކުރާނެ އެވެ. އެއާޕޯޓުގެ ރައްކާތެރިކަން އިތުރުކުރަން އިތުރު ފިޔަވަޅުތައް އެޅުމަށް ވެސް އާ ޕްލޭންގައި އިސްކަން ދީފައިވެ އެވެ.
އިންޓަނޭޝަނަލް ދަތުރުތައް އިތުރުވާ ވަރަކަށް ރާއްޖޭގެ ޑޮމެސްޓިކް ދަތުރުތަކަށް ވެސް އިތުރަށް ބާރު ބޮޑުވެ އެވެ. އެހެންވެ، މިހާރު 300 ފަސިންޖަރުންނަށް ހިދުމަތް ދޭ އެތަނުގެ ކެފޭސިޓީ 2،000 އަށް އިތުރު ކުރަން ވަނީ ނިންމައިފަ އެވެ. އަދި ރާއްޖެއަށް އަންނަ ބިލިއަނަރުންގެ ޖެޓްތަކަށް ހާއްސަ ޓާމިނަލެއް ހެދުމަށް ވެސް ވަނީ ނިންމައިފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު. އެ އެއާޕޯޓު އިތުރަށް ތަރައްގީ ކުރަން 20 އަހަރުގެ ޕްލޭނެއް ވަނީ އާންމުކޮށްފައި -- ފޮޓޯ: އެމްއޭސީއެލް
މުޅި އިގްތިސާދު ހަމަ މަގަށް އެޅުވުމަށް، މިވަގުތު ކުރަން ޖެހިފައިވާ އެންމެ ބޮޑު އެއް މަސައްކަތީ، އެއާޕޯޓު ބޮޑުކޮށް، ހިދުމަތްތައް ފުޅާކުރުމެވެ. އާ ސަރުކާރުން އެއާޕޯޓު ބޮޑު ކުރުމުގެ ޕްލޭނަށް އެހާ ބޮޑު އިސްކަމެއް ދެނީ އެ ސަބަބުތަކާ ހެދި އެވެ. ރާއްޖޭގެ ޓޫރިޒަމް ތަރައްގީވަމުން އަންނަ ސްޕީޑުގައި އެއާޕޯޓު ފުޅާ ކުރުމަށް އާ ސަރުކާރުން ކުރާ މަސައްކަތްތައް ކާމިޔާބު ވެއްޖެ ނަމަ އިގްތިސާދުން އެ ބޭނުންވާ އަވަސް ތަރައްގީތައް ފެންނާނެ އެވެ.
ވީއައިއޭގެ ޗެކިން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ
ބޯޑަރު ހުޅުވިތާ މަހެއް، 399 ފްލައިޓު މޫވްމެންޓު
އެއާޕޯޓުގެ އެއާޓްރެފިކްގެ އާ ރެކޯޑެއް ހަދައިފި
މެލޭޝިއާ އެއާލައިންގެ ދަތުރުތައް އަލުން ފަށަނީ
"މާލީ ހާލަތުގެ އަސަރު އެއާޕޯޓު ޕްރޮޖެކްޓަށް ނުކުރާނެ"
ވީއައިއޭގެ ޓްރެފިކް މޫވްމަންޓްގެ އާ ރެކޯޑެއް
ވީއައިއޭ މަޝްރޫއު ތިން ގުނަ ބޮޑުކުރަން ނިންމައިފި
"ޑޮމެސްޓިކް ޓާމިނަލުން ޓެކްސީ ނެގޭގޮތް ހަމަޖައްސާނަން"
ޑޮމެސްޓިކް ޓާމިނަލަށް ޓެކްސީ މަޑުކުރެވޭ ގޮތް ހަދަނީ
މި ޓާމިނަލް ނުނިންމައި އެހެން ކަމެއް ކުރާނެކަމެއް ނެތް